ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކްރޮއޭޝިއާ އާއި އަލްބޭނިއާ ވާދަކުރި މެޗު 2-2ގެ ނަތީޖާ އަކުން ދެ ޓީމު އެއްވަރުވެ ކްރޮއޭޝިޔާ އިން މުބާރާތުގައި ކުރިއަށް ދިއުމަށް ކުރަމުން އައި އުއްމީދުތައް ފެނަށްވެއްޖެ އެވެ.
އަލްބޭނިއާގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލީޑު ނަގާފައިވަނީވެސް އަލްބޭނިއާ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ 0-1ގެ ނަތީޖާ އަކުން އަލްބޭނިއާ ކުރީގައި އޮވެގެންނެވެ. އެހެންނަމަވެސް ކްރޮއޭޝިއާ މެޗުގެ ދެވަނަ ހާފުގައި އިތުރު ދެ ގޯލު ކާމިޔާބުކޮށް މެޗު ވަނީ އެ ޓީމު ކޮޅަށް އަނބުރާލާފަ އެވެ. އެކަމަކު މެޗުގެ ފަހު ވަގުތުގައި އަލްބޭނިއާ އިން ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
މި ނަތީޖާ އާއިއެކު ކްރޮއޭޝިއާ ދެވަނަ ބުރަށް ދަތުރު ކުރުމަށް އެޓީމުގެ އަމިއްލަ ބަރު ގާތްގަނޑަކަށް ވަނީ ގެއްލިފަ އެވެ. އިޓަލީ އާއި ސްޕޭން މެޗުން ވާ ގޮތަކުން އެޓީމު މުބާރާތުން ކެޓުމަކީވެސް އެކަށީގެންވާ ކަމެކެވެ. މިމެޗުން ކްރޮއޭޝިޔާ މޮޅުވި ނަމަ ގަދަ 16 އަށް ދަތުރު ކުރުމަށް ފުރުސަތު ބޮޑުވީހެވެ.
މި މެޗުގެ ފުރަތަމަ ގޯލް މެޗުގެ 11 ވަނަ މިނެޓުގައި ޖާސިރު އަސާނީ ތަނަވަސްކޮށްދިން ފުރުސަތަކުން އަލްބޭނިއާ އަށް ކާމިޔާބުކޮށްދިނީ ގަސިމް ލާސި އެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން ކުރިއަށް ދިޔައިރުވެސް ކްރޮއޭޝިއާއަށް އަލްބޭނިއާގެ ގޯލު ހުޅުވާނުލެވި ވަރަށް ގިނައިރުތަކެއް ވިއެވެ. އެޓީމަށް ގޯލެއް ޖެހުނީ މެޗުގެ ކުޅުން ނިމެން 15 ވަރަކަށް މިނެޓަށް ގޮސްފައި ވަނިކޮށެވެ. ކްރޮއޭޝިއާގެ ފުރަތަމަ ގޯލު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ މެޗުގެ 74 ވަނަ މިނެޓް ގައެވެ. މި ގޯލު ކްރޮއޭޝިއާ އަށް ކާމިޔާބުކޮށްދިނީ އަންދްރޭ ކްރަމިރިޗް އެވެ.
ކްރޮއޭޝިއާ އިން މި ގޯލު ކާމިޔާބުކޮށް މާގިނައިރުތަކެއް ނުވަނީސް އެ ޓީމުން ވަނީ އިތުރު ގޯލެއްވެސް ކާމިޔާބުކޮށް މެޗުގެ ލީޑު ނަގާފަ އެވެ. މެޗުގެ 76 ވަނަ މިނެޓުގައި ކްރޮއޭޝިއާ އިން ކާމިޔާބު ކުރި މި ގޯލަކީ އަލްބޭނިއާގެ ކްލައުސް ގަސުލާގެ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.
މެޗުގެ ލީޑު ކްރޮއޭޝިއާ އިން ނެގިފަހުންވެސް އަލްބޭނީއާއަށް މެޗުގެ ނަތީޖާ އަނބުރާލަން ގިނަ ފުރުސަތުތަކެއް ލިބިގެން ގޮސްފައިވެ އެވެ. ނަތީޖާއަކަށްވީ މެޗުގެ އެންމެ ފަހު ވަގުތު އަލްބޭނިއާ އިން ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އަނބުރާލާ ކްރޮއޭޝިއާ އާއި އެއްވަރު ކޮށްފަ އެވެ.
ފޯރިގަދަ ކުޅުމެއް ފެނުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދިޔައީ 2-2 ގެ ނަތީޖާ އަކުން ދެ ޓީމު އެއްވަރު ވެގެންނެވެ. މެޗުގެ ނަތީޖާ މިގޮތަށް ނުކުތުން މިއީ ކްރޮއޭޝިއާ ސަޕޯޓަރުންގެ މޫނުމަތީގައި ތަފާލެއް ޖެހުންފަދަ ކަމެކެވެ. ސްޕޭން މެޗުގައި ވީ ބޮޑު ބައްޔާއެކު އަނެއްކާވެސް އިތުރު ހިތްދަތި ކަމެއް ކްރޮއޭޝިއާ ޓީމަށް ކުރިމަތިވީ އެވެ.