ކުޅިވަރު

ޔޫރޯ 2024 އިން ރަޝިއާ އަށް ފުރުސަތު ނުދޭން ނިންމައިފި

ރަޝިއާ އިން ޔޫކްރޭނަށް ވެރިވެގަނެ ހިންގަމުންދާ ހަނގުރާމައާ ގުޅިގެން 2024 ވަނަ އަހަރު ޖަރުމަނުގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގައި ރަޝިއާ އަށް ފުރުސަތު ނުދޭން ޔޫއެފާ އިން ނިންމައިފި އެވެ.

ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާގެ މި ނިންމުމާ އެކު ޔޫރޯ 2024 އިން ރަޝިއާ ނުފެންނާނެ އެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރުނެގުން އޮންނާނީ އޮކްޓޫބަރު މަހުގެ ނުވަވަނަ ދުވަހު ޖަރުމަނުގެ ފްރެންކްފާޓްގަ އެވެ.

ޔޫކްރޭނަށް އަރައި ރަޝިއާ އިން ހަމަލާތައް ބަދަލުކުރަން ފެށީ މިދިޔަ ފެބްރުއަރީ މަހު އެވެ. މިއާއެކު ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން އެގައުމުގެ ކްލަބްތަކާއި ގައުމީ ފުޓްބޯޅަ ޓީމު ވަނީ ސަސްޕެންޑްކޮށްފަ އެވެ.

ޔޫއެފާގެ އެގްޒެކެޓިވް ކޮމިޓީން އެގައުމުގެ ކްލަބްތައް މުބާރާތްތަކުން ސަސްޕެންޑް ކުރިކަން އިއުލާންކުރީ މި އަހަރުގެ ފެބްރުއަރީ 28 ވަނަ ދުވަހު އެވެ. މި ނިންމުމަށް ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓް އިން ތާއިދުކުރީ ޖުލައި 15 ގައެވެ.

ސަސްޕެންޝަނާ އެކު ރަޝިއާގެ ކްލަބްތަކަށް ވަނީ މި ސީޒަނުގެ ޔޫއެފާގެ ކްލަބް މުބާރާތްތަކުން ފުރުސަތު ގެއްލިފަ އެވެ. އެއީ ޔޫއެފާ ޗެމްޕިއަންސް ލީގާއި ޔޫއެފާ ޔޫރޮޕާ ލީގުގެ އިތުރުން ޔޫއެފާ ކޮންފަރެންސް ލީގެވެ.

މިމުބާރާތްތަކުގެ އިތުރުން ނޮވެމްބަރު މަހު ގަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވާން އޮތް ފުރުސަތު ވެސް ރަޝިއާ އަށް ބަންދުވި އެވެ. މާޗް މަހު އޮތް ޕްލޭއޮފަށް ގޮސްފައިވަނިކޮށް އެޓީމު ވަކިކުރަން ފީފާ އިން ނިންމީ ވެސް ހަނގުރާމައިގެ ސަބަބުންނެވެ.

"2022-24 އިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޔޫރަޕިއަން ފުޓްބޯޅަ ޗެމްޕިއަންޝިޕްގެ ކޮލިފައިންގައި ރަޝިއާއެއް ނުހިމެނޭނެ" ޔޫއެފާ އިން އާއްމުކުރި ބަޔާނުގައި ބުނެފައިވެ އެވެ.

ރަޝިއާގެ އަންހެން ފުޓްބޯޅަ ޓީމު ވެސް ވަނީ މިއަހަރު ކުޅުނު ޔޫރަޕިއަން ޗެމްޕިއަންޝިޕުން ބޭރުކޮށްލާފަ އެވެ. ރަޝިއާގެ ބަދަލުގައި އެ މުބާރާތުގައި ކުޅުނީ ޕޯޗުގަލް އެވެ.

ގައުމީ ޓީމާއި ކްލަބް ފުޓްބޯޅައަށް ދިން އަދަބުގެ އިތުރުން ޔޫއެފާ އިން ރަޝިއާ އެކު ހަދާފައި ވަރުގަދަ ސްޕޮންސަޝިޕް ޑީލަށް ވެސް މިހާރު ވަނީ ނިމުން ގެނެސްފަ އެވެ.