އޮކްޓޯބަރު 2010 ގައި ތުރުކީއާ ދެކޮޅަށް، ޖަރުމަން ކުޅުނު މެޗަށް ފަހު، ޖަރުމަންގެ ޗާންސެލާ އެންޖެލާ މާކެލް ކުއްލި ގޮތަކަށް ޖަރުމަން ޓީމުގެ ޑްރެސިން ރޫމަށް ވަޑައިގެންނެވި އެވެ. ތުރުކީ މައްޗަށް 3-0 ޖަރުމަނު މޮޅުވުމުން، ތުރުކީގެ ދަރިކޮޅަށް ނިސްބަތްވާ ޖަރުމަންގެ މިޑްފީލްޑަރު މެސުޓް އޮޒިލްއާ ސަލާމް ކުރައްވައި މާކެލް ފޮޓޯއެއް ނެންގެވި އެވެ.
މިއަދު އޮޒިލްއާ މެދު ޖަރުމަންގެ ފުޓްބޯޅަ މަސްރަހުގައި އޮތް ކަންބޮޑުވުންތައް ފެށޭ ހިސާބަކީވެސް، ހަގީގަތުގައި އެއީ އެވެ. ހާރިޖީ މަސްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ބުނެފައި ވަނީ އޮޒިލްއާ އެކު މާކެލް ނެންގެވި ފޮޓޯ އަކީ ތުރުކީގެ އޭރުގެ ބޮޑުވަޒީރު، (މިހާރުގެ ރައީސް) ރަޖަބު ތޮއްޔިބު އުރުދުގާން އަށް މާކެލް ދެއްވި ހަމަލާއެއް ކަމަށެވެ. މާކެލް އާއި އުރުދުގާން އަކީ އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ބަހުގެ ހަމަލާތައް ދެއްވުމުގައި އަރާ ތިއްބެވި ދެ ލީޑަރުންނެވެ.
އޮޒިލް، މާކެލް އާއެކު ނެންގެވި ފޮޓޯއިން، ތުރުކީގެ ހިތް ކަތިލެވުނަސް، އޭރު ޖަރުމަންގެ މަސްރަހުގައި ކިލަނބު ކަމެއް ނެތެވެ. އެ ފޮޓޯއިން ޖަރުމަނަށް ކުރާނެ ނޭދެވޭ އަސަރެއް ނެތެވެ. ތޫނު ކޫރުމެއް އެޅުނީ ތުރުކީ އާއި އެ ދަރިކޮޅުގެ ރައްޔިތުންގެ ހިތްތަކުގަ އެވެ. މާކެލް އާއި އޮޒިލްގެ ފޮޓޯ ގަނޑުގެ ވާހަކަ ހަނދާން ނެތޭހާ ދުވަސް ވެއްޖެ އެވެ. މީހުން އެ ވާހަކަ ދައްކައެއްވެސް ނޫޅެ އެވެ.
އުރުދުގާންއަށް މާކެލް ދިން ހަމަލާގެ ރައްދު އައީ އަށް އަހަރު ފަހުންނެވެ. އުރުދުގާމްގެ ހަމަލާއިން މުޅި ޖަރުމަން ގުޑުވާލި އެވެ. މި އަހަރުގެ މެއި މަހު އިނގިރޭސި ވިލާތަށް ރަސްމީ ދަތުރު ފުޅެއްއްގައި އުރުދުގާން ވަޑައިގެންނެވި އެވެ. އެ ދަތުރުގައި އޮޒިލްގެ އިތުރުން ތުރުކީ ދަރިކޮޅުގެ ޖަރުންމަން ޓީމުގެ އެހެން ކުޅުންތެރިޔެއް ކަމަށްވާ މެންޗެސްޓާ ސިޓީގެ ގުންޑޯގަން އާއެކު އުރުދުގާން ފޮޓޯއެއް ނެންގެވި އެވެ. އަދި ގުންޑޯގަން އޭނާގެ މެންޗެސްޓާ ސިޓީގެ ޖޯޒީގައި ސޮއިކޮށް، މެސެޖަކާއެކު އުރުދުގާންއަށް ހަދިޔާ ކުރެއްވި އެވެ. ގުންޑޯގަން ހަދިޔާ ކުރެއްވި ޖޯޒީގައި ލިޔެފައި ވަނީ، "އަހަރެންގެ ހިތުގެ އެންމެ އިހްތިރާމާއެކު، އަހަރެންގެ ރައީސް އަށް" މިހެންނެވެ.
އުރުދުގާން ނެންގެވި ފޮޓޯ ގަނޑުން މިފަހަރު ކަތި ލެވުނީ މުޅި ޖަރުމަންގެ ހިތެވެ. އޭރު ޖަރުމަނަށް އޮތީ ވޯލްޑްކަޕު ކުޑަތަން ވެފަ އެވެ. ތުރުކީއަށް އޮތީ އެ ގައުމުގެ ރިޔާސީ އިންތިހަބު ބޯ މަތި ވެފަ އެވެ. ޖަރުމަންގައި ދިރިއުޅޭ ތުރުކީގެ ދަރިކޮޮޅުގެ ވޯޓް ހޯދުމަށް، އުރުދުގާންގެ ޖަސްޓިސް އެންޑް ޑިވްލަޕްމެންޓް ޕާޓީން އެ ފޮޓޯ ގަނޑު ބޭނުން ކުރި އެވެ. އޭރު މާކެލްވެސް އެކި ފޯރަމްތަކުގައި ތުރުކީ ދަރިކޮޅުގެ މީހުންނަށް ނުސީދާކޮށް ހިތްވަރު ދެއްވަމުން ގެެންދެވީ އުރުދުގާން އަށް ވޯޓް ނުލުމަށެވެ. އުރުދުގާންގެ ޕާޓީގެ މެންބަރުން ކެމްޕެއިން ކުރުމަށް ޖަރުމަނަށް ދިއުމުން، އެކިގޮތްގޮތުން ފިޔަވަޅު އެޅި އެވެ. ނަމަވެސް އޮޒިލް އާއި ގުންޑޯގަން އާއެކު ނެންގެވި ފޯޓޯ ގަނޑުން ޖަރުމަންގައި ދިރިއުޅޭ ތުރުކީ ދަރިކޮޅުގެ ވޯޓް އުރުދުގާން ހޯދި އެވެ. އުރުދުގާން އިންތިހާބު ކާމިޔާބު ކުރެއްވި އެވެ. ޖަރުމަންގެ ހަޔާތުގައި ވޯލްޑްކަޕުގައި ކުރިމަތިވި އެންމެ ހިތްދަތި ނަތީޖާ އެ ގައުމަށް ކުރިމަތިވި އެވެ.
އުރުދުގާން އާއެކު އޮޒިލް ފޮޓޯ ނެންގެވުމުން، ޖަރުމަންގެ ފުޓްބޯޅަ ފެޑްރޭޝަނުންނާއި ޓީމުގެ އެހެން ކުޅުންތެރިންވެސް އޭނާ ފާޑު ކީ އެވެ. ސިޔާސީ ފަރާތްތަކުންވެސް ފާޑު ކިޔުން އޮއްސާލި އެވެ. އެ ފޮޓޯ ގަނޑާއެކު މުޅި ޓީމުގައި މައްސަލަ ޖެހުނެވެ. ކުޅުންތެރިންގެ މެދުގައި ހިތްހަމަނުޖެހުމުގެ އޮއިވަރެއް އޮތްކަން ވޯލްޑްކަޕު ތެރޭގައި މީޑިއާތަކުން ތިލަ ކުރަމުން ދިޔަ އެވެ. އޮޒިލް ޕަބްލިކުގައި މާފަށް އެދުމަށް ޖަރުމްންގެ ފުޓްބޯޅައާ ގުޅުންހުރި ފަރާތްތަކުން ގޮވާލަމުން ދިޔަ އެވެ
އުރުދުގާންއާއެކު ނެގި ފޮޓޯގެ ދިފާއުގައި އޮޒިލް ވާހަކަ ދެއްކުން
ޕަބްލިކުގައި މާފަށް އެދެން ގޮވާލަމުން ދިޔަ ނަމަވެސް އޮޒިލް ވަނީ އުރުދުގާން އާއެކު ނެގި ފޮޓޯގެ ދިފާއުގައި ވާހަކަ ދައްކާފަ އެވެ. އޭނާގެ ފަރާތުން ނެރުނު ބަޔާނުގައި، އޭނާ ބުނީ އޭނާގެ ކާބާފައިންގެ ދަރިކޮޅު އަަސްލު އައި ގޮތަށް އޭނާ އިހްތިރާމު ކުރާ ކަަމަށެވެ. އޭނާ ބުނީ އޭނާ ފޮޓޯ ނެގީ ސިޔާސީ ކަމެއްގައި ނޫން ކަމަށެވެ.
"އަހަރެންގެ އެބައޮތް ދެ ހިތް، ޖަރުމަނާއި ތުރުކީ،" ޓްވިޓާގައި އޮޒިލް ބުނެފައި ވެއެވެ. "އަހަންނަށް އެ ބައްދަލު ވުމަކީ އަހަރެންގެ އާއިލާ ނިސްބަތްވާ ގައުމުގެ އެންމެ މަތީ ފަރާތާ ބައްދަލުވި ބައްދަލުވުމެއް."
"އަހަރެން ކުޑައިރު އަހަރެންގެ މަންމަ އަހަންނަށް ބުނެދީފައި ވަނީ އަބަދުވެސް އަހަރެންގެ އަސްލު އައި ގޮތް ހަނދާން ނައްތާ ނުލުމަށް އަދި އެކަމަށް އިހްތިރާމް ކުރުމަށް މަންމަ އަހަންނަށް ބުނެދިން، އަހަރެން އަދިވެސް ދެކެނީ އެއީ މަންމަ ބުނެދިން އަގުހުރި ފިލާވަޅެއް ކަމަށް."
"އަހަރެން ނުބަލަން [ތުރުކީ] ގެ ރައީސް ކަމުގައި ހުރީ ކާކުތޯ އެއް، އަހަރެން ދެކެނީ ކޮންމެ މީހަކު ހުއްޓަސް އެއީ ރައީސް ކަމަށް،" އޮޒިލް ބަޔާނުގައި ބުނެފައި ވެއެވެ. "އެއީ ޖަރުމަންގެ ރައީސް ވިޔަސް ނުވަތަ ތުރުކީގެ ރައީސް ވިޔަސް އަހަރެން ދެކޭ ގޮތް ތަފާތެއް ނުވާނެ."