ޔުއެއާފާ ޔޫރޯ 2020

އެއް ވަނައިގައި ބެލްޖިއަމް ދެވަނަ ބުރަށް

ޔޫރޯ 2020 ގެ ގްރޫޕް ބީގެ އެއް ވަނަ ޓީމުގެ ގޮތުގައި ބެލްޖިއަމުން މުބާރާތުގެ ދެވަނަ ބުރަށް ދަތުރު ކޮށްފިި އެވެ.

ރަޝީޔާގެ ކްރެސްޓޮވްސްކީ ސްޓޭޑިއަމްގައި މިރޭ ފިންލެންޑާއި ބައްދަލު ކުރި މެޗު ބެލްޖިއަމުން ކާމިޔާބު ކުރީ 2-0 ގެ ނަތީޖާ އަކުންނެވެ. މި މެޗުގައި ބެލްޖިއަމްގެ ދެ ގޯލު ޖަހާފައި ވަނީ މެޗުގެ ދެވަނަ ހާފުގަ އެވެ.

ބެލްޖިއަމުން އެއްވަނައިގައި ގަދަ 16 އަށް ދަތުރު ކުރިއިރު އެޓީމުގެ އެހީގައި ޑެންމާކު ވަނީ ގުރޫޕްގެ ދެ ވަނަ ޓީމުގެ ގޮތުގައި އަނެއް ބުރަށް ގެންގޮސްދީފަ އެވެ. މިރޭ ރަޝިޔާ އާއި ބައްދަލު ކުރި މެޗުން ޑެންމާކު ވަނީ ހަތަރު ލަނޑު ޖަހާ ތިން ޕޮއިންޓު ހޯދާފަ އެވެ. ނަމަވެސް ޑެންމާކަށް ގްރޫޕްގެ ދެވަނަ ލިބި މުބާރާތުގެ ގަދަ 16 ޔަގީން ކުރެވެން އޮތީ ބެލްޖިއަމް މޮޅުވެގެންނެވެ.

ފިންލެންްޑާއި ބައްދަލު ކުރި މެޗުގައި މެންޗެސްޓާ ސިޓީގެ ތަރި ޑި ބްރައިނާގެ ބޭނުން ބެލްޖިއަމުން ވަނީ ވަރަށް ރަނގަޅަށް ހިފާފަ އެވެ. އެގޮތުން ޑި ބްރައިނާ ވަނީ ގޯލު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ލުކާކޫ އަށް ތަނަވަސް ކޮށްދީފަ އެވެ. އޭގެ ބޭނުން ހިފާ މެޗުގެ 81 ވަނަ މިނެޓުގައި ލުކާކޫ ވަނީ ފިންލެންޑް ކޮޅަށް ގޯލެއް ޖަހާފަ އެވެ. އަނެއް ގޯލަކީ ލުކަސް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. ފުރަތަމަ ހާފުގައި ބެލްޖިއަމުން ޖެހި ގޯލެއް ރެފްރީ ވަނީ އޮފްސައިޑު ކަމަށް ނިންމާފަ އެވެ.

މެޗު ކޮންޓްރޯލްކޮށް މޮޅަށް ކުޅުނީ ބެލްޖިއަމް ޓީމުންނެވެ. ފިންލެންޑުން ގިނަ ހަމަލާ ތަކެއް ބެލްޖިއަމްގެ ގޯލަށް ފޮނުވާލަން މަސައްކަތް ކުރި ނަމަވެސް، ގޯލާއި އަމާޒު ވެފައި ވަނީ އެންމެ ބޯޅައެކެވެ.

މި މެޗުގައި އެންމެ ގިނަ ފުރުސަތު ލިބުނީ ބެލްޖިއަމްގެ ލުކާކޫ އަށެވެ. ނަމަވެސް ބޭނުން ހިފުނީ އެންމެ ފުރުސަތެއްގަ އެވެ.

ހުރިހާ މެޗަކުން މޮޅުވެ ބެލްޖިއަމް ގްރޫޕްގެ އެއް ވަނައިގައި އޮތީ ނުވަ ޕޮއިންޓާ އެކު އެވެ. ޑެންމާކާއި ރަޝިޔާ އަދި ފިންލެންޑަށް ލިބުނީ ކޮންމެ ޓީމަކަށް ތިން ޕޮއިންޓެވެ. ފައިދާ ގޯލާއެކު ޑެންމާކު ދެވަނައިގައި އޮތް އިރު ތިން ވަނައިގައި އޮތީ ފިންލެންޑެވެ. ބައިކޮޅަށް ގިނަ ގޯލު ވަދެ ރަޝިޔާ އޮތީ ގްރޫޕުގެ ފުލުގަ އެވެ.