ޔުއެއާފާ ޔޫރޯ 2020

ސްކޮޓްލެންޑާއި ކޮރޭޝިއާއަށް މޮޅުވަން މަޖުބޫރު

ޔޫރޯ 2020 ގައި ކުރިއަށް ދާން ބޭނުން ނަމަ ސޮކްޓްލެންޑްގެ ހެމްޕްޑެން ޕާކް ސްޓޭޑިއަމްގައި މިރޭ ސްކޮޓްލެންޑާއި ކޮރޭޝިއާ ބައްދަލު ކުރާ މެޗުން މޮޅުވުން ދެ ޓީމަށް ވެސް މަޖުބޫރެވެ.

މޮޅުވަން މަޖުބޫރު މި މެޗަށް ނުކުން އިރު ދެ ޓީމު އޮތީ ނުތަނަވަސް ކަމެއްގެ ތެރޭގަ އެވެ. ކޮރޭޝިއާ ވަނީ މި މުބާރާތުގައި އިންގްލެންޑް އަތުން ބަލިވެ، ޗެކް ރިޕަބްލިކް އާއި އެއްވަރު ވެފަ އެވެ. އެހެން ކަމުން އެންމެ ފަހުގެ ދުނިޔޭގެ ރަނައަޕް މިވަގުތު އޮތީ އެހާ ރަނގަޅު ހާލަތެއްގައި ނޫންކަން ވަރަށް ރަނގަޅަށް އެނގެ އެވެ. ކޮރޭޝިއާ އިންގްލެންޑު އަތުން ބަލިވި ނަމަވެސް ސްކޮޓްލެންޑް ވަނީ ގްރޫޕްގެ އެއްވަނަ އިންގްލެންޑާއި ކުޅުނު މެޗު އެއްވަރު ކޮށްފަ އެވެ. މިއީ ކޮރޭޝިއާއަށް އިތުރު ހާސްކަމެއް ގެނުވާނެ ކަމެއްކަން ޔަގީނެވެ.

އަނެއްކޮޅުން ކޮރޭޝިއާގެ ކޯޗު ޒްލާކޯ ޑެލިޗް އަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ މާސެލޯ ބްރޮޒޮވިޗް އާއި ބޯނާ ބެރިސިޗް އަށް މި މެޗުގައި ކުޅެވުމެވެ. އަނިޔާގެ ސަބަބުން މުބާރާތުގެ ފުރަތަމަ ދެ މެޗުގައި ބެރިސިޗް އަށް ނުކުޅެވުނު ނަމަވެސް މިރޭ އޭނާ ފެންނާނެ ކަމަށް ބެލެވެ އެވެ. މިހާރު އޭނާ ވަނީ ޓީމުގެ ފަރިތަކުރުން ތަކުގައި ބައިވެރިވަން ފަށާފަ އެވެ.

ސްކޮޓްލެންޑަށް އޮތް އެންމެ ބޮޑު ނުތަނަވަސް ކަމަކީ އިންގްލެންޑް މެޗުގެ މޮޅު ކުޅުންތެރިޔާ ޒުވާން ބިލީ ގިލްމޯ އަށް މިރޭގެ މެޗުގައި ނުކުޅެވުމެވެ. ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން އޭނާއަށް ވަނީ ކޮރޭޝިއާ މެޗު ގެއްލިފަ އެވެ.

ތާރީހުގައި މިހާތަނަށް ފަސް މެޗެއްގައި މި ދެޓީމު ވަނީ ކުރިމަތިލާފަ އެވެ. ދެ މެޗުން ސްކޮޓްލެންޑް މޮޅުވި އިރު ތިން މެޗުން ވަނީ އެއްވަރުވެފަ އެވެ. މިހާތަނަށް ކޮރޭޝިއާއަށް ސްކޮޓްލެންޑް ބަލި ކުރެވިފައެއް ނުވެ އެވެ. އެހެން ކަމުން މި މެޗަކީ ތާރީހުގެ ތެރެއަށް ވަނުމަށް ކޮރޭޝިއާށް މުހިންމު މެޗެކެވެ. ސްކޮޓްލެންޑުން ނުކުންނާނީ ބަލިނުވެ ތާރީހުގައި އެމީހުންގެ ރީތި ނަން ހިފަހައްޓާށެވެ.

މިރޭގެ މެޗާއި ގުޅޭ ގޮތުން ކޮރޭޝިއާގެ ކޯޗު ޑެލިޗް ބުނީ ޓީމުގެ ކުޅުމާއި މެދު އޭނާ ހިތްހަމަ ނުޖެހޭ ކަމަށެވެ. އަދި މިއީ އޭނާ ބޭނުންވާ އަދި އުންމީދު ކުރި ކޮރޭޝިއާ ނޫން ކަމަށެވެ. ނަމަވެސް މިރޭގެ މެޗަކީ އެހުރިހާ ކަމެއް ރަނގަޅު ކުރަން ލިބޭ ފުރުސަތެއް ކަމަށެވެ.

ސްކޮޓްލެންޑްގެ ކޯޗު ސްޓީވް ކްލާކް ބުނީ އިންގްލެންޑް މެޗުން އެއްވަރު ވުމުން ހިތް ހަމަޖެހޭ ކަމަށެވެ. އަދި ކޮރޭޝިއާ މެޗުގައި ސަމާލުކަން ދޭނީ މެޗުން މޮޅުވެ ތާރިހުގައި އިތުރު ސަފްހާއެއް ހިމަނާލަން ކަމަށެވެ.

މިރޭގެ މެޗުން އެއްވަރު ވެއްޖެ ނަމަ ދެ ޓީމުވެސް މުބާރާތުން ކަޓާނެ އެވެ. މިރޭ ޗެކް ރިޕަބްލިކް އާއި އިންގްލެންޑް ބައްދަލު ކުރާ މެޗުން އެއްވަރު ވެއްޖެ ނަމަ ކޮރޭޝިއާ އާއި ސްކޮޓްލެންޑް ވާދަކޮށް މޮޅުވާ ޓީމަކަށް ދެވަނަ އަށް އެރުމުގެ ފުރުސަތު ގެއްލޭނެ އެވެ. އެއީ އޭރުން އިންގްލެންޑާއި ޗެކް ރިޕަބްލިކަށް ފަސް ޕޮއިންޓް ލިބިފައި ކޮރޭޝީއާ-ސްކޮޓްލެންޑް މެޗުން މޮޅުވާ ޓީމަކަށް ލިބޭނީ ހަތަރު ޕޮއިންޓް ކަމަށް ވާތީ އެވެ. މި ދެޓީމުން ކުރެ މޮޅުވާ ޓީމަކަށް ދެވަނަ އަށް ދެވޭނީ އިންގްލެންޑް-ޗެކްރިޕަބްލިކް މެޗުން ކޮންމެސް އެއްޓީމެއް ބަލި ވެއްޖެ ނަމަ އެވެ. އަދި ކޮރޭޝީއާ-ސްކޮޓްލެންޑް މެޗުގައި މޮޅުވާ ޓީމެއް ގިނަ އަދަދެއްގެ ގޯލު ޖަހައިގެންނެވެ.

އެހެން ކަމުން މިރޭ ކުޅޭ މެޗުން މޮޅުވާ ޓީމެއް ދެވަނަ ބުރަށް ދާނެ ކަމަށް ބެލެވެނީ ތިން ވަނައިގައި ހިމެނޭ ޓީމުތަކުގެ ގަދަ ހަތަރެއްގައި ހިމެނިގެންނެވެ. މިރޭ މެޗުން އެއްވަރު ވެއްޖެ ނަމަ އެ ފުރުސަތު ގެއްލޭނެ އެވެ.

މިހާރު ގްރޫޕް ޑީގެ އެއް ވަނައިގައި އޮތީ ޗެކް ރިޕަބްލިކް އެވެ. އެއީ އެއް މެޗުން މޮޅުވެ އަނެއް މެޗުން އެއްވަރު ވުމުން ލިބުނު ހަތަރު ޕޮއިންޓާއި އެކުގަ އެވެ. ހަތަރު ޕޮއިންޓާއި އެކު އިންގްލެންޑް ދެ ވަނައިގައި އޮތީ ފައިދާ ގޯލުން ޗެކް ރިޕަބްލިކް ކުރި ހޯދާފައި ވާތީ އެވެ. ސްކޮޓްލެންޑާއި ކޮރޭޝިއާ އަށް ލިބިފައި ވަނީ އެއް ޕޮއިންޓެވެ. ކޮރޭޝިއާ ތިން ވަނައިގައި އޮތީ ފައިދާ ގޯލުންނެވެ.