ހަބަރު

ޒުވާނުންތަކެއް ހާއްސަ ލޯތްބެއް އޯޓިޒަމް ކުދިންނަށް!

ހއ. ދިއްދޫގެ ޒުވާނުންގެ ޖަމިއްޔާއެއް ކަމަށްވާ، ރިއަލް ޓީ ސްޕޯޓްސް ކުލަބުން އިސްނަގައިގެން އެ ރަށުގައި ތިބި އޯޓިޒަމް ކުދިންނަށް އެހީވުމަށާއި ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ހިންގައިފި އެވެ.

އެ ކުލަބުން ވަނީ ދިއްދޫގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުގެ ސެން ކުލާހުގައި ތައުލީމު ހާސިލުކުރަމުން އަންނަ އޮޓިސްޓިކް ކުދިންނަށް ކިޔެވުމަށް ބޭނުންވާ ބައެއް ސާމާނު ހަދިޔާކޮށްފަ އެވެ. މިއީ އަމިއްލަ ކްލަބް ޖަމިއްޔާއަކުން އިސްނަގައިގެން މިފަދަ ހަރަކާތެއް އެ ރަށުގައި ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރެވެ.

މީގެ އިތުރުން ދިއްދޫ ރަށު ކައުންސިލުން އިސްނަގައިގެން ދާދިފަހުން ބޭއްވި އެ ރަށުގެ ދެ ވަނަ ފުޓްސަލް މުބާރާތުގައި ބައިވެރިވި އެ ކުލަބުގެ ޓީމުގެ މެމްބަރުން ވަނީ އޯޓިޒަމް ކުދިންނަށް ހިތްވަރުދިނުމުގެ ގޮތުން އެމީހުން ބޭނުންކުރި ޖާޒީތައް އެ ކުދިންނަށް ހާއްސަކޮށްފަ އެވެ.

"މިކަހަލަ އިތުރު ހަރަކާތްތައް ކުރިއަށް އޮތް ތަނުގައިވެސް ކުރިއަށް ގެންދިއުމަށް އެބަ ރާވަން. މި ހަރަކާތް މިހާ ކާމިޔާބުކަމާއެކު ނިންމާލެވުނީ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންއިން މި ކުލަބަށް ވެދެއްވި އެހީތެރިކަމާއި އެއްބާރުލުމުގެ ސަބަބުންކަން ފާހަގަކުރަން،" އެ ކުލަބުން ބުނެ އެވެ.