ހަބަރު

ނިޒާރުގެ މަރުގެ ދައުވާލިބުނު ކުޑަކުއްޖާ 16 އަހަރާއި އަށް މަހަށް ޖަލަށްލާން ހުކުމްކޮށްފި

May 28, 2015

ލ. ގަމުގައި ގްރޫޕަކުން އައިސް ހަމަލާދީ އެރަށު ވުޑްލޭންޑް އަހުމަދު ނިޒާރު އިސްމާއިލަށް ހަމަލާދީ އޭނާ މަރާލި މައްސަލައިގައި ދައުލަތުން ދައުވާކުރި ކުޑަކުއްޖާ 16 އަހަރާއި އަށް މަހަށް ޖަލަށްލާން މިއަދު ހުކުމްކޮށްފި އެވެ.

ޖުލައި، 2013 ގައި ނިޒާރަށް ހަމަލާދީ އޭނާ މަރާލި މައްސަލައިގައި ދައުލަތުން ޖުވެނައިލް ކޯޓުގައި ދައުވާކުރި ކުޑަކުއްޖާ ޖަލަށްލާން ހުކުމްކުރީ އެ މައްސަލައިގައި އެ ކުއްޖާގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ ސާބިތުވުމުންނެވެ.

އެ ކުއްޖާ ދައުވާއަށް އިންކާރުކުރި ނަމަވެސް އެ ކުއްޖާގެ މައްޗަށް ކުށް ސާބިތުވެފައިވަނީ ހެކިންގެ ހެކިބަހަށް ރިއާޔަތްކޮށްގެނެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނު ބުނާގޮތުން ޓެރަރިޒަމްގެ އަމަލެއްގެ ސަބަބުން މީހަކު މަރުވެއްޖެ ނަމަ އެ ކުށްކުރި މީހެއްގެ އަދަބަކީ މެރުން، އުމުރަށް ޖަލަށްލުން ނުވަތަ އުމުރަށް އަރުވާލުމެވެ. ނަމަވެސް ކުޑަކުދިން ކުރާ ކުށްތަކަށް އަދަބު ދިނުމުގެ ގަވާއިދު ބުނާގޮތުން ކުޑަކުއްޖަކަށް ދޭންޖެހޭނީ އެ ކުށަކަށް ގާނޫނުގައި އޮންނަ އެންމެ ލުއި އަދަބެއްގެ ތިން ބައި ކުޅަ ދެ ބައި އަދަބެވެ.

ނިޒާރުގެ މަރާ ގުޅިގެން އިތުރު ތިން މީހެއްގެ މައްޗަށް ދައުލަތުން ވަނީ ކްރިމިނަލް ކޯޓުގައި ޓެރަރިޒަމްގެ ދައުވާ އުފުލައިފަ އެވެ. ނަމަވެސް އެ މައްސަލަ ނިމުމަކާ ގާތަކަށް ނުދެއެވެ.