ކުޅިވަރު

އެރިކްސަންގެ ހިތްވަރުން ޑެންމާކަށް ދެވަނަ ބުރެއް ލިބިދާނެތަ؟

އަންނަ ހޯމަ ދުވަހު ގްރޫޕު ސްޓޭޖުގެ ފަހު މެޗުގައި ޑެންމާކާއި ރަޝިޔާ ބައްދަލުކުރާ މެޗުގައި ޓީމަށް ހިތްވަރު ދޭން ހުންނާނެ ކަމަށް ޑެންމާކުގެ ތަރި ކްރިސްޓިއަން އެރިކްސަން ބުނެފި އެވެ.

ޔޫރޯ 2020 ގައި މިހާތަނަށް އެންމެ ހިތްދަތި އަދި އެންމެ ހިތާމަވެރި ހާދިސާއެއް ދިމާވީ އެރިކްސަން އަށެވެ. ސިއްހީ ހާލަތު ތަން ނުދިނުމުގެ ސަބަބުން އޭނާ އަށް ވަނީ ޓީމާއި ދުރަށް ދާން މަޖުބޫރުވެސް ވެފަ އެވެ.

މިފަހަރުގެ ޔޫރޯގެ ފުރަތަމަ މެޗުގައި ފިންލެންޑާއި ބައްދަލު ކުރި މެޗުގެ ތެރެއިން އެރިކްސަން އަށް ހާޓް އެޓޭކެއް ޖެހި ކުޅުން ވަނީ މެދު ކަނޑާލާފަ އެވެ. އެއާއެކު ޓީމުގެ ކުޅުންތެރިންނަށް ނަފްސާނީ ގޮތުން ވަރަށް ބޮޑެތި އަސަރުތަކެއް ކޮށް، ކުޅުނު ދެ މެޗުގައި ވެސް އެކަން ވަނީ ފެނިފަ އެވެ. ދިމާވި ހިތްދަތި ހާދިސާ އާއި އެކު ޑެންމާކަށް މި މުބާރާތް ވެފައިވަނީ ބަދުނަސީބު މުބާރާތަކަށެވެ.

އެރިކްސަން އަށް އިހްތިރާމު ކުރުމުގެ ގޮތުން ޑެންމާކާއި ނެދަލެންޑްސް ބައްދަލުކުރި މެޗުގެ 10 ވަނަ މިނެޓުގައި ކުޅުން މެދުކަނޑާލައި، މިނެޓެއް ވަންދެން އޭނާއަށް ހިތްވަރު ދިނުމުގެ ގޮތުން ވަނީ އަތްތިލަބަޑިީގެ ހޫނު ތަރުހީބެއް ދީފަ އެވެ. އަދި ރަޝިޔާ އާއި ފިންލެންޑު ބައްދަލު ކުރި މެޗުގެ ވޯމްއަޕް ކުރީ ދެ ޓީމުންވެސް އެރިކްސަން އަށް އަވަސް ޝިފާއަކަށް އެދޭ ކަމަށް ލިޔެފައިވާ ޓީޝާޓެއް ލައިގެންނެވެ. ފުޓުބޯޅަ އަކީ ހަމައެކަނި ކުޅިވަރަކަށް ވުރެ މާ ބޮޑު އެއްޗެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލު ކުރަނީ މީހުންގެ އިހްސާސްތަކާއި ކުޅެލާ ފަދަ މިފަދަ މަންޒަރުތައް ފުޓްބޯޅައިގެ ތެރެއިން ފެންނާތީ އެވެ.

އެރިކްސަން އަށް ކޮންމެހެން ދޭން ޖެހޭ ފަރުވާތައް ދިނުމަށްފަހު، ކާމިޔާބު އޮޕަރޭޝަނަކާއި އެކު އޭނާ މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފަ އެވެ.

ބްރިޓިޝް ހާޓް ފައުންޑޭޝަނުން ބުނާ ގޮތުގައި އެރިކްސަންގެ ހަށިގަނޑުގެ ތެރޭގައި މިހާރު ވަނީ އައިސީޑީއެއް ހަރުކޮށްފަ އެވެ. އައިސީޑީ އަކީ މީހާގެ ހަންގަނޑުގެ ތެރެއަށް ލައްވާ ޑިވައިސް އެކެވެ. އަދި އޭގެ ނަރުތައް ހުންނާނީ މީހާގެ ހިތާއި ގުޅުވާފަ އެވެ. އެއިން މީހާގެ ހިތުގެ ވިންދު މޮނިޓާ ކުރާނެ އެވެ. އަދި ހިތުގެ ވިންދު އާންމު ހާލަތުން ކައްސާލާ ނަމަ އިލެކްޓްރިކް ޝޮކެއް ދީގެން ވިންދު އާންމު ހާލަތަށް ގެންނާނެ އެވެ.

ހޮސްޕިޓަލުން ދޫކޮށްލުމާއި އެކު އެރިކްސަން ވަނީ ޓީމުގެ ކުޅުންތެރިންނާއި ބައްދަލުކޮށްފަ އެވެ. އަދި ޓީމުގެ ފަރާތުން އޭނާއަށް ދިން ހިތްވަރަށް ޝުކުރު އަދާކުރި އެވެ. މީގެ އިތުރުން އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށް ބުނެ، ނެދަލެންޑްސް މެޗުގައި ޓީމުން ދެއްކި މޮޅު ކުޅުމަށް އެރިކްސަން ވަނީ ތައުރީފު ކޮށްފަ އެވެ.

ކުޅުނު ހުރިހާ މެޗަކުން ބަލިވެ، މިވަގުތު ގްރޫޕުގެ ފުލުގައި އޮތް ބަދުނަސީބު ޑެންމާކަށް މުބާރާތުގައި އިތުރަށް ކުރިއަށް ދެވެން އޮތީ އަންނަ ހޯމަ ދުވަހު ކުޅޭ މެޗުން ރަޝިޔާ ބަލިކޮށްގެންނެވެ. އޭރުން ގްރޫޕު ތަކުގެ ތިން ވަނައިގައި ހިމެނޭ ޓީމުތަކުގެ ގަދަ ހަތަރެއްގައި ހިމެނިގެން ދެވަނަ ބުރަށް ދިއުމުގެ ހަނި ފުރުސަތެއް ޑެންމާކަށް އެބަ އޮތެވެ.