ކުޅިވަރު

އިންގްލެންޑް ބަލިކޮށް ގުރޫޕްގެ އެއްވަނަ ބެލްޖިއަމްއަށް

އިންގްލެންޑްގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ބެލްޖިއަމުން، ގުރޫޕް "އެޗް" ގެ އެއް ވަނަ ހޯދައިގެން ގުރޫޕް ސްޓޭޖު ނިންމާލައިފި އެވެ.

މެޗަށް ނިކުތް އިރުވެސް ދެ ޓީމުވެސް އޮތީ ދެ ވަނަ ބުރަށް ދަތުރު ކޮށްފަ އެވެ. މެޗުގެ ވާދަ ވެރިކަން އުފެދުނީ ގުރޫޕްގެ އެއް ވަނަ ހޯދަން ދެ ޓީމުވެސް ބޭނުން ވުމުންނެވެ.

ދެ ވަނަ ބުރުގައި ބެލްޖިއަމް ވާދަ ކުރާނީ ގުރޫޕް "އެޗް" ގެ ދެ ވަނަ ޓީމު ޖަޕާނާ ދެކޮޅަށެވެ. ގުރޫޕްގެ ދެ ވަނަ އަށް ދިއުމުން އިންގެލެންޑް ވާދަ ކުރާނީ ގުރޫޕް "އެޗް" ގެ އެއް ވަނަ ހޯދި ކޮލަމްބިއާ އާ ދެކޮޅަށެވެ.

ދެ ވަނަ ބުރުގައި ބެލްޖިއަމް އާއި ޖަޕާން ކުޅޭ މެޗު އޮންނާނީ ހޯމަ ދުވަހުގެ ރޭ 11:00 ގަ އެވެ. ކޮލަމްބިއާ އާއި އިންގްލެންޑް ކުޅޭ މެޗު އޮންނާނީ މި އަންނަ އަންގާރަ ދުވަހުގެ ރޭ 11:00 ގަ އެވެ.

ގުރޫޕް ސްޓޭޖުގައި، ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބު ކުރީ ތިން ޓީމަކުންނެވެ. އެއީ ގުރޫޕު "އޭ" އިން އުރުގުއޭ އާއި، ގުރޫޕް "ޑީ" ކޮރޭޝިއާއިންނެވެ. އަދި ގުރޫޕް އެޗުން މިރޭ މޮޅުވި ބެލްޖިއަމް އެވެ.

ދެ ވަނަ ބުރަށް ގޮސްފައި އޮތުމުން، ދެ ޓީމުންވެސް މެޗަށް ނިކުތީ މުހިންމު ކުޅުންތެރިންނަށް ރެސްޓް ދިނުމަށް ފަހު އެވެ. ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ފެނުނީ އާދައިގެ ކުޅުމެކެވެ.

ބެލްޖިއަމްގެ ލަނޑު އަދުނާން ޔަނޫޒާއި ކާމިޔާބު ކުރީ ޔޫރީ ޓިލެމަންސް ދިން ބޯޅަ އަކުންނެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ޓިލެމަންސް އެބޯޅަ ޔަނޫޒާއީ އަށް ދިނީ، އިންގެލެންޑްގެ ކުޅުންތެރިޔަކުވެސް ނައްޓާލުމަށް ފަހު އެވެ. ޔަނޫޒާއީ އަށް އެބޯޅަ ދިނުމުން އޭރިއާގެ ތެރެއިން، އޭރިއާގެ ކަނާ ދިމާލުން އޭނާ ބޯޅަ ފޮނުވާލީ އިންގެލެންޑްގެ ގޯލްގެ ކަނަށެވެ. އެ ބޯޅަ ސަލާމަތް ކުރުމަށް އިންގެލެންޑްގެ ކީޕަރު ޕިކްފޯޑަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. އެ ލަނޑު ކާމިޔާބު ކުރީ 51 ވަނަ މިނެޓްގަ އެވެ.

އިންގެލެންޑްގެ މާކޯސް ރަޝްފާޑް އަށް ވަނީ ނަތީޖާ ހަމަހަމަ ކުރުމަށްޓައި ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. ޖެމީ ވާޑީ ދިން ބޯޅަ ރަޝްފާޑްއަށް ލިބުނު އިރު، އޭނާ ހުރީ ބެލްޖިއަމްގެ ޑިފެންސު މަޅިން ސަލާމަތް ވެސް ވެގެންނެވެ. އޭނާ އަށް ހުރަސް އަޅަން ހުރީ ކީޕަރު ތައިބަޓް ކޯޓްއާ އެކަންޏެވެ. އެބޯޅަ ދިޔައީ ކޯޓްއާ އަތުގައި ޖެހިފައި ކޯނަރަކަށެވެ.

ފޮޓޯ: ފީފާ