ޔުއެއާފާ ޔޫރޯ 2020

ފުރަތަމަ މެޗުން މޮޅުވެ އިނގިރޭސީން ފެށުން ރަނގަޅުކޮށްފި

Jun 13, 2021

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީގެ ފުރަތަމަ މެޗުގައި ވާދަވެރި އިންގްލެންޑާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗު އިންގްލެންޑުން ކާމިޔާބުކޮށްފި އެވެ.

އިންގްލެންޑުގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެ ގައުމުން ކާމިޔާބު ކުރީ 1-0 އިންނެވެ.

މެޗުގެ ހަމައެކަނި ގޯލް 57 ވަނަ މިނެޓުގައި ޖެހީ ޕްރިމިއާ ލީގުގެ މެންޗަސްޓާ ސިޓީއަށް ކުޅޭ 26 އަހަރުގެ ރަހީމް ސްޓާލިން އެވެ.

މިދިޔަ އަހަރު ދުނިޔޭގެ އެންމެ މޮޅު ރެފްރީގެ މަގާމު ހޯދާފައިވާ އިޓަލީގެ ޑެނިއެލްއޭ އޮސާތޯ ރެފްރީ ކަން ކުރި މި މެޗުގައި ގިނަ ހަމަލާތައް އުފައްދާ މޮޅަށް ކުޅުނީ ވެސް އިންގްލެންޑުންނެވެ. ހަތަރު ރީދޫ ކާޑު ފެނިގެން ދިޔަ މެޗުގައި ތިން ކާޑު ދައްކާފައިވަނީ ކްރޮއޭޝިއާ ކުޅުންތެރިންނަށެވެ.

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ލުކާ މޮޑިރިޗް ކްރޮއޭޝިއާގެ ކެޕްޓަނަކަށް ހުރި ނަމަވެސް އޭނާގެ ފަރާތުން މި މެޗުގައި ފެނުނީ އެވްރެޖު ކުޅުމެކެވެ.

މެޗަށް ނިކުތުމުގެ ކުރިން މޮޑިރިޗް ވަނީ ގުރޫޕް ސްޓޭޖުގައި އިންގްލޭންޑުން ކުޅޭ ހުރިހާ މެޗެއް އެ ގައުމުގައި ކުޅެން ފުުސަތު ދީފައިވާތީ އެއީ އިންސާފުވެރި ގޮތެއް ނޫން ކަމަށް ބުނެ ފާޑު ވެސް ކިޔާފަ އެވެ.

ރަޝިއާގައި އެންމެ ފަހުން ބޭއްވި ވޯލްޑްކަޕްގައި ކްރޮއޭޝިއާ ވަނީ އިންގްލޭންޑް ބަލިކޮށް އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށް މުބާރާތުގެ ރަނައަޕް ޓީމުގެ މަގާމު ހޯދާފަ އެވެ. އެހެންކަމުން އިންގްލެންޑް މި މެޗަށް ނިކުންއިރު އިނގިރޭސި މީޑިއާ އިން ދިޔައީ މިއަހަރުގެ ޔޫރޯގައި ކްރޮއޭޝިއާގެ މައްޗަށް އިނގިރޭސީން ކާމިޔާބު ހޯދާ ތާރީހު ބަދަލުކުރާނެ ކަމަށް ބުނަމުންނެވެ.

މިއީ އިނގިރޭސީން ޔޫރޯ ކުޅޭ 10 ވަނަ ފަހަރެވެ. އަދި މިއީ ކްރޮއޭޝިއާގެ ހަވަނަ ޔޫރޯ އެވެ.