ޑެންމާކުގެ އަމާޒު ހުރީ މިރޭ ދަންވަރު 12 ޖަހާއިރު ރަޝިޔާ އާއި ބައްދަލު ކުރާ މެޗު ބޮޑު ތަފާތަކުން ކާމިޔާބުކޮށް، ގްރޫޕް ބީގެ ދެވަނާގައި ހަމަޖެހިލުމަށެވެ.
ޑެންމާކަށް ގްރޫޕުގެ ދެ ވަނަ ލިބެން އޮތީ ދެ ގޯލު ނުވަތަ އެއަށްވުރެ ބޮޑު ތަފާތަކުން ރަޝިޔާ ބަލި ކޮށްގެންނެވެ. އަދި އެއީ މިރޭ ބެލްޖިއަމާއި ބައްދަލު ކުރާ މެޗުން ފިންލެންޑު ބަލިވެއްޖެ ނަމަ ލިބެން އޮތް ފުރުސަތެކެވެ. މުބާރާތުގައި ނިމިދިޔަ މެޗުތަކަށް ބަލާނަމަ މިއީ ނުވާނެ ކަމެއް ނޫނެވެ.
ކުޅުނު ހުރިހާ މެޗަކުން ބަލިވެ ނަސީބުގެ އެހީ ނުލިބުނު ޑެންމާކު އޮތީ ގްރޫޕުގެ ފުލުގަ އެވެ. ފިންލެންޑާއި ރަޝިޔާއަށް ތިން ޕޮއިންޓު ލިބިފައި ވާއިރު ރަޝިޔާ ދެވަނައިގައި އޮތީ ފައިދާ ގޯލުންނެވެ. ހަ ޕޮއިންޓާއި އެކު ބެލްޖިއަމް އޮތީ ގްރޫޕުގެ އެއް ވަނައިގަ އެވެ.
ކުޅުނު އެއް މެޗުން ބަލިވެ އަނެއް މެޗުން މޮޅުވި ރަޝިޔާއަށް މިރޭ މެޗުން އެއްވަރު ކޮށްގެންވެސް ދެވަނަ ބުރު ޔަގީން ވާނެ އެވެ. ނަމަވެސް ގްރޫޕުގެ ދެ ވަނައިގައި ރަޝިޔާއަށް ދެވަނަ ބުރަށް ދެވޭނީ އެ ގްރޫޕުގެ ދެން އޮތް މެޗުގައި މިރޭ ބެލްޖިއަމުން ފިންލެންޑު ބަލިކޮށްފި ނަމަ އެވެ. ޔޫރޯ 2008 ގައި ސެމީ ފައިނަލުން ރަޝިޔާ ވަނީ ބަލިވެފަ އެވެ. އަދި 2012 އާއި 2016 ވަނަ އަހަރު ރަޝިޔާއަށް ވަނީ ގްރޫޕް ސްޓޭޖް ފަހަނަ އަޅާ ދެވޭގޮތް ނުވެފަ އެވެ. އެހެން ކަމުން މި މުބާރާތުގައި ގަދަ 16 ގައި ހިމެނުމަކީ ރަޝިޔާ އަށް ލިބޭނެ ވަރަށް ބޮޑު އުފަލެކެވެ.
ޑެންމާކަށް މުބާރާތުގައި ކުރިއަށް ދެވެން އޮތީ މިރޭގެ މެޗުން މޮޅު ވެގެންނެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އެ ޓީމުގެ އެރިކްސަން އަށް ހާޓް އެޓޭކެއް ޖެހިގެން ވަނީ ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ޖެހުނެވެ. މި ހާދިސާ އާއި އެކު އެޓީމަށް ވަނީ ނަފްސާނީ ގޮތުންވެސް ބޮޑެތި އަސަރުތަކެއް ކޮށްފަ އެވެ. މިރޭގެ މެޗުން މޮޅުވެއްޖެ ނަމަ 2004 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ޑެންމާކު ޔޫރޯގެ ގަދަ 16 އަށް ދަތުރު ކުރުމުގެ ފުރުސަތު ވަރަށް އިތުރަށް ތަނަވަސްވީއެވެ.
ފުޓްބޯޅައިގެ ދިގު ތާރީހުގައި މިހާތަނަށް ރަޝިޔާ އާއި ޑެންމާކު ބައްދަލު ކޮށްފައި ވަނީ އެންމެ ފަހަރަކު އެވެ. އެއީ 2012 ވަނަ އަހަރު ކުޅުނު ރަހުމަތްތެރި ކަމުގެ މެޗެއްގަ އެވެ. އެ މެޗުން ރަޝިޔާ މޮޅުވީ 2-0 ގެ ނަތީޖާ އަކުންނެވެ.