ކުޅިވަރު

އިންގްލެންޑް ބަލިކޮށް ވޯލްޑްކަޕުގެ ތިންވަނަ ބެލްޖިއަމަށް

އިންގްލެންޑްގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ވޯލްޑްކަޕުގެ ތިން ވަނަ ބެލްޖިއަމުން ހޯދައިފި އެވެ.

މުބާރާތުގެ ތިންވަނަ ޓީމު ހޮވުމަށް ކުޅޭ މެޗު ހާއްސަ ވަނީ ސެމީ ފައިނަލުން ބަލިވި ދެ ޓީމަށެވެ. ފުރަތަމަ ސެމީ ފައިނަލުގައި ބެލްޖިއަމް ބަލިވީ ފްރާންސް އަތުންނެވެ. ދެވަނަ ސެމީ ފައިނަލުގައި އިންގްލެންޑް ބަލިވީ ކްރޮއޭޝިއާ އަތުންނެވެ.

ބެލްޖިއަމުން ވަނީ މެޗު ފެށިގެން ހަތަރު ވަނަ މިނެޓްގައި ލަނޑު ޖާހަފަ އެވެ. ނާސެރު ޗާޑްލީ ނަގައިދިން ހިތްގައިމު ހުރަހަކުން އެ ލަނޑު ކާމިޔާބު ކުރީ ތޯމަސް މެނިއާ އެވެ.

މެޗުގައި، ދެ ޓީމުން އެންމެ އިސްކަމެއް ދިނީ ދެ ޓީމުގެ އެންމެ އިސް ސްޓައިކަރުން ލައްވައި ލަނޑު ޖެހުމަށެވެ. ވޯލްޑްކަޕުގެ ލަނޑު ލިސްޓްގެ އެންމެ ކުރީގައި އޮތީ އިންގްލެންޑްގެ ހެރީ ކޭން އާއި ބެލްޖިއަމްގެ ރޮމެޔޫ ލުކާކޫ އެވެ.

ކޭން ވަނީ ހަ ލަނޑު ޖަހާފަ އެވެ. ލުކާކޫ ހަތަރު ލަނޑެވެ. ބެލްޖިއަމުންވެސް ވަނީ، ލުކަކޫއަށް ލަނޑު ޖަހަން ފުރުސަތު ލިބޭގޮތަށް ބޯޅަތައް ސަޕްލައިކޮށްދީފަ އެވެ. ފުރަތަމަ ހާފާއި ދެ ވަނަ ހާފުގައިވެސް އޭނާ އަށް ފުރުސަތު ލިބުނެވެ. ނަމަވެސް ގޯލްގެ އެތެރެ ކޮށްލޭވޭ ގޮތެއް ނުވި އެވެ.

ހެރީ ކާން ކާމިޔާބު ކުރި ހަ ލަނޑުގެ ތެރެއިން ތިން ލަނޑަކީ ޕެނަލްޓީން އޭނާ ކާމިޔާބު ކުރި ލަނޑުތަކެވެ. އޭނާއަށްވެސް މި މެޗުގައި ފުރުސަތު ބޭނުމެއް ނުކުރެވުނެވެ.

ދެ ވަނަ ހާފުގައި، ލަނޑު ޖަހާނެ އެންމެ ރަނަގަޅު ފުރުސަތެއް ލިބުނީ، އިންގްލެންޑްގެ ޑިފެންޑަރު އެރިކް ޑަޔާއަށެވެ. ބެލްޖިއަމްކީޕަރު ކޯޓްއާގެ ގައިން ބޯޅަ ނެއްޓޭގޮތަށް އޭނާ ފޮނުވާލި ބޯޅަ، ބެލްޖިއަމްގެ ޑިފެންޑަރު ޓޮބީ އެލްޑާވިއެރޭލްޑް ދިފާއު ކުރީ ގޯލްތެރެއަށް ވަދެވަދެ އޮއްވަ އެވެ.

ބެލްޖިއަމުން، ނަތީޖާ ފަރަގު ބޮޑު ކުރީ، މެޗުގެ 82 ވަނަ މިނެޓްގައި ކައުންޓަ އެޓޭކުގައި އުފެއްދި ފުރުސަތެއްގަ އެވެ. ކެވިން ޑިބްރައިނާ ބޯޅަ ހިފައިގެން އައިސް އޭނާ ބޯޅަ ދިނީ، ހަޒާޑަށެވެ. އޭރު ހަޒާޑް ހުރީ އޮފްސައިޑް މަޅިން ސަލާމަތްވެ އިންގްލެންޑްގެ ޑިފެންސަށް ވުރެ ކުރިއަށް އެރޭ ހިސާބުގަ އެވެ. ޑި ބްރައިނާ ދިން ބޯޅަ ހިފައިގެން، އޭރިއާގެ ތެރެއަށް ވެދ ގޯލްގެ ކަނަށް ބޮޅަ ވައްދާލީ އިންގްލެންޑްގެ ކީޕަރު ޖޯޑަން ޕިކްފޯޑަށް އެއްވެސް ފުރުސަތެއް ނުލިބޭނެ ގޮތަށެވެ.

އޭގެ ކުރިންވެސް ކައުންޓަ އެޓޭކްގައި އުފެއްދި ފުރުސަތެއްގައި ބެލްޖިއަމްގެ މެނިއޭ ވަނީ ނުރައްކާތެރި ބޯޅައެއް އިންގްލެންޑްގެ ގޯލާ އަމާޒުކޮށް ފޮނުވާލާފަ އެވެ. އެ ބޯޅަ ހުށިޔާރު ކަމާއެކު ޕިކްފޯޑް ވަނީ ދިފާއު ކޮށްފަ އެވެ.

މިއީ ވޯލްޑްކަޕު ތާރީހްގައި ބެލްޖިއަމްގެ ހޯދި އެންމެ ބޮޑު ކާމިޔާބެވެ. އެ ޓީމުން ވަނީ މީގެ ކުރިންވެސް ތިން ވަނަ ހޮވާ މެޗުގައި ވާދަ ކޮށްފަ އެވެ.

މެކްސިކޯގައި 1986 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕުގެ ތިން ވަނަ ހޮވުމަށް ކުޅުނު މެޗުން ބެލްޖިއަމް ބަލިވީ ފްރާންސް އަތުންނެވެ.