ހަބަރު

އިންތިޚާބުތަކާބެހޭ ގާނޫނުތަކަށް ހުށަހެޅި އިސްލާހުތަކުގެ ބަހުސް ނިންމާލައިފި

އިންތިޚާބުތަކާ ބެހޭ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކަށް މިއަދު ރައްޔިތުންގެ މަޖިލީހުހައި ބަހުސްކޮށް ނިންމާލައިފި އެވެ. ތިން ބިލަށް ބަހުސް ކުރުމަށް ފަހު މަޖިލިސް ހުސްވަގުތުކޮޅަށް ގޮސްފައިވާއިރު އަލުން ޖަލްސާ ފަށާނީ 1:30 ގައި މި ބިލްތައް ބަލައިގަތުމަށް ފެނޭތޯ ވޯޓަށް އެހުމަށެވެ.

ބިލްތަކުގެ ބަހުސް މިއަދު ކުރިޔަށް ގެންދިޔަރު ބިލްތަކުގެ މަސައްކަތް ނިމެންދެން ޖަލްސާ ދިގުދަންމާލުމަށް ޖަލްސާގައި ވަނީ ފާސްކޮށްފަ އެވެ. އެގޮތަށް ފާސް ކުރުމަށްފަހު މި ތިން ބިލުގެ ބަހުސް ފެށި ނަމަވެސް ޖަލްސާގައި އިބްތިދާޢީ ބަހުސް ކުރިޔަށް ގޮސްފައި ވަނީ ވިލިމާލެ ދާއިރާގެ މެމްބަރ ހުށަހަޅުއްވާފައިވާ ރިޔާސީ އިންތިޚާބުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް އެކަންޏެވެ.

އަނެއް ދެ ބިލަށް ބަހުސް ކުުރުމަށް އެއްވެސް މެމްބަރަކު އެދިވަޑައި ނުގަންނަވާތީ އެ ދެބިލް ހުށަހެޅުމަށްފަހު ޖަލްސާ މެދުކަނޑާލީ އެވެ.

ރިޔާސީ އިންތިޚާބުގެ ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލަކީ ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނީ ބޭރު ރަށްވެހިކަން ދޫކޮށްލިތާ 10 އަހަރު ފަހުން ކަމަށް ބަޔާންކޮށް ހުށަހަޅާފައިވާ ބިލެކެވެ. މި ބިލަށް ބަހުސް ކުރައްވަމުން މެމްބަރުން ވިދާޅުވެފައިވަނީ ބޭރު ޤައުމުތަކުގައި އުޅޭ މީހުންނަށް ޤައުމުގެ ހާލަތު ނޭންގޭނެ ކަމަށާއި އެފަދަ މީހުންނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެން ނުވާނެކަމަށެވެ.

އަދި އެހެން ޤައުމެއްގައި ސިޔާސީ ހިމާޔަތް ހޯދާފައިވީނަމަވެސް އިންތިޚާބުގައި ވާދަ ނުކުރެވޭ ގޮތް ހެދުމަށް ބައެއް މެމްބަރުންވަނީ ޚިޔާލު ދެއްވާފަ އެވެ. މީގެ އިތުރުން ބޭރު ރަށްވެހިކަން ދޫކޮށްލިތާ 10 އަހަރު ވުމާއެކު ރާއްޖޭގައި އުޅޭތާ 5 އަހަރު ވުމަށްފަހު ނޫނީ އިންތިޚާބުގައި ވާދަނުކުރެވޭގޮތް ހެދުމަށްވެސް ވަނީ ބަހުސް މަރުހަލާގައި ބަހުސް ކުރައްވާފަ އެވެ.

މިއަދުގެ ޖަލްސާގައި ވެސް ބައިވެރިވެވަޑައިގެންފައިވަނީ ހަމައެކަނި ސަރުކާރު ހިންގާ ޕީޕީއެމް- އެމްޑީއޭ ކޯލިޝަންގެ މެމްބަރުން ނެވެ. އިދިކޮޅު ޕާޓީތަކަށް ނިސްބަތްވެވަޑައިގެންނަވާ މެމްބަރުން ޖަލްސާގައި ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.