ހަބަރު

ފެހެންދޫގައި ސިއްހީ މަރުކަޒެއް އަޅަން ބަޔަކަށް ދީފި

Jun 25, 2018

ބ ފެހެންދޫގައި ފުރަތަމަ ފަހަރަށް ސިއްހީ މަރުކަޒެއް އަޅަން ނިންމައި އެ މަސައްކަތް ޓްރައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ހެލްތު މިނިސްޓްރީން ހަވާލުކޮށްފި އެވެ.

ފެހެންދޫގައި ސިއްހީ މަރުކަރެއް އަޅަން ޓްރައިސް މީލްޑިވްސްއަށް ދީފައިވަނީ 1.2 މިލިއަން ރުފިޔާއަށެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ފެހެންދޫއަކީ ރާއްޖޭގައި ސިއްހީ މަރުކަޒެއް ގާއިމްކޮށްފައި ނެތް ހަމައެކަނި ރަށެވެ.

މިއަދު ސޮއިކުރި އެއްބަސްވުމާ ގުޅޭ ގޮތުން ހެލްތު މިނިސްޓްރީން ބުނީ، ފެހެންދޫގައި ސިއްހީ ހިދުމަތްދޭ މަރުކަޒެއް ނެތުމުގެ ސަބަބުން އެރަށުގެ މީހުންނަށް ވަރަށް ގިނަ ދަތިތަކަކާ ކުރިމަތިލާންޖެހޭ ކަމަށެވެ. އެހެންކަމުން ރަށުގައި އަލަށް ގާއިމްކުރާ ސިއްހީ މަރުކަޒާއެކު ސިއްހީ ގޮތުން ވަރަށް ބޮޑު ލުއި ފަސޭހަތަކެއް އާންމުންނަށް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އަލަށް ގާއިމްކުރާ ސިއްހީ މަރުކަޒުގައި ބަލިމީހުން ބަލާ އެއް ކޮޓަރިއާއި ވިއްސާ ކޮޓަރިއަކާއި ދެ އެނދުގެ ވޯޑެއް ބަހައްޓަން ވަނީ ނިންމާފަ އެވެ.

އާބާދީގެ 300 އަށްވުރެ މީހުން މަދު ފެހެންދޫގައި މިހާތަނަށް ސިއްހީ މަރުކަޒެއް ގާއިމްކޮށްފައި ނުވާއިރު އެރަށުގައި މިހާތަނަށް ސިއްހީ ހިދުމަތް ދެމުންއަންނަނީ ކުއްޔަށް ހިފާފައިވާ ގެތަކުގަ އެވެ. މި ގެތަކަކީ ސިއްހީ ހިދުމަތްދޭން ބޭނުންވާ ކަންކަން ފުރިހަމަވެފައިވާ ތަންތަނަށް ނުވުމުން ޑޮކްޓަރަށް ދައްކައި ފަރުވާ ދިނުން ވަނީ ދަތިކަމަކަށް ވެފަ އެވެ.