އިންގްލެންޑް ލީޑް ނަގާފައި ވަނިކޮށް، ފަހަތުން އަރައި ކާމިޔާބު ކުރި ލަނޑުތަކުން، 2-1 ގެ އިންގްލެންޑް ބަލިކޮށްލުމަށްފަހު ވޯލްޑްކަޕުގެ ފައިނަލަށް ކޮރޭޝިއާ ދަތުރު ކޮށްފި އެވެ.
ކޮރޭޝިއާގެ ކޯޗް ޒަލްޓަކޯ ޑަލިޗް މެޗުގެ ކުރިން، ބުނީ އިންގްލެންޑްގެ ކޯނަރު ތަކަށާއި ހިލޭ ޖެހުންތަކާ މެދު ކޮރޭޝިއާއިން ސަމާލުވާން ޖެހޭނެ ކަމަށެވެ.
މެޗު ފެށިގެން ފަސް ވަނަ މިނެޓްގައި، އިންގްލެންޑުން ލީޑް ނެގީ ވެސް ކޮރޭޝިއާގެ އޭރިއާގެ ބޭރުން ލިބުނު ހިލޭ ޖެހުމެއްގަ އެވެ. ކެއިރަން ޓްރިޕިއާ ފޮނުވާލި ހިލޭޖެހުން ބޯޅައަށް ހުރަސް އަޅަން ތިބި ކޮރޭޝިއާގެ ކުޅުންތެރިންގެ ބޯމަތިން ގޯލްގެ ތެރެއަށެވެ. ކޮރޭޝިއާގެ ކީޕަރު ޑެނިއލަް ޝުބަޝިޗް އެ ބޯޅައަށް މަސައްކަތް ކުރި ނަމަވެސް އޭނާއަށް އެ ބޯޅަ ސަލާމަތް ކުރެވޭ ގޮތެއް ނުވި އެވެ.
ލީޑް ނެގުމަށް ފަހު، އިންގްލެންޑުން ގޭމް ލަސްކޮށްލި އެވެ. އިންގްލެންޑުން މަސައްކަތް ކުރީ، އެ ޓީމު އަތުގައި ގިނަ ބޯޅަ ބާއްވައިގެން ކުޅުމަށެވެ. ފުރަތަމަ ހާފުގައި ކޮރޭޝިއާއަށް އެ ޓީމުގެ ގޭމް އެއްގޮތަކަށް ވެސް ނުކުޅެވުނެވެ.
ދެ ވަނަ ހާފުގައި، ކޮރޭޝިއާއިން މެޗުގެ ތެރެއަށް ވަދެ، ގޭމް ޑޮމިނޭޓް ކުރި އެވެ. މެދުތެރެއިން އުފެއްދި ޕާސްތަކުން ދެ ފަރާތުން އަރިމަތިން އިންގްލެންޑް ޕެނަލްޓީ އޭރިއާ ތެރެއަށް ބޯޅަތަކެއް ނަގައިދިނެވެ.
ކޮރޭޝިއާއިން ނަތީޖާ ހަމަހަމަ ކުރި، މެޗުގެ 68 ވަނަ މިނެޓްގައި، ސިމޭ ވަސަލްކޯ ނަގައިދިން ބޯޅައިން އީވާން ޕެރެސިޗް އެވެ. ޕެރެސިޗް އެ ބޯޅަ ފޮނުވާލީ އޭނާ މާކުކޮށްގެން ހުރި ކައިލް ވޯލްޑކާ ބޯމަތިން ފައިނަގައި ގޯލްތެރެއަށް ބޯޅަ ފޮނުވާލަިއގެންނެވެ.
އެ ލަނޑަށް ފަހުވެސް، ޕެރިސިޗްއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލް ދަނޑިއަށެވެ.
އެކްސްޓްރާ ޓައިމް
އެކްސްޓްރާ ޓައިމްގެ ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ، ކޮރޭޝިއާގެ މާރިއޯ މަންޒޫކިޗަށެވެ. ކޮރޭޝިއާއިން އޭރިއާގެ ތެރެއަށް ނަގައިދިން ބޯޅަ ޖަހަން މަންޒޫކިޗް އަރާހުރިއިރު އޭނާ ހުރީ މުޅިން ހުސްކޮށެވެ. އޭނާ ފޮނުވާލި ބޯޅަ، އިންގްލެންޑްގެ ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ ހުށިޔާރު ކަމާއެކު ދިފާއު ކޮށްފަ އެވެ.
މުޅި މެޗުގައި ކޮރޭޝިއާގެ ތަރިއަކަށްވީ، މަންޒޫކިޗް އެވެ. އެކްސްޓްރާ ޓައިމްގެ ދެ ވަނަ ހާފުގައި ކޮރޭޝިއާ މޮޅުކޮށްދިން ލަނޑު ކާމިޔާބު ކުރީ އޭނާ އެވެ. މެޗުގެ 109 ވަނަ މިނެޓްގައި، ޕެރިސިޗް ބޮލުން ދިން ބޯޅައަށް މަންޒޫކިޗް އެރީ، އިންގްލެންޑްގެ ޑިފެންސްގެ ތެރެއިން ދެމިގަތުމަށްފަހު ގޯލްގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެންންެވެ.