ކުޅިވަރު

ގުރޫޕްގެ އެއްވަނަ ހޯދުން ބެލްޖިއަމްއަށް މުހިންމެއް ނޫން

އިންގެލެންޑާ ދެކޮޅަށް މިރޭ ކުޅޭ މެޗުން މޮޅުވެގެން ގުރުޕްގެ އެއް ވަނަ ހޯދުމުގެ ވިސްނުމެއް ބެލްޖިއަމް ނުގެންގުޅޭ ކަމަށް އެ ޓީމުގެ ކޯޗް ރޮބާޓޯ މާޓީނޭޒް ބުނެފި އެވެ.

މާޓީނޭޒް ބުނީ އޭނާއަށް މުހިންމީ ގުރޫޕް ސްޓޭޖު ފަހަނައަޅައި ދެ ވަނަ ބުރަށް ދިއުން ކަމަށާއި އެކަން ހާސިލު ވެފައިވާ ކަމަށެވެ. މެޗަށް ނިކުންނައިރު އިންގްލެންޑާއި ބެލްޖިއަމްވެސް އޮތީ ދެ ވަނަ ބުރަށް ދަތުރު ކޮށްފަ އެވެ. މާޓީނޭޒް ބުނީ މިރޭގެ މެޗުގައި އޭނާ ވިސްނަނީ ވަކިވަކި ކުޅުންތެރިންގެ ހުނަރު ދައްކާ ލުމަށް ފުރުސަތު ދިނުމަށް ކަމަށެވެ.

"އަހަރެމެން އޮތީ ދެ ވަނަ ބުރަށް ކޮލިފައި ވެފައި އެއީ އެންމެ މުހިންމު ކަމަކީ،" މާޓިނޭޒް ބުންޏެވެ. "މިހާރު އަހަރެމެން ބަލަން ޖެހޭނީ އަހަރެމެންގެ ވަކިވަކި ކުޅުންތެރިންނަށް، އަހަރެމެން ރަނގަޅަށް ކުޅޭނަން އެކަމަކު މެޗުން މޮޅުވާށޭ ކިޔާފައި ވަރުގަދަ މެޗެއްގެ ގޮތުގައި އަހަރެމެން ނުނަގާނަން، އެއީ ހަގީގަތަކީ."

"ރީނދޫ ކާޑު ދައްކާފައިވާ ކުޅުންތެރިން އަހަރެމެންގެ ތެރޭގައި އެބަތިބި، އަހަންނަށް ހީއެއް ނުވޭ އެއީ އެންމެ ޕްރޮފިޝަނަލް ކަމަކަށް ވާނެ ހެނެއް އެ ކުޅުންތެރިން ރިސްކު ކުރުމަކީ، އިތުރު ކާޑެއް ދައްކައިފިއްޔާ ދެ ވަނަ ބުރުގައި ނުކުޅެވިދާނެ. އަދި ދެ ވަނަ ބުރަށް ދާއިރު ކުޅުންތެރިން ރަނގަޅު ކޮންޑިޝަނެއްގެ ގޮތުގައި ބޭތިއްބުމަށް އަހަރެމެން ވިސްނަން ޖެހޭ."

މާޓިނޭޒް ބުނީ، ވާދަވެރި މެޗަކަށް ވުރެ އޭނާ ދެކެނީ އެކުވެރި ކަމުގެ މެޗެއްގެ ގޮތުގައި ކަމަށެވެ. އިންގްލެންޑްގެ ކޯޗް ގެރެތު ސައުތުގޭޓްވެސް އެނާ ޓީމުގެ މުހިންމު ކުޅުންތެރިންނަށް ރެސްޓް ދޭނެ ކަމަށް ބެލެވެ އެވެ. އެގޮތުން ޖެމީ ވާޑީ ފަދަ ކުޅުންތެރިންނަށް ފުރުސަތު 11 އިން ޖާގަ ދޭނެ ކަމަށް ބެލެވެ އެވެ. މިހާރުވެސް ލަނޑުގެ ތަފާތުން އިންގްލެންޑް އޮތީ ތާވަލުގެ އެއް ވަނައިގަ އެވެ.