ކުޅިވަރު

20 އަހަރު ފަހުން ކޮރޭޝިއާ މޮޅަކުން ފަށައިފި

ނައިޖީރިއާގެ މައްޗަށް 2-0 ން ކާމިޔާބު ހޯދައި 20 އަހަރު ފަހުން، ކޮރޭޝިއާއިން މޮޅަކުން ވޯލްޑްކަޕު ފަށައިފި އެވެ.

މީގެ ކުރިން މޮޅަކުން، ކޮރޭޝިއާއިން މުބާރާތް ފެށީ، އެ ޓީމުން ވާދަ ކުރި އަލަތު ވޯލްޑްކަޕުގަ އެވެ. އެއީ ފްރާންސްގައި 1998 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕުގަ އެވެ. އެއީ ޖަމައިކާ އަތުން 3-1 މޮޅުވި މެޗުންނެވެ.

މިރޭގެ މެޗުގައި ފޮނުވާލި އެންމެ ފުރަތަމަ ހަމަލާ ފޮނުވާލީ، ކޮރޭޝިއާއިންނެވެ. މެޗުގެ 13 ވަނަ މިނެޓްގައި އެ ޓީމުގެ އީވާން ޕެރިސިޗް ނަގައިދިން ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

ކޮރޭޝިއާގެ ލަނޑަކީ، ނައީޖީރިއާގެ އޮގޮހެންކާރޯ އެޓޯބާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ނައިޖީރިއާގެ ހާފުގެ އަރިމަތިން ކޮރޭޝިއާގެ އެންޓޭ ރެބިޗް ނަގައިދިން ބޯޅަ އެންޑްރެޖް ކަރަމިކް ބޮލުގައި ޖެހިފައި ދިޔަ ބޯޅަ އެޓޯބާ ފައިގައި ޖެހިފައި މިސްރާބު ބަދަލު ވެގެންގޮސް ބޯޅަ ވަނީ ނައިޖީރިއާގެ ގޯލަށެވެ.

މެޗުގެ 54 ވަނަ މިނެޓްގައި ޕެރެސިޗް ނަގައިދިން ހުރަސް ރެބިޗް ފޮނުވާލުމުން ދިޔައީ ގޯލް ދަނޑި ކައިރިން ބޭރަށެވެ.

ޒުވާން ޓީމަކާ އެކު ނިކުތް ނައިޖީރިއާ ގޯލާ އަމާޒުކޮށް ފޮނުވާލި ފުރަތަމަ ބޯޅަ މެޗުގެ 59 ވަނަ މިނެޓްގައި އޮޑިން އިގާލޯ ބޮލުން ފޮނުވާލުމުން، އެ ބޯޅަ ހޯދީ ކޮރޭޝިއާގެ ކީޕަރު ޑެނިއަލް ޝްބަޝިޗެވެ.

ކޮރޭޝިއާ ލީޑް ފުޅާ ކުރީ އެ ޓީމަށް ލިބުނު ޕެނަލްޓީ އެއްގައި ކެޕްޓަން ލުކަ މޮޑްރިޗެވެ. އެ ޕެނަލްޓީ އަކީ ނައިޖީރިއާގެ ޕަނަލްޓީ އޭރިއާ ތެރެއިން، ކޮރޭޝިއާގެ މާރިއޯ މަންޒޫކިޗަށް، ނައިޖީރިއާގެ ޓްރޫސްޓް އިކޯންގް ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީ އެކެވެ. މޮޑްރިޗް ޕެނަލްޓީ ކާމިޔާބު ކުރީ މެޗުގެ 71 ވަނަ މިނެޓްގަ އެވެ.

ނައިޖީރިއާ އަށް އެކށީގެންވާ ހަމަލާއެއް ނުއުފެއްދުނަސް، އެ ޓީމުގެ ކެޕްޓަން ޖޯން އޮބީ މިކޭލް އާއި ވިކްޓާ މޫސަސް ވަނީ ޓީމުގެ ޒުވާން ކުޅުންތެރިން ލައްވައި ކުޅުވަން މަސައްކަތް ކޮށްފަ އެވެ.

މި ގުރު÷ްގައި ހިމެނޭ އަނެއް ދެ ޓީމު ކަމަށްވާ، އާޖެންޓިނާ އާއި އައިސްލެންޑް ކުޅުނު މެޗު ނިމޫނީ 1-1 ން އެއްވަރު ވެގެންނެވެ.