ކުޅިވަރު

އެއްވަރު ކޮށްލައިގެން ޗެކް އެއްވަނަ ދިފާއު ކޮށްފި

ކޮރޭޝިޔާއި އާއި ބައްދަލުކުރި މެޗުން އެއްވަރުކޮށް ޗެކް ރިޕަބްލިކް ގްރޫޕު ޑީގެ އެއްވަނަ ދިފާއު ކޮށްފި އެވެ. މި މެޗު ނިމިގެން ދިޔައީ 1-1 ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދާފައި ވަނީ ޗެކް ރިޕަބްލިކުންނެވެ. މެޗުގައި 37 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުން މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޕެޓްރިކް ޝިކް އެވެ. ނަމަވެސް ދެވަނަ ހާފު ފެށިގެން 47 ވަނަ މިނެޓުގައި ކޮރޭޝިޔާއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އިވާން ޕެރިސިޗް އެވެ.

މެޗުން މޮޅުވުމަށް ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް ކޮރޭޝިޔާއަށް ވަނީ އޭގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ނުހިފިފަ އެވެ. ކޮރޭޝިޔާއިން ގޯލާއި އަމާޒުކޮށް ދެ ހަމަލާ ފޮނުވާއިލި އިރު ކީޕަރު ވަނީ އެއް ބޯޅަ ދިފާއު ކޮށްފަ އެވެ. ޗެކް ރިޕަބްލިކަށް ކޮރޭޝިޔާގެ ގޯލަށް އަމާޒު ކުރެވުނީ އެންމެ ބޯޅައެކެވެ.

މެޗު ފެށިގެން ރަނގަޅަށް ކުޅުނީ ޗެކް ރިޕަބްލިކުން ނަމަވެސް، ފުރަތަމަ 10 މިނެޓަށް ފަހު ކޮރޭޝިޔާއިން ވަނީ ކުޅުން ރަނގަޅު ކޮށްފަ އެވެ. ނަމަވެސް ޗެކް ރިޕަބްލިކުން ވަނީ ކުޅުން ރަނގަޅުކޮށް މެޗުގެ ގިނަ ވަގުތު ބޯޅަ ހިފަހައްޓާފަ އެވެ. އެހެން ނަމަވެސް ގިނަ ހަމަލާތައް އުފައްދާފައި ވަނީ ކޮރޭޝިޔާއިންނެވެ.

ސްކޮޓްލެންޑުގެ ހެމްޕްޑެން ޕާކު ދަނޑުގައި ކުޅުނު މި މެޗުން ދެ ޓީމު އެއްވަރު ވުމުން ގްރޫޕުގެ އެއްވަނަ އަށް ޗެކް ރިޕަބްލިކް ވަނީ އަރާފަ އެވެ. ހަތަރު ޕޮއިންޓާއި އެކު އެއް ވަނައިގައި ޗެކްރިޕަބްލިކް އޮތްއިރު ދެވަނައިގައި ތިން ޕޮއިންޓާއި އެކު އޮތީ އިންގްލެންޑެވެ. މިރޭގެ މެޗުން އެއްވަރުވެ ލިބުނު އެއް ޕޮއިންޓާއި އެކު ކޮރޭޝިޔާ އޮތީ ގްރޫޕުގެ ތިންވަނައިގަ އެވެ. އަދި ޕޮއިންޓެއް ނުލިބި ގްރޫޕުގެ ފުލުގައި އޮތީ ސްކޮޓްލެންޑެވެ.