ކުޅިވަރު

ޖަރުމަން ޓީމު ތެރޭގައި ކަންބޮޑުވުން، ކޯޗު އިތުބާރާއެކު

ޖަރުމަން ޓީމުގެ އެތެރޭގައި ހިތްހަމަނުޖެހުންތަކެއް ހުރިކަމަށް، ޖަރުމަންގެ މީޑިއާތަކުން ރިޕޯޓް ކުރި ނަމަވެސް، އޭނާ އަށް ޓީމަށް އިތުބާރު އެބައޮތް ކަމަށް ކޯޗް ޔޯކިމް ލޯ (ޔޯގީލޯ) ބުނެފި އެވެ.

ޖަރުމަންގެ މީޑިއާ ތަކުން ރިޕޯޓް ކުރާ ގޮތުން، ޓީމު އެތެރޭގައި ކަންބޮޑުވުންތައް ވަނީ އުފެދިފަ އެވެ. ހާއްސަކޮށް، މެކްސިކޯ އަތުން ބަލިވި މެޗަށް ފަހު ޓީމުގެ އެތެރޭގައި ހުރި ކަންބޮޑުވުންތައް ވަނީ އިތުރު ވެފަ އެވެ.

މިއަދު ސްވިޑެން އަތުން ބަލި ވެއްޖެނަމަ، ދެ ވަނަ ބުރަށް ދިއުމުގެ ދޮރު ޖަރުމަނަށް ބަންދު ވާނެ އެވެ. ނަމަވެސް ކޯޗް ޔޯގީލޯ ހުރީ އިތުބާރާއެކު އެވެ. އޭނާ ބުނީ ޖަރުމަނަށް ނަތީޖާ އަނބުރާ ލެވޭނެ ކަމަށެވެ.

މިހަފުތާގެ ޓްރެއިނިން ތަކުގައި ކުޅުންތެރިން ވަނީ އެ ކުޅުންތެރިން ނަތީޖާ އަނބުރާލަން ބޭނުންވާ ވަރު ސާބިތު ކޮށްދީފައި، ނަމަވެސް އެކަން ދައްކަން ޖެހޭނީ (މިއަދު) ގެ މެޗުގައި،" ޔޯގީލޯ ބުންޏެވެ.، "އަހަރެން ބަލާނަން ކުޅުންތެރިންގެ ރިއެކްޝަން ހުރީ ކިހިނެއްތޯ، އަހަރެންނަށް ޔަގީން ކުޅުންތެރިން ތިބީ އެންމެ ރަނގަޅު ރޫހުގައިކަން."

ޖަރުމަން މުބާރާތާ ކުރިމަތިލީ، ފޭވަރިޓެއްގެ ގޮތުގަ އެވެ. ކޯޗް ޔޯގީލޯގެ އުންމިދުތައްވެސް ހުރީ އެހެންނެވެ. ނަމަވެސް މިހާރު އޭނާ ވިސްނަނީ ސްވިޑެންއާ ދެކޮޅަށް ކުޅޭ މެޗަށެވެ.

"އެ މެޗުން ވާގޮތަކުން ކުރިއަށް ދާނެ ގޮތެއް އެނގޭނީ، މޮޅު ވެއްޖެއްޔާ އަހަރެމެން ރޭހުގެ ތެރެއަށް ވަންނާނެ އެއަށް ފަހު އަހަރެމެން ވިސްނާނީ ކުރިއަށް އޮތްތަނާ މެދު."