ޖީބުގައި އޮތް ކުޑަ ޗޮކްލެޓްގެ އުރަ ނިއުޅާލައި ކަމުން ފޭބުނީ ރާއްޖޭގައި ކުނި މެނޭޖު ކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ ފަށައިގަތް އއ. އުކުޅަހަށެވެ. އަޑު އަހާފައި އޮންނަނީ މި ރަށުގެ މަގު ތަކުގައި ކުނީގެ މައްސަލައެއް ނޯންނާނެ އެވެ. މި ރަށުގައި ކުންޏަކީ ފައިސާ އެވެ؛ ރަށަށް ފޭބި އިރު ވަރަށް ތަރުތީބުން ބަހައްޓައްޓާފައި ހުރި ދެ ޑަސްބިން އެބަހުއްޓެވެ. އޭގެ ތެރެއިން އެއް ޑަސްބިން ތަންކޮޅެއް ކުޑަ އެވެ. ދެން ހުރި ބޮޑު ޑަސްބިނެކެވެ. އެއިން ޑަސްބިން ހާއްސަކޮށްފައި ކުނީގެ ގޮތުގައި އުކާލާ ބޮޑެތި އެއްޗިއްސަށެވެ. އަނެކައްޗަކީ ސިނގިރޭޓާއި ސުޕާރީ ޕެކެޓާއި އެނޫނަސް އެ ބާވަތުގެ ކުނިބުންޏަށް ހާއްސަކޮށްފައިވާ ޑަސްބިނެކެވެ. މިއީ އެހާ އާންމު މަންޒަރެއް ނޫނެވެ. ރަށުގެ ފެރީ ގިމަތައިގެ ކައިރިން ދެން ފެނުނީ ވެސް އާއްމުކޮށް ފެންނަ މަންޒަރެއް ނޫނެވެ. ކުޑަ ކުއްޖަކު ހުސް ކޮތަޅެއް ހިފައިގެން ގޮސް އެ ކުޑަ ޑަސްބިނަށް ވައްޓާލީ އެވެ. ދެން ލޮލުގައި އަޅައިގަތީ "ކުނި އެޅުން މަނާ" ޖަހާފައިވާ ބޯޑު ތަކެވެ. އެ ބޯޑްތައް ހަރުކޮށްފައި ވަނީ ރުއްތަކުގަ އެވެ.
ދެން ފެށުނީ މި ރަށުގައި ކުނި މެނޭޖް ކުރާ ވާހަކަ އާއި ރަށް ސާފުތާހިރު ވާހަކަ އެވެ. އޭގެ ތެރެއިން ކުރިފަޅައިގެން ގޮސް ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ފިރާގު މިހެން ވިދާޅުވި އެވެ:
"މައުލޫމާތު ލިބިފައިވާ ގޮތުގައި މިރަށަކީ ރައީސް މުހައްމަދު އަމީން ދީދީގެ ޒަމާނުގައި ދެއްވި ސާފު ތާރިހިރުކަމުގެ އެވޯޑު ލިބިފައިވާ ރަށެއް. މިރަށުގެ ބޮޑު މަގު މިއީ ވެސް ރަށް ސާފު ކުރުމުގެ ވާދައިގެ ތެރެއިން ކެނޑި ސާފު ކުރެވުނު މަގެއް،"
ދެން ފެށުނީ އާބާދީގައި ގާތްގަނޑަކަށް 1200 މީހުން އުޅޭ މި ރަށަށް ގިނަވާ ކުނި މިހާރުގެ ގޮތަށް މެނޭޖް ކުރުމުގެ މަސައްކަތް ފެށިގެން އައި ހިސާބުގެ ވާހަކަ އެވެ. ފިރާގު ވިދާޅުވި ގޮތުގައި އެކަން ފެށިގެން އައީ 2011 ވަނަ އަހަރު އެވެ. އެކަން ފުޅާކޮށް ތަރައްގީކޮށް މި މަސައްކަތް ބަލަހައްޓަމުން އައީ ކައުންސިލުންނެވެ. ކައުންސިލުން މި މަސައްކަތް ކުރަނީ އެކަމަށް ހަތް މުވައްޒަފަކު ބޭނުން ކޮށްގެނެވެ.
ހަތް މީހުން ކުނި މެނޭޖް ކުރަނީ ކިހިނެއް؟
މި ރަށުގައި ހިނގަ ހިނގާ ހުންނަ 24 ގެސްޓްހައުސްގެ އިތުރުން މީހުން އުޅޭ ގޭގެއަށް ޖަމަވާ ކުނި ނަގަން އެންމެ ހަތް މީހުން ފުދޭ ހެއްޔެވެ؟ މި ހަތް މީހުންނަށް މިކަން ވާނެ ހެއްޔެވެ؟ މި ކަމުގައި ސުވާލު ނުއުފެދެނީ މި ރަށުގެ ރައްޔިތުން އެކަމަށް ހޭލުންތެރިވެފައި ޒިންމާދާރު ކަމުންނެވެ. ކުނި މެނޭޖުކޮށް، އުކަން ކައުންސިލްގެ މުވައްޒަފުން ކޮންމެ ދުވަހެއްގެ ހެނދުނު ގޭގެއަށާއި ގެސްޓް ހައުސްތަކަށް ދާއިރު އެކި ބާވަތުގެ ކުނި ވަކިކޮށް ވަކިވަކިން ކޮތަޅުތަކަށް އަޅާފައި ބަހައްޓައި ދެ އެވެ. މި ރަށުގައި މި މަސައްކަތް ކާމިޔާބުވުމުގެ ސިއްރަކީ މިގޮތަށް އަމިއްލަ ޒިންމާ އުފުލަން އިސްކަން ދިނުމެވެ.
މިރަށަކީ ރައީސް މުހައްމަދު އަމީން ދީދީގެ ޒަމާނުގައި ދެއްވި ސާފު ތާރިހިރުކަމުގެ އެވޯޑު ލިބިފައިވާ ރަށެއް. މިރަށުގެ ބޮޑު މަގު މިއީ ވެސް ރަށް ސާފު ކުރުމުގެ ވާދައިގެ ތެރެއިން ކެނޑި ސާފު ކުރެވުނު މަގެއް،އަބްދުﷲ ފިރާގު | ކައުންސިލްގެ ނައިބު ރައީސް
ފިރާގު ވިދާޅުވި ގޮތުގައި ކުރިން މި ރަށުގެ މީހުން ވެސް ގަބޫލު ކުރަނީ ކުންޏަކީ ބޮޑު މައްސަލައެގެ ގޮތުގަ އެވެ. ނަމަވެސް މިހާރު އެ ވިސްނުމެއް ނޯވެ އެވެ. އެކަން މުޅީން ބަދަލުވެއްޖެ އެވެ.
"އަޅުގަނޑުމެން ކައުންސިލަށް އައިރު ވެސް ރަށުގައި ގޮނޑު ހެދިފައި ހުރޭ. އެކަމަކު މިހާރު ނުފެންނާނެ އެކަހަލަ ކަމެއް. ރަށު ތެރެ މިހާރު އޮންނަނީ ވަރަށް ސާފުކޮށް ރީތި ކޮށް،" ފިރާގު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިރަށުގެ އިޖުތިމާއީ ހުރިހާ ސަރަހައްދުތަކެއް ކުނި ކަހަނީ މަހު މުސާރައަށް ބަޔަހާ ހަވާލު ކޮށްގެނެވެ. އެކަން ވަރަށް ފުރިހަމަ ނިޒާމެއްގެ ތެރޭގައި ހިނގަހިނގާ އޮވެ އެވެ.
ރައްޔިތުން ވަރަށް ހޭލުންތެރި
ކުނި ގޮނޑުން ނުބައި ވަސް ދުވާނެ އެވެ؛ އެކަމަކު މި ރަށުގައި އެކަން ތަފާތެވެ. މި ރަށު މީހުންނަށް ކުންޏަކީ ފައިސާ ލިބޭނެ ވަސީލަތެކެވެ. އެކަން މި އަންނަނީ ސާބިތު ވެސް ކޮށްދެމުންނެވެ. ކުނި މެނޭޖްކޮށްގެން މިދިޔަ އަހަރު ވެސް މި ރަށުގެ ރައްޔިތުންނަށް މަސައްކަތުގެ ހަރަދު ކަނޑާފައި އެކަށީގެންވާ އާމްދަނީއެއް ލިބުނެވެ.
އެހެންވެފައި ވަނީ ރަށުގެ ހުރިހާ ރައްޔިތުންގެ އެކަމަށް އެދި ދޭ އެއްބާރުލުމާއި އެކަމަށް ހޭލުންތެރިވެފައިވާތީ އެވެ. ކުޑަކުދިންނަށް ވެސް އެ
ތަރުބިއްޔަތު ދެވި އެކަން ބަރާބަރަށް ހިނގަ ހިނގާ އޮންނާތީ އެވެ. މިރަށުގައި ކުނިން އުފައްދަނީ ދަނޑުވެރި ކަމަށް ބޭނުންވާނެ ގަހުކާނާ އެވެ.
"ކުނިވާ ޒާތުގެ ކުންޏާއި ފަތް އެއްކޮށްގެން އަޅުގަނޑުމެން މި އުފައްދަނީ ގަސް ކާނާ. އެ އުފެއްދޭ ވަރަށް ވިކޭ. މިރަށުގައި އުފައްދާ
ގަސް ކާނާ އެބަ ވިއްކާލެވޭ ކިލޯއެއް 5ރ. އަށް. އަދި ބާ ދަގަނޑުވެސް ރަނގަޅު އަގުގައި ވިއްކާލެވޭ. މީގެ އިތުރުން ކުނި މެނޭޖު ކުރަން ފީއެއް ވެސް ނަގަން" ފިރާގު ވިދާޅުވި އެވެ.
ކުނި "ވިއްކައިގެން" ކައުންސިލަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތު ލައްކަ އަކަށްވުރެ ބޮޑު އާމްދަނީއެއް ލިބުނެވެ
ކުނި މެނޭޖު ކުރުމުގައި އަމިއްލައަށް އިސްނެގި، މި ރަށަކީ މިހާރު ކުނީގެ މައްސަލައެއް ނެތް ސާފު ރަށެކެވެ. އެހެން ރަށްރަށަށް ކުނީގެ މައްސަލަ ބޮޑަސް މި ރަށުގައި ކުންޏަކީ ފައިސާ އެވެ. ފައިދާ އެވެ.
ގެސްޓްހައުސް ވިޔަފާރި ރާއްޖޭގެ ދިމަ ދިމާއަށް ފުޅާވެފައިވާއިރު މި ރަށަކީ ވެސް އެ ވިޔަފާރި ހިނގަ ހިނގާ އޮތް ރަށެވެ. އެހެންވެ ޓޫރިޒަމްގެ ތެރެއިންނާއެކު މި ރަށުގައި ކުނި "ރަނަށް" ވެފައި އޮންނަ ވާހަކައަކީ ދުނިޔޭގެ ވަރަށް ގިނަ ބަޔަކަށް ވެސް އެނގޭ ކަމަށް ވަމުން އާދެ އެވެ. މިރަށުގެ ސާފު ތާރިހު ކަމާއި އެކަމަށް ރައްޔިތުންގެ ހޭލާފައިވާ ވާހަކަ ޓޫރިސްޓުން ދައްކާ ތައުރީފުކޮށް، އެ ވާހަކަ ހިފައިގެން ބޭރަށް ދެއެ އެވެ. އެ ވާހަކަތައް ލިޔެ އެވެ.
އަހަރެން ކަމުންދިޔަ ޗޮކްލެޓް، ހުސް އުރައަކަށް ވީމާ އެ އުރަށް ހުރި ދިމާއަށް ވައްޓާ ލުމުގެ ބަދަލުގައި އަހަންނަށްޖެހުނީ ޑަސްބިނަކާ ހަމަަށް ދެވެންދެން އަތަށް ބޮނޑިކޮށްލައިގެން ކުނީގެ ވާހަކަ އަޑު އަހަން ހުންނާށެވެ. އަޑު އިވުނު ވާހަކަތަކާއި ފެނުނު މަންޒަރުތަކާއެކު މި ރަށާ ބެހޭގޮތުން އަހަރެން ވެސް ލިޔާން އޮތް ވާހަކައަކީ އުކުޅަހުގެ ކުނި ފައިސާއަށް ވެފައިވާ ވާހަކަ އެވެ.