ރިޕޯޓް

އެތައް ހާސް ސޮފުހާގެ ފޮޓޯއެއް!

މި ފޮޓޯ ފެނުނު މީހުން ވަރަށް ގިނަ ތަފާތު ސުވާލުތައް ކޮށްފި އެވެ. ތަފާތު ޝުއޫރުތަކާއި އުދާސްތައް ވެސް ބެރުކޮށްފި އެވެ. އެއް ބައި މީހުން އަހައެވެ. އިލްމުގެ ހަޒާނާގެ ގޮތުގައި ބަލާ ފޮތްތަކަށް މި ވީ ކިހިނެއް ހެއްޔެވެ؟ އަދި އަނެއް ބައި މީހުން އަހަ އެވެ؛ މިހާ ބައިވަރު ފޮތްތައް ބޮޑު ޕިކަޕަކަށް އަޅައިގެން ގެންދަނީ ހަމަ އުކާލަން ހެއްޔެވެ؟

އަދި ބައެއް މީހުން ބުނެ އެވެ. އުކާއި ނުލާށެވެ. އެންމެ މުއްސަނދި ދުނިޔެއަކީ ފޮތުގެ ދުނި އެވެ. އަދި ނޭނގުމަށްވުރެ ވަކީން ދެރަ ކަމެއް އޮންނާހެއްޔޭ މީހުން އަހާއިރު އަނެއްބައި މީހުން ބުނަނީ އުނގެނޭކަށް ވަގުތެއް ހިނދެއް، ތަނެއް ނޯވެ އެވެ. އޮންނަނީ މަންމާގެ އުނގުން ފެށިގެން ކައްވަޅަށް ދާންދެން އުނގެނުމެވެ.

ކޮންމެ އެއްޗެއް އެރުވިޔަސް ވެމްކޯގެ އުޅަނދަކަށްވިއްޔާ އެއެއްޗެއް އަރުވާނީ އުކާލަން ނޫނީ ނައްތާލާށެވެ. އެފެންނަނީ އެތަކެއް ބައިވަރު ފޮތް އަރުވައިގެން ވެމްކޯގެ އުޅަނދެއް އޭގެ މަންޒިލަށް ދާތަނެވެ. މި ފޮޓޯއަކީ އެ ދަތުރު މަތީގައި ވެމްކޯގެ މީހަކު އެކަނިމާއެކަނި ފޮތުގެ އިލްމުގެ ކަނޑުގެ ތެރެއަށް ގެނބިފައިވާ މަންޒަރު ބަލާން ހުރި މީހަކު ނަގައި ދޫކޮށްލި އެތަކެއް ހާސް ސޮފުހާގެ ވާހަކަ އެވެ.

މި ފޮޓޯއާއެކު ބައިވަރު ޝުއޫރުތައް މީހުން ކިޔައިދޭން ފަށާފައިވާއިރު މި ފޮޓޯއިން ކިޔާދޭ ވާހަކަ ވެސް ގިނަ އެވެ. ފެންނަ މަންޒަރު ބޮޑުވެފައި މާނަ ވެސް ވަރަށް ފުނެވެ.

ދިވެއްސަކު ފޭސްބުކަށް އެއްލައިލި މި ފޮޓޯ މިހާރު ވެސް 40،000 އަށް ވުރެ ގިނަ މީހުން ޝެއާކޮށްފައިވާއިރު، 30،000 އަށްވުރެގިނަ މީހުން މި ފޮޓޯއަށް ރިއެކްޓުވެސް ކޮށްފައިވެ އެވެ. މީގެ ތެރޭގައި ދިވެހިންގެ އިތުރުން ބޭރު އެކި ގައުމުތަކުގެ މީހުން ވެސް ހިމެނެ އެވެ. އެ އެންމެންގެ ކޮމެންޓުތައްވެސް ވަރަށް ގިނަ އެވެ.

ވެމްކޯގެ ކުނި އުކާލާ ޕިކަޕެއްގައި މި ފޮތްތައް ގޮނޑަށް ގެންދާއިރު އޭގައި ގިނައީ ސުކޫލުތަކުގައި ކިޔަވާ ދަރިވަރުން ބޭނުންކުރާ ޓެކްސްޓް ފޮތްތަކަށްވުމުން ބެލެވޭގޮތުގައި މިއީ މާލޭގެ ސުކޫލަކުން އުކާލަން ގެންދިޔަ ފޮތްތަކެެވެ. މި ޕިކަޕުގައި ފޮތްތަކުގެ ތެރޭގައި އިށީނދެލައިގެން ވެމްކޯގެ ކުނިއުކާލާ މުވައްޒަފަކު ފޮތުގެ ދުނިޔެއަށް ގެއްލިފައި އިނދެ އެވެ.

މި ފޮޓޯ ނަގާފައި ވަނީ މީގެ ތިން މަސް ކުރިންނެވެ. ފޮޓޯ ނެގި ޒުވާނާ ބުނި ގޮތުގައި އޭނާ މި ފޮޓޯ ނެގީ ގެއިން ބޭރަށް ބަލަހައްޓައިގެން ހުއްޓާ އެ މަންޒަރު ފެނުމުންނެވެ. ފޮޓޯ ނެގުމަށްފަހު އެއްވެސް ތަނެއްގައި ފޮޓޯ އާންމު ނުކޮށް ބޭއްވުމަށްފަހު ވަރަށް ފަހުން ފޮޓޯ އިންސްޓަ ސްޓޯރީއަށް ލުމުން ކުއްޖަކު އެ ފޮޓޯ ފޭސްބުކްގައި ބޭނުންކޮށްލަން ބޭނުންވާކަމަށް ބުނުމުން ދިނީ އެވެ.

"އެއް ދުވަހަކު މި މަންޒަރު ފެނުނީމަ ހިތަށް އެރީ ފޮޓޯއެއް ނަގާލަން. އެއީ މީގެ ތިން މަސް ކުރިން. ފޮޓޯ ނަގާފަ އެއްވެސް ތާކަށް ނުވެސް ލަން. ހަމަ ފޯނުގައި އޮތީ، ދެން ފަހުން ގެލެރީ ހާވަނިކޮށް މި ފޮޓޯ ފެނުނީމަ ހިތަށް އެރީ އިންސްޓަ ސްޓޯރީއަށް ލާނީއޭ. ފޮޓޯ ވައިރަލްވީ އެހެން ކުއްޖަކު މި ފޮޓޯ ފޭސްބުކަށް ލީ ހިސާބުން."

"އިރުކޮޅެއް ވަންދެން ޕިކަޕް އޮތީ އެތަނުގައި މަޑުކޮށްފައި އޭރު، އެ މީހާ ހަމަ ފަހަރަކު ފޮތެއް ނަގަމުން ބަލަމުންދިޔަ. ބައެއް ފަހަރު ހީވި އެމީހާ ފޮތްތަކުގައި ލިޔެފައި ހުރި އެއްޗެހި ވަރަށް ޝައުގުވެރިވެގެން ކިޔަން އުޅުންހެންވެސް. އެކަމަކު ފަހުން ހީވި އެމީހާއަށް ނުކިއިގެން އުޅުނީއޭ ވެސް..."