ޔޫރޯ 2024

އިނގިރޭސީންނަކަށް ނުވި، ތަށްޓާއެކު ސްޕޭން ޔޫރޯގެ ތާރީޚުގެ ތެރެއަށް

ޖަރުމަނުގައި ކުރިއަށް ދިޔަ ޔޫރޯ މުބާރާތުގެ ތަށި އިނގިރޭސިންނަކަށް ނުނެގުނެވެ. އެކަމަކު މުބާރާތުގައި ސައްތައިންސައްތައިގެ މޮޅަކާއެކު ސްޕޭން މުބާރާތް ކާމިޔާބުކޮށްފި އެވެ.

އެއާއެކު ސްޕޭން ވަނީ މި މުބާރާތް އެންމެ ގިނައިން ކާމިޔާބުކުރި ގައުމުގެ ޝަރަފު ހޯދާފަ އެވެ. އެގޮތުން ސްޕޭން މިހާރު މިވަނީ ޔޫރޯ މުބާރާތް ހަތަރު ފަހަރު ކާމިޔާބު ކުރި ހަމައެކަނި ޓީމުގެ ޝަރަފް ހޯދާފަ އެވެ.

ފައިނަލް މެޗުގައި ހުރިހާ ގޮތަކުންވެސް ތައުރީފް ހައްގީ އިއްޔެ 17 އަހަރު ފުރުނު ސްޕޭން ޓީމުގެ ޔަމާލް އަށެވެ.

އިނގިރޭސީންނާއި ސްޕޭންގެ ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ ފައިނަލް މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ ސްޕެއިން އެވެ. މެޗުގެ ފުރަތަމަ ހާފުގައި ސްޕެއިން އިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް މި ހާފުގައި ސްޕެއިން އަށް ރަނގަޅު ހަމަލާއެއް އުފެއްދޭ ގޮތެއް ނުވި އެވެ.

އިންގްލެންޑުން އެ ޓީމަށް ލިބުނު މަދު ފުރުސަތުތަކުގައި ހަމަލާއެއް އުފައްދަން މަސައްކަތް ކުރި އެވެ. އެކަމަކު މި ހާފުގައި އިންގްލެންޑަށް ވެސް ރަނގަޅު ހަމަލާއެއް އުފެއްދޭ ގޮތެއް ނުވިއެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން ކުޑަކުޑަ އިރުކޮޅެއްގެ ތެރޭގައި ސްޕޭން އިން ވަނީ ލީޑު ނަގާފަ އެވެ. ސްޕޭން އަށް ގޯލު ޖަހައިދިނީ ޔަމާލް ނަގައިދިން ރީތި ހުރަހަކުން ނިކޯ ވިލިއަމްސް އެވެ.

އެހެންނަމަވެސް އޭގެ ފަހުން އިނގިރޭސިން ގެނައި ބަދަލުތަކަށްފަހު އެޓީމުން ސްޕޭން ގޯލަށް ނުރައްކާ ކުރަމުން ދިޔަ އެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 73 ވަނަ މިނެޓުގައި ކޯލް ޕާމާ ވަނީ އިނގިރޭސީންނަށް ގޯލެއް ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާ އެއްވަރުކޮށްދީފަ އެވެ.

މެޗުގެ 86 ވަނަ މިނެޓުގައި ސްޕޭން މޮޅުކޮށްދިން ގޯލު ކާމިޔާބުކޮށްދީފައިވަނީ މެޗުގެ ދެވަނަ ހާފުގައި ކުޅެން ނިކުން މިކޭލް އޮޒަޔަބެލް އެވެ.
މިއާއެކު ސްޕޭން ވަނީ މުބާރާތުގެ ތަށި 4 ވަނަ ފަހަރަށް އުފުލާލާފަ އެވެ.