ކުޅިވަރު

ސްވިޑެން ބަލިކޮށް ޖަރުމަން އަމިއްލަ ބާރު ހޯދައިފި

ސްވިޑެން އަތުން 1-1 ން މެޗު އެއްވަރު ވާން ދަނިކޮށް، ފަހު ވަގުތު ޓޯނީ ކްރޫޒް ކާމިޔާބު ކުރި ލަނޑުން 2-1 މޮޅުވެ ވޯލްޑްކަޕު ދެ ވަނަ ބުރަށް ދިއުމުގެ އަމިއްލަ ބާރު، އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަނުން ހޯދައިފި އެވެ.

ފުރަތަމަ މެޗުގައި މެކްސިކޯ އަތުން ބަލިވި، ޖަރުމަން މެޗުން މޮޅުވުމުން، ފަހު މެޗުގައި ދެކުނު ކޮރެއާ ބަލިކޮށް ދެ ވަނަ ބުރަށް ދިއުމުގެ ބާރު ޖަރުމަނަށް އެބައޮތެވެ. އެ ގުރޫޕްގެ ދެ ވަނަ ޓީމުގެ ގޮތުގައި، ދެ ވަނަ ބުރަށް ދިއުމުގެ ފުރުސަތު ޖަރުމަނާއި ސްވިޑެންއަށް އެބައޮތެވެ.

ކޮރެއާ އަތުން މޮޅުވެ ހޯދި ތިން ޕޮއިންޓާއެކު، ޖަރުމަނާ ދެކޮޅަށް ސްވިޑެން ނިކުތީ ވަރުގަދަ ރޫހެއްގަ އެވެ. ސްވިޑެންގެ ފުރަތަމަ ލަނޑަކީ، ޖަރުމަންގެ ފަހަތުން ހެދުނު މިސްޓޭކެއްގެ ފައިދާ ނަގައިގެން އޮލާ ޓޮއިވޮނެން ކާމިޔާބު ކުރި ލަނޑެކެވެ. ޖަރުމަންގެ މިޑްފީލްޑާ ކްރޫޒް ފަހަތަށް ދިން ބޯޅަ ޑިފެންޑަރު އެންޓޯނިއޯ ރޫޑިގާއަށް ލިބުމުގެ ކުރިން ޓޮއިވޮން ވަނީ އެ ބޯޅަ ގޯލް ތެރެއަށް ވައްދާލަފަ އެވެ.

ޖަރުމަނުން، މެޗުގެ ނަތީޖާ ހަމަހަމަ ކުރީ، ދެ ވަނަ ހާފު ފެށިގެން ތިން ވަނަ މިނެޓްގައި މާރިއޯ ގޯމޭޒް ތަނަވަސް ކޮށްދިން ފުރުސަތަކުން، މާކޯ ރޮއިސް އެވެ. ދެ ވަނަ ހާފުގައި ޖަރުމަނުން ވަނީ ސްވިޑެންގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވލާފަ އެވެ. އަދި ސްވިޑެންއިން ވެސް ފުރުސަތު ތަނަވަސް ކުރި އެވެ.

މެޗުގެ އެންމެ ފަހު 10 މިނެޓްގައި ޖަރުމަނުން ވަނީ، ފުލުފުލުގައި، ސްވިޑެންގެ ގޯލަށް އަމާޒުކޮށް ގިނަ ބޯޅަތަކެއް ފޮނުވާލާފަ އެވެ. މެޗުގެ 88 ވަނަ މިނެޓްގައި މާރިއޯ ގޯމޭޒް ބޮލުން ފޮނުވާލި ބޯޅަ ސްވިޑެންގެ ކީޕަރު ވަނީ ކޯނަރަކަށް ބޭރު ކޮށްލާފަ އެވެ.

މެޗުގެ 82 ވަނަ މިނެޓްގައި، ޖަރުމަންގެ ޖްރޯމް ބޯޓެންއަށް ވަނީ ދެ ވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފަ އެވެ. ޖަރުމަންގެ މޮޅު ކޮށްދިން ލަނޑު، ޓޯނީ ކްރޫޒް ކާމިޔާބު ކުރީ 95 ވަނަ މިނެޓްގައެވެ. އޭރިއާގެ އަރިމަތިން އޭރިއާގެ ބޭރުން ލިބުނު ހިލޭ ޖެހުން ޓޯނީ ކްރޫޒް ޖައްސާލީ ރޮއިސް އަށެވެ. ރޮއިސް އެ ބޯޅައިގައި ޓަޗް ކޮށްލުމުން ކުރޫޒް ވަނީ އުންޑައެއް ހެން ގޯލް ތެރެއަށް ބޯޅަ ފޮނުވާލާފަ އެވެ.