ފުޓްބޯޅައަކީ ފަސޭހަ ގޭމެކެވެ. ބާވިސް މީހުން ދަނޑަށް އަރައި 90 މިނެޓް ވަންދެން ބޯޅަ އަތުލަން ވާދަ ކުރާނެ އެވެ. އަދި އެންމެ ފަހުން ނިމިގެންދާއިރު ޖަރުމަން އަބަދުވެސްް މޮޅު ވާނެ އެވެ؛ މިއީ އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ސްޓައިކަރު ގެރީ ލިންކާގެ މަޝްހޫރު ވާހަކަ ކޮޅެކެވެ. ނަމަވެސް ބުދަ ދުވަހު ވެގެން ދިޔައީ އެހެނެއް ނޫނެވެ. ނިމިގެން ދިޔައިރު ޖަރުމަށް ބަލިވީ އެވެ. އެ ހިތްދަތި ނަތީޖާއާއެކު ގުރޫޕްގެ އެންމެ ފުލުގައި އޮވެގެން ޖަރުމަން މުބާރާތުން ކަޓައިގެން ދިޔައީ އެވެ.
އެންމެ ފަހު ގެ ޗެމްޕިއަން މުބާރާތުން ކަޓައިގެން، ދިޔައީ އޭގެ ކުރިން މުބާރާތުގެ ޗެމްޕިއަނެއް މުބާރާތުން ކަޓައިގެން ނުދާހާ ހިތްދަތި ގޮތަކަށެވެ. މުބާރާތުން ކަޓައިފައި އޮތް ޓީމެއް އަތުން ޖަރުމަން ބަލި ވެގެން ދިޔައީ އެވެ. ބައެއް މީހުން ބުނާ ގޮތުން ދެކުނު ކޮރެއާ ވެސް ފުރައިގެން ދިޔައީ ޖަރުމަންވެސް ގޮވައިގެންނެވެ. ޖަރުމަނަށް ހެދުނު އެންމެ ބޮޑު ގޯހަކީ 2014 ވަނަ އަހަރު ހޯދި ރަން ކާމިޔާބުގެ ޓީމު އެންމެ ރަނގަޅަށް އޯވަހޯލް ކުރެވިފައި ނެތުމެވެ.
ދެކުނު އެފްރިކާގައި 2010 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕުގެ ޗެމްޕިއަން ސްޕެއިން ހޯދުމަށް ފަހު، ސްޕެއިންގެ އޭރުގެ ކޯޗް ވިންސެންޓޭ ޑެލްބޮސްކޭ އަށް ހެދުނު ގޯސްތައް ޖަރުމަންގެ ކޯޗް ޔޯކިމް ލޯ (ޔޯގީލޯ) އަށް ބެލިފައި ނެތުމެވެ. އެންމެ ފަހުގެ ވޯލްޑްކަޕަށް ޑެލްބޮސްކޭ ދިޔައީ 2010 ވަނަ އަހަރުގެ ވޯލްޑްކަޕުގައި ހިމެނުނު ޓީމު ގޮވައިގެންނެވެ. ރެއާލް މެޑްރިޑްގެ މިޑްފީލްޑާ އިސްކޯ އާއި ހޯސޭ ކެލޭހޮން ފަަދަ ކުޅުންތެރިން ގައުމީ ޓީމަށް ފާއްކާ ވެފައި ވީނަމަވެސް އޭނާ ދިޔައީ އެ ކުޅުންތެރިން ދޫކޮށްލާފަ އެވެ. އޭގެ ކުރީގެ ވޯލްޑްކަޕުގައި އިޓަލީގެ މާސެލޯ ލިއްޕީއަށް ވެސް ވީ އެކަހަލަ ގޮތެކެވެ.
އެއްވަރެއްގައި ނުގެންދެވުނު
ވޯލްޑްކަޕު ހޯދައި ދިނުމަށް ފަހު ކޮންމެ ކޯޗެއްވެސް، އެ ކޯޗަކާއެކު ވޯލްޑްކަޕު ހޯދި ޓީމެއް ގެންގުޅެ އެވެ. މާސެލޯ ލިއްޕީ އާއި ޑެލްބޮސްކޭ ކަންތައް ކުރީ އެހެންނެވެ. ޔޯގީލޯ ބައެއް ބަދަލުތައް ގެނެ އެވެ. ނަމަވެސް، އެނާގެ އިތުބާރު އެންމެ ބޮޑަށް ދޫކޮށްލީ ކުރިން ވޯލްޑްކަޕުގައި ކާމިޔާބު ހޯދައިދިން ކުޅުންތެރިންނަށެވެ.
މިފަހަރުގެ ވޯލްޑްކަޕަށް އޭނާ ދިޔައީ، 2014 ގެ ކާމިޔާބު ގައި ހިއްސާވި މަޝްހޫރު ނަންތައް އޭނާގެ ސްކޮޑުގައި ހިމަނައިގެންނެވެ. ނަމަވެސް އެ ކުޅުންތެރިން ތިބީ ފޯމު ގެއްލިފަ އެވެ. އެންމެ ފަހުގެ ދެ ވޯލްޑްކަޕުގައި ވެސް ފަސް ލަނޑު ޖެހި ތޯމަސް މުލާއަށް މިފަހަރު ކުރެވުނު އެއްވެސް ކަމެއް ނެތެވެ. ލަނޑެއް ނުޖެހުނު ތާންގައި އެކަށީގެންވާ މިންވަރަށް އިދިކޮޅު ގޯލަށް ހަމަލާއެއް ވެސް ފޮނުވާ ނުލެވުނެވެ. ގުރޫޕްގެ އެންމެ ފަހު މެޗުން އޭނާ އަށް ފުރުސަތު ދީފައިވެސް ނުވެ އެވެ.
މެސުޓް އޮޒިލްއަށް ކުރީގެ ޖާދޫ ދައްކާ ނުލެވުނެވެ. ސްވިޑެންއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ހުރީ ބެންޗުގަ އެވެ. ސާމީ ކެދީރާ ފެނުނީ މާބޮޑަށް ދަށް ކޮށެވެ. ބޯޅައަށް ފައި ކޮށްޕާލައި ގެންވެސް ޓީމުގެ ޑިފެންސަށް ކުރިމަތިވާ ބޯޅަތައް ދިފާއު ކޮށްލަންވެސް އޭނާ އަށް ނޭންގުނެވެ. ކީޕަރު މެނައުލް ނޯޔާ އެނބުރި ކުޅުމަށް އައީ އަށް މަސް ދުވަހު އަނިޔާގައި ހުރުމަށް ފަހު އެވެ. ބާސެލޯނާގައި މޮޅަށް ކުޅުނު ކީޕަރު މާކް އެންޑްރޭ ޓާސްޓެގަން ހުންނަށް ޖެހުނީ ބެންޗުގައެވެ. ސްވިޑެން މެޗުގައި މޮޅަށް ކުޅެވުސް ޓޯނީ ކްރޫޒްއަށްވެސް އަސަލު ފެންވަރު ދައްކާ ނުލެވުނެވެ.
ޔޯގީލޯގެ ސްކޮޑަށް ބަދަލުތައް ގެނެ އެވެ. ނަމަވެސް އޭނާ ގެނައި ބަދަލުތައް އެއްވަރެއްގައި ނުގެންދެވުނެވެ. ކުރީގެ ތަޖުރިބާކާރު ކުޅުންތެރިންނާ އެއްވަރަށް، އާ ކުޅުންތެރިންނަށް އޭނާގެ ސްކޮޑުން ފުރުސަތު ދިން ނަމަ ތަފާތެއް ގެނެވުނީހެވެ. ނަމަވެސް އޭނާ އައީ އެންމެ މުހިންމު ކުޅުންތެރިޔާ ލިރޮއީ ސަނޭ ރަށުގައި ބަހައްޓާފަ އެވެ. މެންޗެސްޓާ ސިޓީގައި މޮޅަށް ކުޅުނު، ސަނޭ ސްކޮޑުން އުނި ކުރީ، ފައިނަލް ސްކޮޑު އިއުލާން ކުރުމުގެ އެންމެ ފަހު ދުވަހު އެވެ. ސަނޭ ސްކޮޑުން ބާކީ ކުރުމުން ލޯ އަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ.
މުޖައްރިބު ޓީމެއް އޮތް، ބޭނުމެއް ނުކުރި
ވޯލްޑްކަޕުގެ އެއް އަހަރު ކުރިން ރަޝިއާގެ ފަސް ގަނޑުގައި، ޖަރުމަނުން ބައްރުތަކުގެ ފުޓްބޯޅަ މުބާރާތް، "ފީފާ ކޮންފެޑްރޭޝަން ކަޕު" ކާމިޔާބު ކުރި އެވެ. ބައްރުތަކުގެ ޗެމްޕިއަން ޓީމު ތަކާއެކު ޖަރުމަން ދިޔައީ އެންމެ ފަހުގެ ވޯލްޑްކަޕުގެ ޗެމްޕިއަން ޓީމުގެ ހައިސިއްޔަތުންނެވެ.
އެ މުބާރާތުގެ ފައިނަލުގައި މެކްސިކޯ ބަލިކޮށް ޖަރުމަން ޗެމްޕިއަންކަން ހޯދި އެވެ. އެ މުބާރާތަށް ޖަރުމަން ދިޔައީ ވޯލްޑްކަޕު ކާމިޔާބު ކުރި ޓީމުގެ މުހިންމު ކުޅުންތެރިންނަށް ރެސްޓް ދިނުމަށް ފަހު އެވެ. ކެޕްޓަން މެނައުލް ނޯޔާ، ޖުރޯމް ބޯޓެން، މެޓްސް ހުމެލްސް، ކްރޫޒް، ކެދީރާ، މުލާ އަދި އޮޒިލް ނުހިމެނެ އެވެ. ހޫލިއަން ޑްރެކްސްލާގެ ކެޕްޓަން ކަމުގެ ދަށުން ޒުވާން ކުޅުންތެރިން ގިނައިން އޮތް ސްކޮޑަކުން ކޮންފެޑްރޭޝަން ކަޕު ކާމިޔާބު ކުރި އެވެ.
ވޯލްޑްކަޕުގެ ފުރަތަމަ މެޗުގައި ކުރިން މި ފާހަގަ ކުރި ހުރިހާ ކުޅުންތެރިންވެސް ކުޅުނެވެ. ކޮންފެޑްރޭޝަން ކަޕުގެ ކާމިޔާބު ހޯދާފައި އޮތް މުޖައްރިބު ޓީމެއް އޮއްވައި، ޔޯގީލޯ ވޯލްޑްކަޕަށް އައީ ކޮންފެޑްރޭޝަން ކަޕު ކާމިޔާބުގެ މުހިންމު ކުޅުންތެރިން ބަހައްޓާފައެވެ. އަމިއްލައަށް ކުރި ތަޖުރިބާގެ ބޭނުން އޭނާއަށް ނުހިފުނީ ސްކޮޑުން ފީ ހޮވައި ނުލެވުމުންނެވެ.
ގެރީ ލިންކާ އޭނާގެ ބަސް ބަދަލު ކޮށްފި އެވެ. އޭނާ މިހާރު ކިޔައިދެނީ އެހެން ވާހަކައެކެވެ. ފުޓްބޯޅައަކީ ފަސޭހަ ގޭމެކެވެ. ބާވިސް މީހުން ދަނޑަށް އަރައި ބޯޅަ ހޯދަން ވާދަ ކުރަނީ އެވެ. ނަމަވެސް ނިމިގެންދާއިރު ޖަރުމަން އަބަދު މޮޅެއް ނުވެ އެވެ. މޮޅުވި ވާހަކަ އޮތީ މާޒީއާ އެކު ވެފަ އެވެ.