ޔުއެއާފާ ޔޫރޯ 2020

ޑެންމާކުގެ ނަސީބު އަތުގައި ހިފައިފި

ޔޫރޯ 2020 ގައި އެންމެ ބަދުނަސީބު ގޮތްތަކެއް ދިމާވީ ޑެންމާކަށެެވެ. ނަމަވެސް ހިތްވަރާއެކު ކުރި މަސައްކަތުން އެމީހުންގެ އަތުގައި ނަސީބު މި ވަނީ ހިފާފައެވެ.

ޑެންމާކުގެ ޕާކެން ސްޓޭޑިއަމްގައި މިރޭ ރަޝިޔާ އާއި ބައްދަލު ކުރި މެޗުން ޑެންމާކު ވަނީ 4-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފަ އެވެ. އަދި ބެލްޖިއަމާއި ފިންލެންޑު ބައްދަލު ކުރި މެޗުން ފިންލެންޑު ބަލި ވުމާއެކު ޑެންމާކު ވަނީ ގްރޫޕް ބީގެ ދެވަނަ މަގާމު ހޯދާފައެވެ. މިއާއެކު ޑެންމާކަށް މުބާރާތުގެ ގަދަ 16 ޔަގީންވީއެވެ.

މިރޭގެ މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅުނީ ޑެންމާކުންނެވެ. އަދި މެޗުގެ 38 ވަނަ މިނެޓުގައި ޑެމްސްގާޑު ފޮނުވާލި ބޯޅަ ބާރު ވަޒަނެއްހެންް ގޮސް ރަޝިޔާ ގޯލުގެ ކަނަށް ވަނުމާއެކު ޑެންމާކުން ވަނީ އިތުބާރު ބޮޑުކޮށްފައެވެ. މިއާއެކު ޑެންމާކު ސަޕޯޓަރުންގެ އަޑުން ޕާކެން ސްޓޭޑިއަމް ވަނީ ގުގުމާލާފަ އެވެ.

ދެވަނަ ހާފު ފެށިގެން ވެސް މޮޅަށް ކުޅުނީ ޑެންމާކުންނެވެ. ޑެންމާކުން ދެވަނަ ހާފުގައި ތިން ގޯލު ޖަހާފައި ވާއިރު ފުރަތަމަ ގޯލަކީ ރަޝިޔާ ޑިފެންޑަރުންނަށް ހެދުނު މިސްޓޭކަކުން ޕައުލްސަން ފަހިވި ފުރުސަތެއްގައި ޖެހި ލަނޑެކެވެ. މާ ގިނަ އިރެއް ނުވެ ރަޝިޔާގެ ކެޕްޓަން ޒޫބާ އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ގޯލެއް ޖެހިއެވެ..

ހިތްވަރު ގެއްލުވާ ނުލައި ކުޅެމުން އައި ޑެންމާކުން ވަނީ އިތުރު ދެ ގޯލު ޖަހައިފަ ލީޑު ފުޅާ ކޮށްފަ އެވެ. މެޗުގެ 79 ވަނަ މިނެޓުގައި ކްރިސްޓިއަންސަން ވަނީ ބާރު ހަމަލާއެއް ރަޝިޔާ ގޯލަށް ވައްދާލާފަ އެވެ. އަދި މެޗުގެ 82 ވަނަ މިނެޓުގައި ހޯއާކިން ވަނީ އިތުރު ގޯލެއް ޖަހައި ޑެންމާކަށް މެޗު ޔަގީން ކޮށްދީފަ އެވެ.

މި ގުރޫޕްގައި ކުޅުނު ތިން މެޗުން މޮޅުވެ ނުވަ ޕޮއިންޓާއި އެކު ގްރޫޕުގެ އެއް ވަނައިގައި އޮތީ ބެލްޖިއަމް އެވެ. ޑެންމާކު ދެ ވަނައިގައި އޮތީ ފައިދާ ގޯލުންނެވެ. ރަޝިޔާ އާއި ފިންލެންޑަށް ވެސް ތިން ޕޮއިންޓް ލިބިފައި ވާއިރު ރަޝިޔާ މުބާރާތާއި އަލްވަދާއުކީ ބައިކޮޅަށް ވަތް ގޯލު ގިނަވުމުންނެވެ.