މިރެ އަކީ ފުޓުބޯޅައަށް ލޯބިކުރާ މީހުންނަށް ބޮޑު ރެއެކެވެ. މިރެއަކީ ޔޫރަޕުގެ އެންމެ ޝަރަފުވެރި މުބާރާތް ޔޫރޯގެ އިތުރުން އެމެރިކާ ބައްރުގެ އެންމެ ބޮޑު މުބާރާތް ކޯޕާ އެމެރިކާގެ ފައިލަން މެޗުވެސް ކުޅެވޭ ރެ އެވެ.
ފޯރިގަދަ ވާނެ ކަމަށް ބެލެވޭ މި ދެ މެޗުވެސް ރާއްޖެއަށް ފެންނާނީ ވަރަށް ދަންގަޑި ތަކުގަ އެވެ. އެހެންނަމަވެސް ފުޓުބޯޅައަށް ދިވެހިން ހުންނަ ފޯރިއެއްގެ ސަބަބުން ނުނިދާ ތިބެވެސް މިމެޗުތައް ބަލަ އެވެ. ކުދިބޮޑު އެންމެން ބޮޑެތި ސްކްރީނުތައް ދޮށަށް ޖަމާވެ ފޯރި ނަގަމުންދެ އެވެ.
ޔޫރޯ މުބާރާތުގައި ސްޕޭން އަދި އިނގިރޭސިން ބައްދަލުކުރާ ފައިނަލް މެޗު ފަށާނީ މިރޭ މެންދަމު 12:00 ޖަހާއިރު އެވެ. އަދި މެޗު ފެށުމުގެ ކުރިން ފޯރިގަދަ ހަރަކާތްތަކަކާ އެކުގައި ނިންމުމުގެ ރަސްމިއްޔާތު ވެސް ބާއްވާނެ އެވެ.
މިފަހަރުގެ ޔޫރޯ ހުރިހާ ގޮތަކުން ވެސް ތަފާތެވެ. ފޯރިގަދަ ވެފައި ހަނދާނުން ފިލުވާލަން ދަތި އެތައް ކަމެއް ހިނގި އެވެ. އެހެންވެ އިނގިރޭސީންނަށް ފައިނަލް މެޗު ވަރަށް ހާއްސަ އެވެ. އެއީ އަމިއްލަ ފަސްގަނޑުން ބޭރުގައި އެޓީމުން ކުޅޭ ފުރަތަމަ ފައިނަލެވެ. އަދި އެންމެ ފަހަރަކު ވެސް ޔޫރޯ ކާމިޔާބުކޮށްފައި ނުވާ އިނގިރޭސީންނަށް ތަށި ލިބުމުގެ އުއްމީދު އޮތުމަކީވެސް އިނގިރޭސީންނަށް މުބާރާތް ހާއްސަވާ ސަބަބެކެވެ. ރަސްގެފާނު ޗާލްސްގެ މެސެޖަކީ ލޭމައްޗަށް ނުދަނީސް ތަށި ގައުމަށް ގެނެސްދިނުމެވެ.
ސްޕޭންއަށް ވެސް މިމެޗުގެ މުހިއްމުކަން ވަކި ކުޑައެއް ނޫނެވެ. ޔުރޯގެ ތަށި އުފުލާލެވިއްޖެނަމަ އެޓީމަށް މުބާރާތުގެ ތަށި ހަތަރު ފަހަރަށް އުފުލާލައި އެންމެ ގިނަ ޔޫރޯ ހޯދާފައިވާ ގައުމަށް އެގައުމު ވާނެ އެވެ. ފައިނަލް މެޗު ބެލުމަށްޓަކައި ސްޕޭންގެ ރަސްގެފާނު ފެލީޕޭ ވަނީ ޖަރުމަނަށް ވަޑައިގެންފަ އެވެ. އަދި ރަސްގެފާނުގެ ހާއްސަ ދައުވަތަކަށް އަނިޔާގައި ހުރި ސްޕޭންގެ ކުޅުންތެރިޔާ ގަވީ ވެސް ބައިވެރިވާ ކަމަށް ސްޕޭންގެ މީޑިއާތަކުން ބުނެ އެވެ.
ކޯޕާ އެމެރިކާ މުބާރާތުގެ ފައިނަލުގައި ބައްދަލުކުރަނީ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އަދި ކޮލަމްބިއާ އެވެ. މިމެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ ފަތިހު 5:00 ޖަހާއިރު އެވެ.
ކޮޕާ އެމެރިކާގެ ފައިނަލް މެޗުގައި މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާގެ ހުށަހެޅުމެއް ފެނިގެންދާނެ ކަމަށް މުބާރާތް އިންތިޒާމު ކުރާ ފަރާތުން ބުނެ އެވެ.
ކޮލަމްބިއާ އަށް ނިސްބަތްވާ މަޝްހޫރު ފަންނާނު ޝަކީރާގެ މިއުޒިކީ ހުށަހެޅުންތައް ކުރިއަށްދާނީ ފައިނަލް މެޗުގެ ހާފް ޓައިމް ގައެވެ. މިއީ ކޮޕާ އެމެރިކާގެ ތާރީހުގައިވެސް ފައިނަލް މެޗުގެ ހާފް ޓައިމްގައި މިއުޒިކީ ހުށަހެޅުމެއް ހުށަހަޅާ ފުރަތަމަ ފަހަރެވެ. އަދި މީގެ އިތުރުން ބަޑިބޭހުގެ ކުޅިވަރާއެކު މުބާރާތް ނިންމުން ފޯރިގަދަވާނެ ކަމަށްވެ އެވެ.
މިފަހަރުގެ ކޯޕާ އެމެރިކާ އަކީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީގެ ފަހު ކޯޕާ އެމެރިކާ މުބާރާތެވެ. އަދި އެޓީމުގެ ތަރި ޑިމާރިއާ ވެސް ވަނީ އެއީ އާޖެންޓީނާގެ ޖާޒީގައި އޭނާ ކުޅޭނެ ފަހު މުބާރާތް ކަމަށް ބުނެފަ އެވެ. އެހެންކަމުން އާޖެންޓީނާ އަދި މެސީގެ ސަޕޯޓަރުންނަށް މި މެޗަކީ ވަރަށް ހާއްސަ މެޗެކަށް ވާނެ އެވެ.