ކުޅިވަރު

ސްވިޑެން ބަލިކޮށް އިންގްލެންޑް ސެމީ ފައިނަލަށް

ކްއާޓާ ފައިނަލުގައި ސްވިޑެންގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ވޯލްޑްކަޕުގެ ސެމީ ފައިނަލަށް އިންގްލެންޑް ދަތުރު ކޮށްފި އެވެ.

ވޯލްޑްކަޕުގެ ސެމީ ފައިނަލަށް އިންގްލެންޑް މީގެ ކުރިން ދަތުރު ކުރީ 28 އަހަރު ކުރިންނެވެ. އިޓަލީގައި 1990 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕުގެ ސެމީ ފައިނަލަށް އިންގްލެންޑް ދަތުރު ކުރި އެވެ. ސެމީފައިނަލުގައި އެ ޓީމު ބަލިވީ ޖަރުމަން އަތުންނެވެ. ތިން ވަނަ ހޮވި މެޗުގައި ބަލިވީ އިޓަލީ އަތުންނެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފު ނިމެން އުޅެނިކޮށް އިންގްލެންޑުން ވަނީ ލީޑް ނަގާފަ އެވެ. މެޗުގެ 42 ވަނަ މިނެޓްގައި، އެޝްލީ ޔަންގް ނަގައިދިން ފުރުސަތަކުން ގޯލް ކާމިޔާބު ކުރީ ހެރީ މަގްޔަޔާ އެވެ.

ދެ ވަނަ ހާފުގައި، އިންގްލެންޑްގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ ޑެލީ އަލީ އެވެ. ޖެސީ ލިންގާޑް އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ ޑެލީ އަލީ ވަނީ ގޯލްގެ އަރިމަތިން ގޯލް ކުރިމަތީގައި ހުރެ ބޮލުން ގޯލް ތެރެއަށް ފޮނުވާލާފަ އެވެ.

ދެ ވަނަ ހާފުގައި، ސްވިޑެންއަށް ވަނީ ލަނޑު ޖަހާނެ ރަނުގެ ތިން ފުރުސަތެއް ލިބިފަ އެވެ. އެ ތިންފަހަރުވެސް، އިނިގިރޭސި ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ އެ ބޯޅަތައް ސަލާމަތް ކޮށްފަ އެވެ.

ސެމީ ފައިނަލުގައި އިންގްލެންޑް ބައްދަލު ކުރާނީ، ކްއާޓާ ފައިނަލުގެ ފަހު މެޗުގައި މިރޭ، މުބާރާތް ބާއްވާ ގައުމު ރަޝިއާ އާއި ކޮރޭޝިއާ ބައްދަލު ކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. އެ މެޗު ވާނީ ސެމީ ފައިނަލުގެ ދެވަނަ މެޗަށެވެ.

ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި މިއަންނަ އަންގާރަ ދުވަހުގެ ރޭ، ބައްދަލު ކުރާނީ ފްރާންސާއި ބެލްޖިއަމް އެވެ. ދެ ވަނަ ސެމީ ފައިނަލު މެޗު އޮންނާނީ ބުދަ ދުވަހުގެ ރޭގަ އެވެ.