ކުޅިވަރު

ސައުދީ ބަލިކޮށް ރަޝިއާއަށް ތާރީހީ މޮޅެއް

ވޯލްޑްކަޕު މުބަރާތް ފަށައިދިން މެޗުގައި ސައުދީ އަރަބިއްޔާގެ މައްޗަށް 5-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި 16 އަހަރަށް ފަހު ރަޝިއާއިން ވޯލްޑްކަޕުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.

މީގެ ކުރިން ރަޝިއާ ވޯލްޑްކަޕުގެ މެޗަކުން މޮޅުވީ 2002 ވަނަ އަހަރު ވޯލްޑްކަޕުގަ އެވެ. އެއީ ގުރޫޕް ސްޓޭޖުގައި ޓީއުނީޝިއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ މެޗު ރަޝިއާ ކާމިޔާބު ކުރީ 2-0 ން ނެވެ.

ވެރިރަށް މޮސްކޯގެ ލޫޒްނިކީ ސްޓޭޑިއަމްގައި ރަޝިއާއިން މެޗް ފެށީ ތަފާތު ރޫހެއްގަ އެވެ. މެޗު ފެށިގޮތަށް ސައުދީގެ ފަހަތަށް ބާރު ބޮޑު ކުރި އެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު މެޗު ފެށިގެން 12 ވަނަ މިނެޓްގައި ޔޫރީ ގަޒިންސްކީ ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލީ އެލެގްޒެންޑާ ގޮލޮވިން ނަގައިދިން ބޯޅަ އަކަުންނެވެ.

ލަނޑަށް ފަހު ސައުދީން ވަނީ ކުރިއަށް ޖެހި ފުރުސަތު ތަނަވަސް ކުރަން މަސައްކަތް ކޮށްފަ އެވެ. ފުރަތަމަ ހާފުގައި އެ ޓީމަށް ލިބުނު ފްރީ ކިކެއްގައި ނުރައްކާ ކުރަން ފުރުސަތު ލިބުނު ނަމަވެސް އެ ފުރުސަތު ބޭނުން ކުރެވޭ ގޮތެއް ނުވި އެވެ.

ރަޝިއާގެ ދެ ވަނަ ލަނޑު މެޗުގެ 43 ވަނަ މިނެޓްގައި، ކާމިޔާބު ކުރީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުތް ޑެނިސް ޗެރިޝޭވް އެވެ. އޭނާ ލަނޑު ޖެހީ ރޯމަން ޒޮބްނިން ތަނަވަސް ކޮށްދިން ފުރުސަތެއްގަ އެވެ.

ދެ ވަނަ ހާފުގައިވެސް ރަޝިއާ ވަނީ ކުޅުން އެއްވަރެއްގައި ހިފަހައްޓާފަ އެވެ. އެ ޓީމުގެ ތިން ވަނަ ލަނޑު އާޓެން ޒިޔުބާ ކާމިޔާބު ކުރީ ފުރަތަމަ ލަނޑު ޖަހަންވެސް ފުރުސަތު ތަނަވަސް ކޮށްދިން ގޮލޮވިން އެވެ.

ރަޝިއާގެ ހަތަރު ވަނަ ލަނޑު މެޗުގެ 91 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ދެ ވަނަ ލަނޑު ކާމިޔާބު ކުރި ޑެނިޝް ޗެރިޝޭވް އެވެ. އެ ޓީމުގެ ފަސް ވަނަ ލަނޑު މެޗުގެ 94 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ގޮލްވިން އެވެ.

ވޯލްޑްކަޕުގެ ދެ ވަނަ މެޗުގައި ރާއްޖޭގަޑިން މާދަމާ ހަވީރު 5:00 ގައި ވާދަ ކުރާނީ ގުރޫޕް "އޭ" ގެ އަނެއް ދެ ޓީމު ކަމަށްވާ މިސްރާއި އުރުގުއާއީ އެވެ.

މެޗްގެ މުހިންމު ވަގުތުތައް.

މާދަމާގެ މެޗުތައް

މިސްރު - އުރުގުއޭ | ރާއްޖޭގަޑިން ހަވީރު 5:00 ގައި

މޮރޮކޯ - އިރާން | ރޭގަނޑު 8:00 ގައި

ޕޯޗްގަލް - ސްޕެއިން | ރޭގަނޑު 11:00 ގައި