ވޯލްޑްކަޕުގެ ކުރިން ތުރުކީގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުގާން އާއެކު ޖަރުމަންގެ މިޑްފީލްޑާ މެސުޓް އޮޒިލް ފޮޓޯއެއް ނަގައިގެން އޭނާއަށް ކުރިމަތިވި ފާޑު ކިޔުންތަކަށް ފަހު އޮޒިލް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ.
އޮޒިލް އަކީ ތުރުކީ ދަރިކޮޅަށް ނިސްބަތްވާ ކުޅުންތެރިޔެކެވެ. އުރދުގާން އާއެކު ފޮޓޯއެއް ނެގުމުން، ޖަރުމަންގެ ފުޓްބޯޅަ ފެޑްރޭޝަނުން ވަނީ، އޭނާ އަކީ ޖަރުމަން މީހެއްތޯ ނުވަތަ ތުރުކީ މީހެއްތޯ ސާފު ކޮށްދިނުމަށް ގޮވާލާފަ އެވެ. ޖަރުމަންގެ ސިޔާސީ ފަރާތްތަކުންވެސް އޮޒިލްއަށް ފާޑު ކިޔުންތައް އަމާޒު ކުރި އެވެ.
އުރުދުގާން އާއެކު ނެގި ފޮޓޯ ގަނޑާ ބެހެގޮތުން އޮޒިލް ބުނެފައި ވަނީ، އުރުދުގާން އާ އޭނާ ބައްދަލު ކުރީ، ސިޔާސީ މަގްސަދެއްގައި ނޫން ކަމަށެވެ.
"އަހަރެން ދެކެނީ އެ ބައްދަލު ވުމަކީ އަހަރެންގެ އާއިލާ ނިސްބަތްވާ ގައުމުގެ އެންމެ މަތީ ފަރާތާ ބައްދަލުވި ބައްދަލުވުމެއް ކަމަށް،" އުރުދުގާންއާ އެކު ބޭއްވި ބައްދަލުވުން ސަިފަ ކުރުމުން އޮޒިލް ބުނެފައި ވެއެވެ. "އަހަރެން ކުޑައިރު އަހަރެންގެ މަންމަ އަހަންނަށް ބުނެދީފައި ވަނީ އަބަދުވެސް އަހަރެންގެ އަސްލު އައި ގޮތް ހަނދާން ނައްތާ ނުލުމަށް އަދި އެކަމަށް އިހްތިރާމް ކުރުމަށް މަންމަ އަހަންނަށް ބުނެދިން، އަހަރެން އަދިވެސް ދެކެނީ އެއީ މަންމަ ބުނެދިން އަގުހުރި ފިލާވަޅެއް ކަމަށް."
"އަހަރެން ނުބަލަން [ތުރުކީ] ގެ ރައީސް ކަމުގައި ހުރީ ކާކުތޯ އެއް، އަހަރެން ދެކެނީ ކޮންމެ މީހަކު ހުއްޓަސް އެއީ ރައީސް ކަމަށް،" އޮޒިލް ބަޔާނުގައި ބުނެފައި ވެއެވެ. "އެއީ ޖަރުމަންގެ ރައީސް ވިޔަސް ނުވަތަ ތުރުކީގެ ރައީސް ވިޔަސް އަހަރެން ދެކޭ ގޮތް ތަފާތެއް ނުވާނެ."
އޮޒިލް، 29 ވަނީ ޖަރުމަންގެ ގައުމީ ޓީމަށް 90 އަށްވުރެ ގިނަ މެޗު ކުޅެފަ އެވެ. ބްރެޒިލްގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕު ޖަރުމަނަށް ހޯދައިދިނުމުގައި އޭނާ ވަނީ މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ.