ކުޅިވަރު

ނާކާމިޔާބަށްފަހުވެސް ޔޯގީލޯ ޓީމުގައި މަޑުކޮށްފި

ވޯލްޑްކަޕުގެ ގުރޫޕް ސްޓޭޖުން ކެޓި އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަންގެ ކޯޗުގެ މަގާމުގައި މަޑު ކުރުމަށް ކޯޗް ޔޯކިމް ލޯ (ޔޯގީލޯ) ނިންމައިފި އެވެ.

ހަތަރު ފަހަރު ވޯލްޑްކަޕް ކާމިޔާބު ކޮށްފައިވާ، ޖަރުމަން މުބާރާތުން ކެޓީ ގުރޫޕްގެ ފަހު މެޗުގައި ދެކުނު ކޮރެއާ އަތުން ބަލިވުމުންނެވެ. މިއީ ވޯލްޑްކަޕުގެ ތާރީހްގައި 1938 ވަނަ އަހަރުގެ ފަހުން، ޖަރުމަން ވޯލްޑްކަޕުގެ ގުރޫޕް ސްޓޭޖުން ކެޓި ފުރަތަމަ ފަހަރެވެ. ގުރޫޕް ސްތޭޖު ނިންމާލީ ތަވަލުގެ ފުލުގައި އޮވެގެންނެވެ.

ވޯލްޑްކަޕުގެ ކުރިން، ޔޯގީލޯ ވަނީ ޖަރުމަން ޓީމާއެކު، 2022 ވަނަ އަހަރުގެ ވޯލްޑްކަޕުގެ ނިޔަލަށް ހުރުމަށް އެއްބަސްވުން އާ ކޮށްފަ އެވެ. އޭގެ ކުރިން އޭނާ ގެންދަން ރެއާލް މެޑްރިޑުންވެސް މަސައްކަތް ކުރި އެވެ.

ޔޯގީލޯ އަކީ ޖަރުމަންގެ ކުރީގެ ކޯޗް ޔާގަން ކްލިންސްމަންގެ އެސިސްޓެންޓް ކޯޗެވެ. އޭނާ ވަނީ ވޯލްޑްކަޕު 2006 ގައި ކްލިންސްމަންގެ ދަށުން މަސައްކަތް ކޮށްފަ އެވެ. ޖަރުމަންގެ ކޯޗް ކަމާ އޭނާ ހަވާލުވީ އެ ފަހަރު މުބާރާތަށް ފަހު ކްލިންސްމަން ވަޒީފާ ދޫކޮށްލުމުންނެވެ. އޭނާ ވަނީ ޖަރުމަނަށް އެންމެ ފަހުގެ ވޯލްޑްކަޕު ކާމިޔާބު ކޮށް ދީފަ އެވެ.

ކުރިން ބޭއްވި މުބާރާތުގެ ޗެމްޕިއަން ޓީމުގެ ގޮތުގައި އައިސް، ގުރޫޕް ސްޓޭޖުން ކެޓި ހަތަރު ވަނަ ޓީމެވެ.

ފްރާންސް ވަނީ 1998 ގެ ޗެމްޕިއަނުންގެ ގޮތުގައި 2002 ގެ ވޯލްޑްކަޕަށް އައިސް މުބާރާތުގެ ގުރޫޕް ސްޓޭޖުން ކަޓާފަ އެވެ. ދެހާސް ހަ ވަނަ އަހަރުގެ ޗެމްޕިއަންކަން ހޯދި އިޓަލީ ވަނީ 2010 ވަނަ އަހަރުގެ ވޯލްޑްކަޕުގެ ގުރޫޕް ސްޓޭޖުން ކާޓާފަ އެވެ. ދެހާސް ދިހަ ވަނަ އަހަރުގެ ޗެމްޕިއަން، ސްޕެއިން ވަނީ 2014 ވަނަ އަހަރުގެ ވޯލްޑްކަޕުން ކަޓާފަ އެވެ. ދެހާސް ސާދަ ވަނަ އަހަރުގެ ޗެމްޕިއަން ޖަރުމަން މި އަހަރުގެ ވޯލްޑްކަޕުގެ ގުރޫޕް ސްޓޭޖުން ކެޓީ އެވެ.