ޔުއެއާފާ ޔޫރޯ 2020

ރޫނީގެ މެސެޖުތަކެއް އިންގްލެންޑަށް

ޔޫރޯ 2020 ގައި މިރޭ އިންގްލެންޑާއި ޗެކް ރިޕަބްލިކް ބައްދަލު ކުރާ މެޗާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން، ލެޖެންޑް ވޭން ރޫނީ އިންގްލެންޑަށް ވަރުގަދަ މެސެޖުތަކެއް ދީފި އެވެ.

މިރޭގެ މެޗާއި ގުޅިގެން ރޫނީ ބުނީ ޓީމުގެ ސަޕޯޓަރުން ކުޅުންތެރިންނަށް ފުރައްސާރަކޮށް "ބޫ" ކުރުމުގެ ބަދަލުގައި ހިތްވަރު ދޭން ޖެހޭ ކަމަށެވެ. އަދި ޓީމުގައި ހުރީ ތަފާތު ދައްކާލެވޭނެ ފަދަ މޮޅެތި ކުޅުންތެރިން ކަމަށެވެ. އެންމެ ފަހުން އިންގްލެންޑް ކުޅުނު މެޗުގައި 22،500 އަށްވުރެ ގިނަ ސަޕޯޓަރުން ދަނޑަށް ވަދެފައިވެ އެވެ.

ހަމަ އެހެންމެ މިރޭގެ މެޗުގައި އެސްޓަން ވިލާގެ ޒުވާން ތަރި ޖެކް ގްރީލިޝް ފުރަތަމަ އެގާރައިގައި ހިމެނުން ވަރަށް މުހިންމު ކަމަށް ރޫނީ ފާހަގަ ކުރި އެވެ. ރޫނީ ބުނީ މި ބަދަލާއި އެކު ޓީމަށް ރަނގަޅު ކުރިއެރުމެއް އަންނާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. ގްރީލިޝް އަށް ފުރަތަމަ އެގާރައިން ފުރުސަތު ދީފި ނަމަ މުބާރާތުގެ ފުރަތަމަ ދެ މެޗުގައި ރަނގަޅު ކުޅުމެއް ދެއްކިފައި ނުވާ ފެޑޯ ޖެހޭނީ ބެންޗުގައި މަޑުކޮށްލާށެވެ.

އެސްޓަން ވިލާގެ ކެޕްޓަން ގްރީލިޝް ހުރީ މި މެޗުގެ ފުރަތަމަ އެގާރައިގައި ނުކުންނަން ކެތްމަދުވެފައި ކަމަށް އޭނާ އަމިއްލަ އަށް ވަނީ ބުނެފަ އެވެ. އޭނާ މިހާރު ފިޓް ކަމަށާއި، މިރޭ ފުރަތަމަ އެގާރައިން އޭނާއަށް ފުރުސަތު ދީފި ނަމަ ބިރަކާއި ނުލައި ތަފާތު މޮޅު ކުޅުމެއް ދައްކާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ކުރިން މެޗުތަކުގައި އެކަށީގެންވާ ވަރަށް ފޯވާޑުންނަށް ބޯޅަ ދެވިފައި ނުވާކަން ފާހަގަކޮށް، އަވަސް ގޭމެއް ކުޅެ ގިނަ ބޯޅާތަކެއް ކުރިއަށް ފޮނުވަން ޖެހޭކަމަށް ކުރީގެ އެންމެ މޮޅު އެއް ސްޓްރައިކާ އަލަން ޝިއެރާ ވަނީ ބުނެފަ އެވެ. އަދި މޮޅު ކުޅުމެއް ދައްކައި ގްރޫޕުގެ އެއް ވަނައިގައި ދެވަނަ ބުރަށް އިންގްލެންޑް ދާން ބޭނުންވާ ކަމަށް ޕްރިމިއާ ލީގުގެ އެންމެ ގިނަ ގޯލު ޖަހާފައިވާ އަލަން ބުންޏެވެ.

އިންގްލެންޑަށް ގްރޫޕްގެ އެއް ވަނައަށް އެރެން އޮތީ މިރޭގެ މެޗުގައި ޗެކް ރިޕަބްލިކް ބަލިކޮށްގެންނެވެ. މިހާރު އިންގްލެންޑް ދެވަނައިގައި އޮތީ ފައިދާ ގޯލުން ޗެކް ރިޕަބްލިކް މަތިވީމަ އެވެ. މި މެޗުން މޮޅު ވެއްޖެ ނަމަ ގްރޫޕް ޑީގެ އެއް ވަނައިގައި އިންގްލެންޑަށް ދެވަނަ ބުރަށް ދެވޭނެ އެވެ. އެއްވަރު ވެއްޖެ ނަމަ ދެވަނައިގައި ދެވޭނެ އެވެ. އަދި މި މެޗުން އިންގްލެންޑް ބަލިވެފައި، ކޮރޭޝިއާ-ސްކޮޓްލެންޑް މެޗުން ޓީމެއް ބޮޑު ތަފާތަކުން މޮޅުވެއްޖެ ނަމަ އިންގްލެންޑް ތިން ވަނައަށް ވެއްޓޭނެ އެވެ. ނަމަވެސް ތިން ވަނައިގެ ގަދަ ހަތަރެއްގައި ހިމެނިގެން ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އިންގްލެންޑަށް އޮންނާނެ އެވެ.

އިންގްލެންޑުގެ ވެމްބްލީ ސްޓޭޑިއަމްގައި މިރޭ މިދެޓީމު ކުޅޭ މެޗަކީ ބައިނަލްއަގްވާމީ ގޮތުން މި ދެޓީމު ބައްދަލު ކުރާ ފަސްވަނަ މެޗެވެ. މިހާތަނަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗު ކަމިޔާބު ކޮށްފައި ވަނީ އިންގްލެންޑުންނެވެ. ޗެކް ރިޕަބްލިކުން އެއް މެޗު ކާމިޔާބު ކޮށްފައި ވާއިރު އެއް މެޗުން ވަނީ އެއްވަރު ވެފަ އެވެ.

އިންގްލެންޑާއި ޗެކް ރިޕަބްލިކަށް މިހާރު ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ޗެކް ރިޕަބްލިކް އެއް ވަނައިގައި އޮތީ ފައިދާ ގޯލުންނެވެ. އަދި ކޮރޭޝިއާ އާއި ސްކޮޓްލެންޑަށް ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ. ފައިދާ ގޯލުން ތިން ވަނައިގައި އޮތީ ކޮރޭޝިއާ އެވެ.