ވޯލްޑް ކަޕް 2018

ކޮލަމްބިއާ

Jun 12, 2018

ގޭމް ސިސްޓަމް: 4-2-3-1

މިފަހަރުގެ ވޯލްޑްކަޕަށް ކޮލަމްބިއާ ދަނީ، އެންމެ ފަހުން ބޭއްވި ވޯލްޑްކަޕުގައި އެ ޓީމަށް ލިބުނު ބޮޑު ހިތްވަރާއެކު އެވެ. މިއީ ކޮލަމްބިއާ ވާދަ ކުރާ ޖެހިޖެހިގެން ދެ ވަނަ ވޯލްޑްކަޕެވެ. އޭގެ ކުރިން 16 އަހަރު ވަންދެން ވޯލްޑްކަޕާ ދުރުގައި އެ ގައުމު އޮތެވެ. އެންމެ ފަހުން ބޭއްވި ވޯލްޑްކަޕުގެ ކްއާޓާ ފައިނަލަށް ދަތުރު ކުރި އެވެ. އެއީ ވޯލްޑްކަޕުގެ ތާރީހުގައި އެ ޓީމު ހޯދި އެންމެ ބޮޑު ކާމިޔާބެވެ. ކްއާޓާ ފައިނަލުގައި އެ ޓީމު ބަލިވީ މުބާރާތގެ ހޯމް ޓީމު ބްރެޒިލް އަތުން 2-1 ންނެވެ. ކްއާޓާ ފައިނަލާ ހަމަޔަށް ދިއުމުގެ ހިތްވަރު އަނެއްކާވެސް އެޓީމުގައި އެބައޮތެވެ. މީގެ ހަތަރު އަހަރު ކުރިން އޮތް ސްކޮޑަކަށް ބޮޑު ބަދަލެއް އައިސްފައެއް ނުވެ އެވެ.

ކޮލިފައިވީ ގޮތް

މިފަހަރުގެ ވޯލްޑްކަޕަށް ކޮލަމްބިއާ ކޮލިފައިވީ ވަރަށް އުނދަގުލުންނެވެ. ވޯލްޑްކަޕުގެ ޖާގަ ހޯދަން ދެކުނު އެމެރިކާ ސަރަހައްދުގެ އެންމެ ފަހު މެޗާ ހަމަޔަށް އެ ޓީމުން މަޑު ކުރަން ޖެހުނެވެ. އަދި ބްރެޒިލް އާއި ޗިލީގެ މެޗުން ވާނެ ގޮތަކާ މެދުވެސް އެޓީމުން ވިސްނަން ޖެހުނެވެ. އެ ޓީމުގެ ފަހު މެޗުގައި 1-1 ޕެރޫ އާ އެއްވަރުވެ، ބްރެޒިލް އަތުން 3-0 ން ޗިލީ ބަލިވުމުން ސަރަހައްދުގެ ހަތަރު ވަނައިގައި ކޮލަމްބިއާ މުބާރާތަށް ކޮލިފައި ވިއެވެ.

މުހިންމު ކުޅުންތެރިން

ކޮލަމްބިއާގެ ހަމޭސް ރޮޑްރިގޭޒްއަށް ދުނިޔޭގެ ސަމާލުކަން ހުއްޓުނީ އެންމެ ފަހުގެ ވޯލްޑްކަޕުގައި އޭނާ ދެއްކި މޮޅު ކުޅުމުނެނެވެ. އެޓޭކިން މިޑްފީލްޑަރުގެ މަގާމަށް ކުޅެ އެ ފަހުގެ ވޯލްޑްކަޕުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ދޭ ރަން ބޫޓު އޭނާ ހޯދި އެވެ. އެފަހަރު މުބާރާތުގައި އޭނާ ހަ ލަނޑު ޖެހި އެވެ. އަދި އެ މުބާރާތުގައި އުރުގުއޭ ކޮޅަށް ހަމޭސް ޖެހި ލަނޑަކީ އެ ފަހަރު މުބާރާތުގެ ޖެހި އެންމެ މޮޅު ލަނޑުގެ ތެރޭގައި ހިމެނޭ ލަނޑެކެވެ.

ވޯލްޑްކަޕުގައި އޭނާ ދެއްކި ކުޅުމާއެކު، ފްރާންސްގެ މޮނަކޯއަށް ކުޅެމުން ދިޔަ ކުޅުންތެރިޔާގެ ސޮއި ރެއާލް މެޑްރިޑުން ހޯދި އެވެ. ސްޕެއިންގައި އޭނާ އަށް ކުޅުން އެންމެ ފުރިހަމައަށް ދައްކާ ނުލެވުނެވެ. ރެއާލް މެޑްރިޑްގައި މުހިންމު މެޗުތަކުގައި އޭނާ ހުންނަން ޖެހުނީ ބެންޗުގަ އެވެ. ލޯން އެއްބަސްވުމުގެ ދަށުން ބަޔާން މިޔުނިކަށް އޭނާ ބަދަލުވެ އެ ޓީމުގައި ރަނގަޅު ކުޅުމެއް ދެއްކިއެވެ އޭނާގެ ކޮންޓްރެކްޓް ދާއިމީ ކުރުމަށް ބަޔާނުން ދަނީ ރެއާލްއާ އެކު ވާހަކަ ދައްކަމުންނެވެ. މިދިޔަ ޗެމްޕިއަންސް ލީގްގެ އެންމެ މޮޅު 11 ކުޅުންތެރިންގެ ތެރޭގައި އޭނާ ވަނީ ހިމެނިފަ އެވެ.

ކޯޗް

އާޖެންޓީނާ އަށް އުފަން ހޯސޭ ޕެކާމަން ކޮލަމްބިއާގެ ޓީމާ ހަވާލުވީ 2012 ވަނަ އަހަރުގެ އޭނާ ވަނީ އޭގެ ހަ އަހަރު ކުރިން ޖަރުމަންގައި ބޭއްވި ވޯލްޑްކަޕަށް އާޖެންޓީނާ ގޮވައިގެން ނިކުމެ، އެ ޓީމު ކްއާޓާ ފައިނަލާ ހަމައަށް ގެންގޮސް ދިނެވެ. ކޮލަމްބިއާގެ ކޯޗު ކަމާ ހަވާލުވިފަހުން އޭނާ ވަނީ ދެކުނު އެމެރިކާގެ އަހަރުގެ އެންމެ މޮޅު ކޯޗުގެ އެވޯޑު ހަތަރު ފަހަރު ހޯދާފަ އެވެ.

ޕެކާމަން އާންމުކޮށް ބޭނުންކުރާ ގޭމް ސިސްޓަމަކީ، 4-2-3-1 އެވެ. ނަމަވެސް ރަށުންބޭރުގައި ކުޅޭނަމަ 4-3-2-1 އަށް ގޭމް އޭޏާ ބަދަލު ކޮށްލަ އެވެ. ކޮލަމްބިއާޣެ ގައުމީ ޓީމަށް އޭނާގެ ފޭމޭޝަންގައި އެންމެ ރަނަގަޅާށް ކުޅެވޭނީ ވަރިގަދައަށް ޑިފެންސްކޮށް ވިއްދައިގެން ކައުންޓަ އެޓޭކު އުފައްދައިގެން ކުޅުމުންނެވެ.