ވިޔަފާރި

އިފުރު އެއާޕޯޓް ރައީސް ހުޅުއްވައިދެއްވައިފި

May 28, 2015

ރ. އިފުރުގައި ކޯސްޓްލައިން އިންވެސްޓްމަންޓުން ހަދާފައިވާ، އެއާޕޯޓް މިއަދު ހުޅުވައިފި އެވެ.

އިފުރުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެއާޕޯޓް ހުޅުއްވައި ދެއްވީ ރައީސް އަބްދުﷲ ޔާމީނެވެ.

ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން މެނޭޖުކުރާ މި އެއާޕޯޓު ހުޅުވުށް ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް ވިދާޅުވީ މި އެއާޕޯޓުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި މި އެއާޕޯޓުގެ ސަބަބުން ރ. އަތޮޅުގައި އިތުރު ރިސޯޓުތައް ހުޅުވިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރުވެސް މި އަތޮޅުގައި ހަ ރިސޯޓެއްގެ މަސައްކަތް ކުރެވޭ. އެ ރިސޯޓުތަކުގެ އޯނަރުން ވިދާޅުވެފައިވަނީ މި އެއާޕޯޓުގެ ސަބަބުން އެ ރިސޯޓުތައް ހުޅުވުމަށް އިތުރު ފަސޭހައަކަށް ވެގެން ދާނެ ކަމަށް،" ހާރިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މޯލްޑިވިއަން އިން މަސައްކަތް ކުރަމުން ގެންދަނީ ރާއްޖެއަށް ކުރިއެރުން ތަކެއް ގެނެސް ދިނުމަށް ކަމަށާއި، އެ މަސައްކަތުގެ ދަށުން މޯލްޑިވިއަން އިން ބޭރުގެ ބައެއް މަންޒިލްތަކަށް ދަތުރު ކުރަމުން ގެންދާ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު ޗައިނާގެ ފަސް މަންޒިލަކާއި އިންޑިޔާ، ބަންގްލަދޭޝްގެ ޑާކާއަށް ދަތުރު ކުރަން. ޗައިނާ އަށް މިކުރާ ދަތުރުތަކުން ހަފުތާއަކު 900 ޓޫރިސްޓުން ރާއްޖެ ގެނެވޭ،" ހާރިސް ވިދާޅުވި އެވެ.