ކުޅިވަރު

މެޝަރާނޯ ރިޓަޔާކޮށްފި، މެސީ ގޮތެއް ނުނިންމާ

ވޯލްޑްކަޕު ދެ ވަނަ ބުރުގައި، މިރޭ ފްރާންސް އަތުން ބަލިވެ، މުބާރާތުގައި ކުރިމަތިވި ނާކާމިޔާބަށް ފަހު އާޖެންޓީނާގެ ޑިފެންޑަރު ހާވިއޭ މެޝަރާނޯ ގައުމީ ޓީމަށް ކުޅުން ހުއްޓަލައިފި އެވެ.

ބްރެޒިލްގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕުގައި، ފައިނަލަށް ދަތުރު ކުރި، އާޖެންޓީނާގެ ޓީމަށް މިފަހަރު ނާކާމިޔާބު ވުމުން، މިއީ ކެޕްޓަން މެސީ އާއި މެޝަރާނޯއަށް ވެސް ނާކާމިޔާބާ ކުރިމަތިވި ހަތަރު ވަނަ ވޯލްޑްކަޕެވެ. ގައުމީ ޓީމުގައި ކުރިއަށްދާނީތޯ، ނުވަތަ ނޫންތޯ މެސީއެއް އަދި ނުނިންމަ އެވެ.

މެސީ ވަނީ، މީގެ ދެ އަހަރު ކުރިން ބޭއްވި ކޮޕާ އެމެރިކާގެ މުބާރަތަށް ފަހު ވެސް، ގައުމީ ޓީމުން ރިޓަޔާ ކުރިކަން އިއުލާން ކޮށްފަ އެވެ. ނަމަވެސް އޭގެ ދުވަސް ގަނޑެއް ފަހުން އޭނާ ނިންމުން ބަދަލު ކުރި އެވެ.

ގައުމީ ޓީމުން މެޝަރާނޯ ރިޓަޔާ ކުރިއިރު އޭނާ ވަނީ 146 މެޗުގައި ގައުމީ ޓީމަށް ކުޅެފަ އެވެ. އޭނަ ގައުމީ ޓީމަށް ކުޅެން ފެށީ 2003 ވަނަ އަހަރު އެވެ. އޭނާގެ އުމުރުން 19 އަހަރުގަ އެވެ.

"މިއީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމަށް ފަހު އަހަރެން ރިޓަޔާ ކުރަންވީ ވަގުތު،" ފްރާންސާ ދެކޮޅަށް ކުޅުނު މެޗަށް ފަހު މެޝަރާނޯ ބުންޏެވެ. "ކުރިމަގުގައި މި ޒުވާން ކުދިންނަށް ރަނގަޅު ކާމިޔާބެއް ހޯދޭނެ، މިހާރު އަހަންނަކީ ގައުމީ ޓީމުގެ ސަޕޯޓަރެއް."

އޭނާ ބުނީ ވޯލްޑްކަޕުގައި ނާކާމިޔާބު ކުރިމަތިވީ ޓީމެއްގެ ގޮތުގައި މަސައްކަތް ނުކުރެވުމުން ކަމަށެވެ.