ފާއިތުވި ބޮޑު ދެ މުބާރާތުގެ ގަދަ 16 އިން ސްޕެއިން ކެޓުމާއެކު މިހާރު ގިނަ ބައެއްގެ ހިތުގައި އުފެދޭނެ އެންމެ ބޮޑު ސުވާލަކީ މިރޭގެ މެޗުން ބަލިވެ ސްޕެއިން ޖެހިޖެހިގެން ތިންވަނަ ފަހަރަށް ބޮޑު މުބާރާތަކުން ބަލިވާނެތޯ ހެއްޔެވެ؟ ނުވަތަ ގޯލު ޖެހުމުގެ މައްސަލައަށް ހައްލެއް ގެނެސް މިރޭގެ މެޗުގައި މޮރާޓާ ގޯލު ޖަހައި ސްޕެއިން މޮޅުކޮށްދީފާނެ ހެއްޔެވެ؟
ޔޫރޯ 2008، ވޯލްޑް ކަޕް 2010 އަދި ޔޫރޯ 2012 ކާމިޔާބުކޮށް ތާރީހުގައި ރަން އަކުރުން ވިދާލުމަށް ފަހު ސްޕެއިނަށް ބޮޑެތި މެޗުތައް ގެއްލެން ފެށީ ކުއްލިއަކަށެވެ. އަދި މުބާރާތްތަކުން ގެއްލެން ފެށި އެވެ. އޭގެ ފަހުން ކުޅުނު ބޮޑު ދެމުބާރާތް، ވޯލްޑްކަޕް 2018، ޔޫރޯ 2016) ގައި ސްޕެއިން ވަނީ ނޮކްއައުޓް ސްޓޭޖުން ކަޓާފަ އެވެ. ޔޫރޯ 2016 އިގެ ނޮކްއައުޓް ސްޓޭޖްގައި އިޓަލީއާއި އަތުން ބަލިވި އިރު، 2018 ވަނަ އަހަރު ވޯލްޑް ކަޕް ގަދަ 16 ގައި ރަޝިޔާ އާއި ވާދަކޮށް ސްޕެއިން ވަނީ މުބާރާތުން ކަޓާފަ އެވެ.
މިހާތަނަށް ޖެހިޖެހިގެން ތިން ނޮކައުޓް ސްޓޭޖުން ސްޕެއިން ކަޓާފައި ވަނީ ވޯލްޑް ކަޕް 1994، ޔޫރޯ 1996 އަދި ޔޫރޯ 2000 އިންނެވެ. މި މުބާރާތުގައި ސްޕެއިންގެ ގޯލު ނުޖެހުމުގެ މައްސަލަ އާއި އިދިކޮޅުން ވަރުގަދަ ޓީމަކާއި ކުރިމަތިލާން ޖެހުމަކީ ތާރީހް އަލުން އިއާދަ ވެދާނެ ކަމުގެ ނުރަނގަޅު ސިގްނަލެކެވެ.
އޮއެވަރު އޮތްގޮތް
މިރޭގެ މެޗަކީ ބޮޑު މުބާރާތެއްގައި ކޮރޭޝިއާ އާއި ސްޕެއިން ވާދަ ކުރާ ތިންވަނަ ފަހަރެވެ. މީގެ ކުރިން ބައްދަލު ކުރި ދެ މެޗުން ކޮންމެ ޓީމެއްވެސް ވަނީ އެއް މެޗުން މޮޅުވެފަ އެވެ. އެހެން ކަމުން ކުއާޓާ ފައިނަލުގެ ޖާގަ ހޯދުމުގެ އިތުރުން ތާރީހައްޓަކައި ވެސް މިއީ މި ދެޓީމަށް މުހިންމު މެޗެކެވެ.
ޕާކެން ސްޓޭޑިއަމްގައި މިރޭ ކުޅޭ ގަދަ 16 އިގެ މެޗަށް ކޮރޭޝިއާ ދަތުރު ކުރީ ހުރިހާ ރަހައެއް ތަޖުރިބާ ކޮށްގެންނެވެ. އެއީ އެއް މެޗުން މޮޅުވެ، އަނެއް މެޗުން އެއްވަރުކޮށް އަދި އަނެއް މެޗުން ބަލިވެގެންނެވެ. މެޗަކަށްފަހު މެޗެއް ކޮރޭޝިއާއިން ދިޔައީ ރަނގަޅު ކުރަމުންނެވެ. ފުރަތަމަ މެޗުގައި އިންގްލެންޑު އަތުން ބަލިވި ނަމަވެސް ދެވަނަ މެޗު ޗެކް ރިޕަބްލިކާއި އެއްވަރު ކުރި އެވެ. އަދި ކޮރޭޝިއާ ދެވަނަ ބުރަށް ދަތުރު ކުރީ ފަހު މެޗުގައި ސްކޮޓްލެންޑް ބަލި ކޮށްގެންނެވެ.
ސްޕެއިން އިން ވަނީ ފުރަތަމަ ދެ މެޗުގައި ސްވިޑެން އާއި ޕޮލެންޑާއި އެއްވަރު ކޮށްފަ އެވެ. އަދި ޓީމަށް މުބާރާތުގައި ދިމާވެފައިވާ ގޯލު ޖެހުމުގެ މައްސަލައަށް ހައްލެއް ގެނެސް އެޓީމުން ވަނީ ފަހު މެޗުގައި ސްލވާކިއާ ކޮޅަށް ފަސް ގޯލު ޖަހާފަ އެވެ. މިއީ މި މުބާރާތުގައި އެންމެ ބޮޑު ތަފާތަކުން ޓީމެއް މޮޅުވި މެޗެވެ. އަނެއްކޮޅުން އެންމެ ފަހުން ސްޕެއިނުން ކާމިޔާބު ކުރި ތިން މުބާރާތް ވެސް ކާމިޔާބު ކުރީ ބަލި ނުވެ އެވެ. މި މުބާރާތުގެ ގްރޫޕް ސްޓޭޖް ސްޕެއިން ނިންމާލީ އެއްވެސް މެޗަކުން ބަލި ނުވެ އެވެ.
ކޮރޭޝިއާ
މިއީ ކޮރޭޝިއާގެ ހަވަނަ ޔޫރަޕިއަން ޗެމްޕިއަންޝިޕް ކަމަށް ވާއިރު، ގަދަ 16 އަށް އެޓީމު ދަތުރު ކުރި މިއީ ހަތަރު ވަނަ ފަހަރެވެ. ނަމަވެސް މީގެ ތެރެއިން ތިން ނޮކައުޓް ސްޓޭޖުން ކޮރޭޝިއާ ވަނީ މުބާރާތާއި އަލްވަދާއު ކިޔަން ޖެހިފަ އެވެ. އެއީ 2016 ވަނަ އަހަރު ގަދަ 16 އިންނާއި، 1996 އަދި 2008 ވަނަ އަހަރު ކުއާޓާ ފައިނަލުންނެވެ.
މިރޭގެ މެޗަށް ނިކުންނަ އިރު ކޮރޭޝިއާއަށް ލިބޭނެ އެންމެ ބޮޑު އެއް ހިތްހަމަ ޖެހުމަކީ ޔޫރޯ 2016 ގައި 2-1 ގެ ނަތީޖާ އަކުން ސްޕެއިން ބަލިކޮށް ގްރޫޕް ކާމިޔާބު ކުރުމެވެ. އޭގެ ފަހުން ގިނަ ކަންތައްތަކެއް ބަދަލުވި ނަމަވެސް ބަދަލު ނުވާ އެއް ކަމެއް އެބައޮތެވެ. އެއީ އޭރު އަދި މިހާރު ވެސް ޓީމުގެ ލީޑަރެއްގެ ގޮތުގައި ހުރީ ލުކާ މޮޑްރިޗް އެެވެ. އެންމެ ފަހުން ކުޅުނު މެޗުގައި މޮޑްރިޗް ވަނީ މުޅި މެޗް އޭނާ ބޭނުންވި ޕޭސްގައި ކޮންޓްރޯލް ކޮށްގެން ކުޅެ ލަނޑެއް ވެސް ޖަހާފަ އެވެ.
މޮޑްރިޗް ހުރުމުން އިތުރު ހިތްވަރެއް ލިބުނު ނަމަވެސް ކޮރޭޝިއާއަށް ވަނީ ބޮޑު ބިރަކާއި ކުރިމަތިލާން ޖެހިފަ އެވެ. އެޓީމުގެ އީވާން ޕެރިސިޗް ކޮވިޑް-19 އަށް ޕޮޒިޓީވް ވުމުން މިރޭގެ މެޗު އޭނާއަށް ގެއްލޭނެ އެވެ. ދިހަ ދުވަހުގެ ކަރަންޓީނު މުއްދަތު ހަމަކުރަން ޖެހުމުން، ބެލެވޭ ގޮތުގައި އޭނާއަށް ދެން މި މުބާރާތުގައި ނުކުޅެވޭނެ އެވެ. ޕެރިސިޗް ވަނީ މި މުބާރާތުގައި ކޮރޭޝިއާ ޓީމަށް ދެގޯލު ޖަހައިދިނުމުގެ އިތުރުން ގޯލެއް ޖެހުމަށް އެހީތެރިވެދީފަ އެވެ. މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އައި ޕެރިސިޗް ނެތުން އެއީ މިރޭގެ މެޗަށް ނިކުން އިރު ކޮރޭޝިއާއަށް އޮތް އެންމެ ބޮޑު ނުތަނަވަސްކަމެވެ.
ކޮރޭޝިއާގެ ކޯޗު ޒްލަކޯ ޑާލިޗް ބުނީ ޕެރިސިޗް ނެތްތަން ފޫބައްދަން ވަރަށް އުނދަގޫ ވާނެ ކަމަށާއި، އޭނާގެ ބަދަލުގައި އަރުވާ ކުޅުންތެރިއެއް އެންމެ ފުރިހަމަ ކުޅުން ދައްކާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އަދި ސްޕެއިންގެ އަތުގައި ބޯޅަ އޮންނަ ވަގުތު ހަމަޖެހިގެން ކުޅެ، ކައުންޓާ އެޓޭކް ކުރަން މަސައްކަތް ކުރާނެ ކަމަށް ޑާލިޗް ބުނެޏެވެ.
ސްޕެއިން
ފުރަތަމަ ދެ މެޗުގައި ރަނގަޅު ނަތީޖާއެއް ނުނެރެވުނު ނަމަވެސް ފަހު މެޗުގައި ސްޕެއިން ވަނީ އެންމެން ސިއްސުވާލައިފަ އެވެ. މިއީ މިރޭގެ މެޗަށް ނިކުން އިރު ސްޕެއިންއަށް ލިބޭނެ ހިތްހަމަ ޖެހުމެކެވެ. ނަމަވެސް މިރޭގެ މެޗުން މޮޅުވަން ބޭނުން ނަމަ އެޓީމުގެ ގޯލު ޖެހުމުގެ މައްސަލައަށް ހައްލެއް ގެންނަން ޖެހެ އެވެ. ބެލެވޭ ގޮތުގައި މިރޭ އެއްވެސް ޓީމަކަށް ގޯލު ޖަހަން މާގިނަ ފުރުސަތު ތަކެއް ނުލިބޭނެ އެވެ. އެހެން ކަމުން ލިބޭ ފުރުސަތުގެ ބޭނުން ހިފައި ރަނގަޅަށް ނިންމުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެން ނޫން ނަމަ އެބޯޅަތައް އަނބުރާ ބައިކޮޅަށް ވަނުން ވަރަށް ގާތެވެ.
ޑިފެންޑިން ޗެމްޕިއަނުންގެ ގޮތުގައި 2016 ވަނަ އަހަރު ސްޕެއިން އާއި ކޮރޭޝިއާ ބައްދަލު ކުރި މެޗުން 2-1 އިން ސްޕެއިން ވަނީ ބަލިވެފަ އެވެ. ކާމިޔާބު ތިން މުބާރާތަށްފަހު ކޮރޭޝިއާ އަތުން ސްޕެއިން ވަނީ ބަލިވެފަ އެވެ. އަދި މި މުބާރާތަށް ކުރިމަތިލީރު ގިނަ މައްސަލަތަކާއި މުބާރާތާއި ކުރިމަތިލާން ޖެހިފައިވާ ސްޕެއިންއަށް މިރޭގެ މެޗުން މޮޅުވެވިދާނެ ކަމާއި މެދު ޝައްކެވެ.
ސްޕެއިންގެ ފޯވާޑު ފެރަން ޓޮރެސް ބުނީ ކޮރޭޝިއާ އަކީ ދުނިޔޭގެ ރަނައަޕް ކަމަށާއި އެޓީމު ބަލި ކުރަން އުނދަގޫ ވާނެ ކަމަށެވެ. ނަމަވެސް މިރޭގެ މެޗުން މޮޅުވަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.
ސްޕެއިން އާއި ކޮރޭޝިއާގެ ކުރިމަތިލުންތައް
މިހާތަނަށް އަށް މެޗެއްގައި މި ދެޓީމު ކުރިމަތިލާފައި ވާއިރު، ކޮރޭޝިއާ މޮޅުވީ ތިން މެޗުންނެވެ. އަދި އެއް މެޗުން އެއްވަރު ވިއިރު ސްޕެއިން ވަނީ ހަތަރު މެޗުން މޮޅުވެފަ އެވެ. އެންމެ ފަހުން ޔުއެފާ ނޭޝަންސް ލީގުގައި ކުޅުނު މެޗު ކޮރޭޝިއާ އިން ކާމިޔާބު ކުރީ 3-2 ގެ ނަތީޖާ އަކުންނެވެ. ނޭޝަންސް ލީގުގައި އޭގެ ކުރިން ކުޅުނު މެޗުގައި ސްޕެއިން އިން ވަނީ ހިތި ގޮތަކަށް ކޮރޭޝިއާ ބަލިކޮށްފަ އެވެ. އެމެޗުން ސްޕެއިން މޮޅުވީ 6-0 ގެ ނަތީޖާ އަކުންނެވެ. މިއީ މިހާތަނަށް ކޮރޭޝިއާ އިން އެންމެ ތަފާތު ބޮޑު ނަތީޖާ އަކުން ބަލިވި ފަހަރެވެ.