ވިޔަފާރި

ޔޫއޭއީގެ "ޗިކިންގް" ރެސްޓޯރެންޓެއް ރަސްފަންނުގައި ހުޅުވައިފި

Jun 17, 2018

ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ގެ ފްރެންޗައިޒެއް ކަމަށްވާ "ޗިކިންގް" ގެ ރެސްޓޯރެންޓެއް ރަސްފަންނުގައި ހުޅުވައިފި އެވެ.

ގްލޯރޮޔާ ކޮފީ ރެސްޓޯރެންޓެއް ހުޅުވާފައިވާ ރަސްފަންނު ޕެވެލިއަންގައި ހުޅުވި ޗިކިންގްއަކީ 2000 ވަނަ އަހަރުން ފެށިގެން މުޅި ދުނިޔޭގައި މަގުބޫލުކަން ހޯދަމުން ގެންދާ ފްރެންޗައިޒް ބްރޭންޑެކެވެ.

ހަވާ އެރުވުމާއެކު މިރޭ ބޭއްވި ރަސްފަންނުގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި ޗިކިންގް ރެސްޓޯރެންޓް ހުޅުވައިދެއްވީ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމް އެވެ.

މި ރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވީ ރަސްފަންނު ޕެވެލިއަންގައި އިންޑިޔާގެ މޮންތީ މަހަލްގެ ރެސްޓޯރެންޓެއް ހުޅުވަން ތައްޔާރު ވަމުންދާ ކަމަށެވެ.

ކުކުޅު ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ތަފާތު މީރު ރަހަތައް ހިމެނޭ "ޗިކިންގް" ގެ ބާނީއަކީ އިންޑިޔާއަށް އުފަން އޭކޭ މަންސޫރު އެވެ.

"ޗިކިންގް" އުފެދުނުތާ 15 އަހަރުވެފައިވާއިރު، މި ބްރޭންޑް މިހާރު ދުނިޔޭގެ 10 ގައުމެއްގެ 100 ތަނެއްގައި ދަނީ ވިއްކަމުންނެވެ.