ކުޅިވަރު

ކޮރެއާ އަތުން ބަލިވެ ޗެމްޕިއަން ޖަރުމަން ކަޓައިފި

ދެކުނު ކޮރެއާ އަތުން 2-0 ބަލި ވުމުން، އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަން މުބާރާޓުގެ ގުރޫޕް ސްޓޭޖުން ކަޓައިފި އެވެ.

މުބާރާތް ހަތަރު ފަހަރު ކާމިޔާބު ކޮށްފައިވާ، ޖަރުމަން މުބާރާޓުން ކެޓީ، މެކްސިކޯގެ މައްޗަށް ސްވިޑެން ކުރި ހޯދުމުގެ އިތުރަށް ޖަރުމަނަށްވެސް މޮޅު ނުވެވުމުންނެވެ.

ޖަރުމަނަކީ ކުރިން ބޭއްވި މުބާރާތުގެ ޗެމްޕިއަން ޓީމުގެ ގޮތުގައި އައިސް، ގުރޫޕް ސްޓޭޖުން ކެޓި ހަތަރު ވަނަ ޓީމެވެ.

ފްރާންސް ވަނީ 1998 ގެ ޗެމްޕިއަނުންގެ ގޮތުގައި 2002 ގެ ވޯލްޑްކަޕަށް އައިސް މުބާރާތުގެ ގުރޫޕް ސްޓޭޖުން ކަޓާފަ އެވެ. ދެހާސް ހަ ވަނަ އަހަރުގެ ޗެމްޕިއަންކަން ހޯދި އިޓަލީ ވަނީ 2010 ވަނަ އަހަރުގެ ވޯލްޑްކަޕުގެ ގުރޫޕް ސްޓޭޖުން ކާޓާފަ އެވެ. ދެހާސް ދިހަ ވަނަ އަހަރުގެ ޗެމްޕިއަން، ސްޕެއިން ވަނީ 2014 ވަނަ އަހަރުގެ ވޯލްޑްކަޕުން ކަޓާފަ އެވެ. ދެހާސް ސާދަ ވަނަ އަހަރުގެ ޗެމްޕިއަން ޖަރުމަން މި އަހަރުގެ ވޯލްޑްކަޕުގެ ގުރޫޕް ސްޓޭޖުން ކެޓީ އެވެ.

ޖަރުމަނަށް މައްސަލަ ދިމާވީ ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި މެކްސިކޯ އަތުން ބަލިވުމުންނެވެ. ނަމަވެސް އޭގެ ފަހުން ސްވިޑެން އަތުން މެޗުގެ އެންމެ ފަހު ވަގުތުގައި މޮޅުވެ އަމިއްލަ އިތުބާރު ހޯދި އެވެ.

ނަމަވެސް ދެކުނު ކޮރެއާ ދެކޮޅަށް، އެ ޓީމުގެ ގޯލް ފޫއަޅުވާ ނުލެވުނެވެ. ޖަރުމަނަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު ލިބުނީ، ލިއޯން ގޯޓްޒްކާ އެވެ. ކޮރެއާގެ ޕެނަލްޓީ އޭރިއާ ތެރެއަށް ޖަރުމަނުން ނަގައިދިން ބޯޅަ އޭނާ ބޮލުން ފޮނުވާލި ނަމަވެސް ކޮރެއާގެ ކީޕަރު ޗޫ ހިއުން ވޫ ވަނީ އެ ބޯޅަ ދިފާއު ކޮށްފަ އެވެ.

ކޮރެއާގެ ލަނޑު ޖެހީ މެޗުގެ 92 ވަނަ މިނެޓްގައި ނެގި ކޯނަރަކުން ތަނަވަސްވި ބޯޅައިން ކިމް ޔަންގް ގޮއުން އެވެ. އެ ލަނޑު ޖެހި އިރު ކިމް ޔަންގް އޮފްސައިޑް ވެފައިވާ ކަމަށް ލައިސްމަން ދިދަ ނެގި އެވެ، ސުވާލު އުފެދުމުން ވީއޭއާރް ބެލުމަށް ފަހު ރެފްރީ ނިންމީ ގޯލެއް ކަމަށެވެ.

ކޮރެއާގެ ދެ ވަނަ ލަނޑު، ޖަރުމަންގެ ކީޕަރު މެނައުލް ނޯޔާ ކުރިއަށް އަރައި ހުއްޓައި ފަހަތުން ދިން ބޯޅަ ހުހަށް އޮތްގޯލް ތެރެއަށް ފޮނުވާލައިގެން ލަނޑު ކާމިޔާބު ކުރީ ސަން ހިއުންގް މިން އެވެ.

މިއީ ވޯލްޑްކަޕުގެ ތާރީހްގައި 1938 ވަނަ އަހަރުގެ ފަހުން، ޖަރުމަން ވޯލްޑްކަޕުގެ ގުރޫޕް ސްޓޭޖުން ކެޓި ފުރަތަމަ ފަހަރެވެ.