ކެޕްޓަން ލުކާ މޮޑްރިޗްގެ ހިތްވަރުން ކޮރޭޝިއާ ޔޫރޯ 2020 ގެ ދެވަނަ ބުރަށް ދަތުރު ކޮށްފި އެވެ.
ސްކޮޓްލެންޑުގެ ޕާކެން ސްޓޭޑިއަމްގައި ސްކޮޓްލެންޑާއި ކޮރޭޝިއާ ބައްދަލުކުރި މެޗު ކޮރޭޝިއާ އިން ކާމިޔާބު ކުރީ 3-1 ގެ ނަތީޖާއަކުންނެވެ. ކޮރޭޝިއާގެ ތަރި މޮޑްރިޗް މި މެޗުގައި ގޯލެއް ޖެހުމުގެ އިތުރުން ވަރަށް މޮޅަށް ކުޅުނެވެ. އޭނާ ވަނީ މުޅި މެޗުގެ ޕޭސް ކޮންޓްރޯލުކޮށް ގޭމުގެ އިސް ދައުރެއް އަދާކޮށްފަ އެވެ.
ކޮރޭޝިއާއިން މެޗުގެ ފުރަތަމަ ހާފުގައި ލީޑު ނެގި އެވެ. މި ގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ ވަލްޝިޗް އެވެ. ފުރަތަމަ ހާފު ނިމުނީ 1-1 ގެ ނަތީޖާ އަކުންނެވެ. މެޗުގެ ކުރީ ކޮޅުގައި ސްކޮޓްލެންޑުގެ ޗޭ އެޑަމްސް އާއި އާމްސްޓްރޯން އަށް ގޯލު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. ނަމަވެސް މިފުރުސަތުގެ ބޭނުން ނުހިފި ވަނީ ބޭކާރު ވެފަ އެވެ. ފުރަތަމަ ހާފު ނިމެނިކޮށް ސްކޮޓްލެންޑަށް ނަތީޖާ ހަމަ ކޮށްދިނީ މެކްގްރެގާ އެވެ. ރޮބާޓްސަން ނަގައިިދިން ހުރަސް ކޮރޭޝިއާގެ ޑިފެންޑަރުންނަށް ސާފު ނުކުރެވިގެން އުޅެނިކޮށް އޭނާ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފަ އެވެ.
ދެވަނަ ހާފުގައި ކޮރޭޝިއާ އަށް ލީޑު ނަގައިދިނީ މޮޑްރިޗް އެވެ. އޭރިއާ ބޭރުން ފައިގެ ނުފުށަށް އަރުވާ މޮޑްރިޗް ފޮނުވާލި ބޯޅަ ސްކޮޓްލެންޑުގެ ގޯލަށް ވަނީ ވަރަށް ރީތިކޮށް ކާވް ވެގެން ގޮހެވެ. އަދި ލީޑު އިތުރަށް ފުޅާ ކުރުމަށް މޮޑްރިޗް ވަނީ އެހީތެރި ވެދީފަ އެވެ. ކޮރޭޝިއާގެ ތިން ވަނަ ލަނޑު ޕެރިސިޗް ކާމިޔާބު ކުރީ މޮޑްރިޗް ނަގައިދިން ކޯނަރެއް ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
މި ނަތީޖާ އާއި އެކު ކޮރޭޝިއާއަށް މުބާރާތުގެ ދެވަނަ ބުރު ޔަގީންވީ ގްރޫޕްގެ ދެވަނަ ލިބުމުންނެވެ. ހަތަރު ޕޮއިންޓާއި އެކު ކޮރޭޝިއާ ގްރޫޕް ޑީގެ ދެވަނައިގައި އޮތީ މިރޭގެ އަނެއް މެޗުގައި އިންގްލެންޑް އަތުން ޗެކް ރިޕަބްލިކް ބަލިވުމުންނެވެ. ހަތް ޕޮއިންޓާއި އެކު އެއް ވަނައިގައި އޮތީ އިންގްލެންޑެވެ. ޗެކް ރިޕަބްލިކަށް ހަތަރު ޕޮއިންޓު ލިބުނު ނަމަވެސް ތިން ވަނައިގައި އޮތީ ގޯލުގެ ތަފާތުންނެވެ. އެއް ޕޮއިންޓާއި އެކު ސްކޮޓްލެންޑް އޮތީ ގްރޫޕްގެ ފުލުގަ އެވެ.