ވޯލްޑްކަޕުގެ ތިން ވަނަ ހޮވާ މެޗުގައި، މިއަދު ބެލްޖިއަމް އާއި އިންގްލެންޑް މެޗުގައި، ގިނަ ބައެއްގެ ސަމާލުކަން ލިބިފައި ވަނީ، ދެ ޓީމުގެ ދެ ސްޓައިކަރުން ކަމަށްވާ އިންގެލެންޑްގެ ހެރީ ކޭން އާއި ބެލްޖިއަމްގެ ރޮމެޔޫ ލުކާކޫ އަށެވެ.
ވޯލްޑްކަޕުގެ ރަން ބޫޓަށް ވާދަ ކުރާ ލިސްޓްގައި އެންމެ ކުރީގައި އޮތީ މި ދެ ކުޅުންތެރިންނެވެ. ޕެނަލްޓީން ޖެހި ގޯލް ތަކާއެކު، ލަނޑު ލިސްޓުގެ އެންމެ ކުރިގައި އޮތީ، ކޭން އެވެ. އޭނާ ވަނީ، ހަ ލަނޑު ޖަހާފަ އެވެ. އެއީ ޕެނަލްޓީން ކާމިޔާބު ކުރި ތިން ލަނޑު ހިމަނައިގެންނެވެ. ލުކާކު ވަނީ ހަތަރު ލަނޑު ޖަހާފަ އެވެ. އޭނާގެ ލަނޑު ލިސްޓްގައި ޕެނަލްޓީއެއް ނެތެވެ.
ގުރޫޕް ސްޓޭޖުގައި، ދެ ޓީމު ވާދަ ކުރި މެޗުގައި، ކޭން ވެސް އަދި ލުކާކޫ ވެސް ކުޅެފަ އެއް ނުވެ އެވެ. ގޯލް ލިސްޓްގައި ކޭން ފަހަތަށް ޖައްސާލުމުގެ ފުރުސަތު ލުކާކޫއަށް އެބައޮތެވެ.
ބެލްޖިއަމްގެ ކޯޗް، ރޮބާޓޯ މާޓިނޭޒް ބުނީ، ލުކާކޫއަކީ، އަމިއްލަ އެވޯޑް ހޯދަން މަސައްކަތް ކުރުމަށް ވުރެ ލުކާކޫ މަސައްކަތް ކުރަނީ ޓީމަށް ކާމިޔާބު ހޯދައި ދިނުމަށް ކަމަށެވެ.
"ޖަޕާނާ ދެކޮޅަށް ކުޅުނު މެޗުގައިވެސް، ރޮމެޔޫއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފަ،" ލުކާކޫއާ ބެހޭގޮތުން މާޓިނޭޒް ވާހަކަ ދެއްކި އެވެ. "ނަމަވެސް އޭނާ ވަނީ އެ ފުރުސަތުގައި އެ ބޯޅަ ޕާސް ފޯރުކޮށްދީ އެހެން ކުޅުންތެރިޔަކު ލަނޑު ޖަހަން ފުރުސަތު ތަނަވަސް ކޮށްދީފަ، އޭނާ ދިން އެ ޕާހަކީ ވޯލްޑްކަޕުގައި ލަނޑު ޖަހަން ދިން އެންމެ މޮޅު ޕާސް."
އިންގްލެންޑްގެ ކޯޗް، ގެރެތު ސައުތުގޭޓް ވެސް އިންޑިވިޖުއަލް އެވޯޑެއްގެ ވާހަކަ ނުދައްކަ އެވެ. އޭނާ ބުނީ، ވޯލްޑްކަޕުން އިންގްލެންޑަށް އެވޯޑެއް ނުލިބޭތާ ގިނަ އަހަރުތަކެއް ވެއްޖެ ކަމަށާއި އެހެންވެ މިފަހަރު ބްރޯންޒް މެޑަލު ން ނިންމާލަން އިސްކަން ދޭނެ ކަަމަށެވެ.
"ވޯލްޑަކަޕުން އިންގްލެންޑްގެ ކުޅުންތެރިޔަކަށް މެޑަލްއެއް ނުލިބޭތާ ވަރަށް ގިނަ އަހަރު ތަކެއްވެއްޖެ، މިފަހަރު މި އޮތީ އެ ފުރުސަތު ލިބިފަ، ފުރުސަތުގެ ބޭނުން ކުރަން ޖެހޭނެ."
ބްލެޖިއަމް އާއި އިންގްލެންޑް ކުޅޭ މެޗު ފަށާނީ ރާއްޖޭގަޑިން މިއަދު އިރުއޮއްސި 7:00 ގަ އެވެ.