ހަމަ ޔަގީނުންވެސް މިރެއަކީ ފުޓުބޯޅަ އަށް ލޯބިކުރާ ދިވެހިންގެ ރޭގަނޑުގެ ނިދި ނަގާލާނެ ރެއެކެވެ. މިރޭގެ ޝެޑިއުލް އޮތް ގޮތުން ފުޓުބޯޅައިގެ ދިވެހި ސަޕޯޓަރުންނަށް މިރޭ ލޮލު ފިޔައެއް ޖެހޭކަށް ވެސް ނެތެވެ.
ޔޫރަޕުގެ އެންމެ ޝަރަފުވެރި މުބާރާތް ކަމުގައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީގެ މެޗްތައް މިރޭ ފަށާނެ އެވެ. މިރޭ ޔޫރޯގެ ސެމީ ފައިނަލްގެ ފުރަތަަމަ މެޗުގައި ބައްދަލުކުރާނީ އެންމެ މޮޅު ކުޅުމެއް މުބާރާތުގައި ދައްކަމުން އަންނަ ސްޕޭން އަދި ނަސީބު ރަނގަޅު ކަމުން ސެމީއާ ހަމައަށް ދަތުރުކުރި ފްރާންސް އެވެ.
މީގެ އިތުރުން އެމެރިކާގައި ކުރިއަށްދާ އެމެރިކާ ބައްރުގެ އެންމެ ބޮޑު މުބާރާތް ކޯޕާ އެމެރިކާގެ ސެމީގެ ފުރަތަމަ މެޗުވެސް ހަމަ މިރޭ ފަށާނެ އެވެ. އެ މުބާރާތުގެ ސެމީގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އާއި ކެނެޑާ އެވެ.
ދުނިޔޭގެ ފުޓުބޯޅައިގެ ގަދަ ދެ ބާރު ސްޕެއިންނާއި ފްރާންސް ޔޫރޯގައި ބައްދަލު ކުރާ އިރު ހަމަ ގައިމުވެސް މި މެޗު ވެގެން ދާނީ މިފަހަރުގެ ޔޫރޯގައި ފެނިގެންދާނެ އެންމެ ވާދަވެރި އެއް މެޗަށެވެ. ކުޅުމުގެ ވައްޓަފާޅިއަށް ބެލިޔަސް، ވަކިވަކި ކުޅުންތެރިންނަށް ބެލިޔަސް އަދި ދެ ޓީމުގެ ސަޕޯޓަރުންނާއި ކޯޗަށް ބެލިޔަސް މިއީ ވަރުގަދަ މެޗަކަށް ވާނެ އެވެ.
ސްޕެއިން އަދި ފްރާންސް ބައްދަލު ކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 12 ޖަހާއިރު އެވެ.
ކޯޕާ އެމެރިކާގެ ފުރަތަމަ މެޗުގައި އާޖެންޓީނާ 2-0ގެ ތަފާތަކުން ކެނެޑާގެ މައްޗަށް ކުރި ހޯދައިފައިވެ އެވެ. އެއީ ގްރޫޕް ސްޓޭޖުގެ މެޗެކެވެ.
ކެނެޑާގެ ކޯޗު ބުނަނީ މިމެޗުގައި ކުރީ މެޗުގައި ހެދި ގޯސްތައް ރަނގަޅުކޮށް އާޖެންޓީނާއަށް އުނދަގޫ ކުރާނެ ކަމަށެވެ. އަދި އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ އަށް ވަރަށް ބޮޑަށް ސަމާލުވާން ކުޅުންތެރިންނަށް އިރުޝާދު ދޭނެ ކަމަށެވެ. އަދި މެސީ ހުއްޓުވަން ހުރިހާ މަސައްކަތްތަކެއް ކުރާނެ ކަމަށާއި އެކަމަކުވެސް މެސީ ހުއްޓުވުމަށް އެންމެ މޮޅެތި ޓީމުތަކުގެ ޑިފެންސް ލައިން ނުކުޅެދިފައިވާކަން އޭނާ ހަނދާން ކޮށްދިނެވެ.
އާޖެންޓީނާ ކުޅުނު ހުރިހާ މެޗަކުން މޮޅުވެފައިވާއިރު އެންމެ ފަހުން ކުއާޓާގައި އިކުއެޑޯ އަތުން މޮޅުވީ ޕެނަލްޓީ ޝޫޓް އައުޓްއަށް ގޮސްގެންނެވެ.
އެމެޗު އޮންނާނީ ރާއްޖެ ގަޑިން މިރޭ ފަތިހު 5 ޖަހާއިރު އެވެ. ދިވެހިންގެ ތެރޭގައިވެސް އާޖެންޓީނާ އަށް ސަޕޯޓަރުން ވަރަށް ގިނަ އެވެ.