ވޯލްޑް ކަޕް 2018

ވޯލްޑްކަޕްގައި ރަޝިއާއިން މަނާބޭސް ބޭނުންކުރި މައްސަލަ ބަލަނީ

ވޯލްޑްކަޕުގައި ރަޝިއާގެ ޓީމުން ވިދާލި ޑެނިޝް ޗެރިޝޭވް، މަނާ ބޭސް ބޭނުން ކުރި މައްސަލަ ސްޕެއިންގެ އެންޓި ޑޮޕިން ފެޑްރޭޝަނުން ތަހްގީގު ކުރަން ފަށައިފި އެވެ.

ވޯލްޑްކަޕުގެ ކްއާޓާ ފައިނަލަށް، ރަޝީއާ ގެންގޮސް ދިނުމުގައި ޗެރިޝޭވް ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. މުބާރާތުގައި އޭނާ ވަނީ ހަތަރު ލަނޑު ޖާހަފަ އެވެ. މަނާ ބޭސް ބޭނުން ކުރިކަމުގެ ތުހުމަތުކޮށް ޝެރިޝޭވްގެ މައްސަލަ ބެލީ ރަޝިއާގެ ކުޅިވަރު މަޖައްލާއަކަށް އޭނާގެ ބައްޕަ ޑިމިޓްރީ ޗެރިޝޭވް ދިން އިންޓަވިއުއެއްގައި ދެއްކި ވާހަކައަކާ ގުޅިގެންނެވެ.

ޑިމިޓްރީ ޗެރިޝޭވް، ބުނެފައި ވަނީ ވޯލްޑްކަޕުގެ ކުރިން ހޯމޯން އިތުރު ކުރުމަށްޓަކައި އޭނާގެ ދަރިފުޅު އިންޖެކްޝަނެއް ޖެހި ކަމަށެވެ. ޑިމްޓްރީގެ އެ ވާހަކަ ތަކާ ގުޅިގެން ސްޕެއިން އިން އެންޓި ޑޮޕިން މައްސަލަ ތަހްގީގު ކުރަން ފެށީ އިއްޔެ އެވެ.

ކުރިން ރެއާލް މެޑްރިޑަށް ކުޅުނު މިޑްފީލްޑަރު މިހާރު ކުޅެމުންދަނީ ވެލެންސިއާ އަށެވެ. އޭނާގެ މައްސަލަ ބަލަމުން ދަނީ ރަޝިއާގެ އެންޓި ޑޮޕިން ފެޑްރޭޝަންގެވެސް އެއްބާރުލުމާއެކު އެވެ.

ސްޕެއިންގެ އެންޓި ޑޮޕިން އިދާރާއިން އެ މައްސަލަ ބަލަން ފެށުމުން ވެލެންސިއާގެ ޑިރެކްޓަ ޖެނަރަލް މެޓިއު އެލްމެނީ ބުނެފައި ވަނީ، މައްސަލަ ތަހްގީގު ކުރަން ފެށިކަން އެނގިފައި ވަނީ މީޑިއާއިން ކަމަށެވެ. އެންޓި ޑޮޕިން ފެޑެރޭޝަނުން އެކަން އެ ކުލަބަށް އަންގާފައި ނުވުމަކީ މައްސަލައެއް ކަމަށެވެ