ކުޅިވަރު

އެސްޓަންވިލާގެ ކޯޗުކަމާ ހަވާލުވާން އޮންރީ ތައްޔާރު

އެސްޓަން ވިލާގެ ކޯޗް ކަމާ ހަވާލުވާން، ފްރާންސާއި އާސެނަލްގެ ކުރީގެ ތަރި ތިއޮރީ އޮންރީ ތައްޔާރުވަމުން އަންނަ ކަމަށް އިނގިރޭސި މިޑިއާތަކުން ބުނެފި އެވެ.

އިނގިރޭސި ދެ ވަނަ ޑިވިޝަން ނުވަތަ ޗެމްޕިއަންޝިޕްގައި ވާދަ ކުރަމުން އަންނަ ކުލަބަށް ދިމާވި މާލީ މައްސަލަތައް ހައްލު ކުރުމަށް ފަހު މިހާރު އެކުލަބުގެ އެންމެ ބޮޑު ހިއްސާދާރަކީ މިސްރުގެ ބިލިއަނަރު ނާސެފް ސާއިރިސް އެވެ.

އޮންރީ ކޯޗް ކަމަށް ގެނައުމަށް، ނާސެފް ޝައުގުވެރިވާކަން ހާމަކޮށްފައިވާ ކަމަށް މީޑިއާތަކުން ބުނެ އެވެ. އޮންރީ ކުރިން މަސައްކަތް ކުރީ، ބެލްޖިއަމްގެ އެސިސްޓެންޓް ކޯޗުގެ ގޮތުގަ އެވެ. ބެލްޖިއަމްގެ ހެޑް ކޯޗް ސްޕެއިންގެ ރޮބާޓޯ މާޓީނޭޒްގެ ދަށުން ބެލްޖިއަމް އާއެކު ވޯލްޑްކަޕަށް އައިސް ވޯލްޑްކަޕުގެ ތިން ވަނަ އެ ޓީމަށް ހޯދައިދިނުމަށް އޮންރީ ވަނީ ޓެކްނިކަލް ސައިޑުން އެހީތެރި ވެފަ އެވެ.

އެސްސިސްޓެންޓް ކޯޗެއްގެ ގޮތުގައި ލިބުނު ތަޖުރިބާތަކާއެކު، ހެޑް ކޯޗްގެ ޒިންމާ އުފުލަން އޮންރީ ތައްޔާރުވަމުންދާ ކަމަށް މިދިޔަ ހަފުތާގައި ވާހަކަތައް ފެތުރުނީ ސްކައި ސްޕޯޓްސްގެ އެނަލިސްޓް ކަމުން އޭނާ އިސްތިއުފާ ދިނުމުންނެވެ.

އާންމުދަނީގެ ގޮތުގައި އަހަރަކު ދެ މިލިއަން ޕައުންޑް ލިބޭ ވަޒީފާއިން އޮންރީ ވަކިވީ އެ ވަޒީފާއިގައި ހުރެގެން އެއްވެސް ޓީމެއްގެ ހެޑްކޯޗެއްގެ ގޮތުގައި މަސައްކަތް ނުކުރެވޭނެ ތީ އެވެ.

އާސެނަލްއަށް އެންމެ ގިނައިން ލަނޑުޖަހައިދިން ކުޅުންތެރިޔާގެ ގޮތުގައި ހުރި އޮންރީ ވަނީ ސްޕެއިންގެ ބާސެލޯނާއަށް ވެސް ކުޅެފަ އެވެ.