ހިޔާލު

ޕްލާސްޓިކުން ރާއްޖެ ސަލާމަތް ކުރެވިދާނެ ތަ؟

Mar 2, 2021
1

ދުނިޔޭގެ އެހެން ގިނަ ގައުމުތަކާއި ހިލާފަށް ރާއްޖެއަކީ އާންމު ދިރިއުޅުމަށް ބޭނުންވާ ގާތްގަޑަކަށް ހުރިހާ އެއްޗެއް ވެސް އިމްޕޯޓްކުރާ ގައުމެކެވެ. ކާބޯތަކެތިން ފެށިގެން ގޮސް، ބޭހާއި، ކޮސްމެޓިކްސްގެ ބާވަތްތަކާއި އަންނައުނާ، އަދި އިމާރާތްކުރަން ބޭނުންވާ ސާމާނާއި، ފަރުނީޗަރާއި ބަދިގޭ ސާމާނެވެ. މީގެ އިތުރުން، ރާއްޖެއަކީ ދުނިޔެއަށް ނަން މަޝްހޫރު ފަތުރުވެރި މަންޒިލެއް ކަމުން، ފަތުރުވެރިކަމުގެ ސިނާއަތަށް ބޭނުންވާ ގިނަ ބާވަތްތަކަކީ ވެސް އިމްޕޯޓްކުރެވޭ ތަކެއްޗެވެ. ހަމައެއާއިއެކު، ރިސޯޓުތަކާއި، މާލެއާއި މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ދުވާލެއްގެ މައްޗަށް އެތައް ޓަނެއްގެ ކުނި މިދަނީ އުފެދެމުންނެވެ. ވޯރލްބޭންކުން ނެރެފައިވާ ރިޕޯޓަކުން އެގޭ ގޮތުގައި އަހަރެއްގެ މައްޗަށް 365،000 ޓަނުގެ ކުނި ރާއްޖޭގައި އުފެދެއެވެ. އަދި މީގެ ތެރެއިން 12 ޕަސެންޓް ނުވަތަ 43،000 ޓަނަކީ އެކި ބާވަތުގެ ޕްލާސްޓިކެވެ.

ރާއްޖެ އަށް އެތެރެކުރެވޭ ޕްލާސްޓިކުތަކުގެ ތެރޭގައި ތަފާތު އެތައް ބާވަތެއް ހިމެނެ އެވެ. އޭގެ ތެރެއިން އެއް ބާވަތަކީ ޕީއީޓީ، ނުވަތަ ޕެޓް (ޕޮލިއެތެލީން ޓެރެޕްތަލޭޓް) އެވެ. މިއީ އާންމުކޮށް ފެނާއި، އެކި ބާވަތުގެ ސޮފްޓް ޑްރިންކްސް ބަންދުކޮށްފައި ހުންނަ ފުޅީގައި އެކުލެވޭ ޕްލާސްޓިކުގެ ބާވަތެވެ. ކިރާއި، ބްލީޗް، އަދި ޝޭމްޕޫފަދަ ތަކެތި ބަންދުކޮށްފައި ހުންނަ ޕްލާސްޓިކް ފުޅި ނުވަތަ ކޮންޓޭނަރު ތަކަކީ އެޗްޑީޕީއީ ނަމަކަށް ކިޔާ ޕްލާސްޓިކެކެވެ. މީގެ އިތުރުން، ޕީވީސީ ނުވަތަ އެސްލޯން ހޮޅިފަދަ ޕްލާސްޓިކަކީ އިތުރު ބާވަތެކެވެ. އަދި ބާޒާރުކުރަން ގެންގުޅޭ ޕްލާސްޓިކް ކޮތަޅު އެއީ އެލްޑީޕީއީ ނަމަކަށް ކިޔާ ޕްލާސްޓިކެކެވެ. މީގެ އިތުރުން ވެސް މާޖަރިން އަދި ޔޯގަޓް ފަދަ ތަކެތި ޕެކް ކޮށްފައި ހުންނަނީ ވެސް އިތުރު ވައްތަރެއްގެ ޕްލާސްޓިކެއްގަ އެވެ.

މި ހުރިހާ ޕްލާސްޓިކުގެ ތެރެއިން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އެންމެ ގިނައިން އަޅުގަޑުމެންނަށް މިފެންނަނީ މިނަރަލް ވޯޓަރ ފުޅިއެވެ. އަދި އެކި ބާވަތުގެ ސޮފްޓް ޑްރިންކްސް ފުޅި އެވެ. އެންމެ ގިނައިން އަތިރިމަތި، މުދާއި، ޕާކުތަކުގައި އުކާލާފައި ހުއްޓައި ފެންނަނީ ވެސް ޕްލާސްޓިކު ފުޅި އެވެ. ދާދި ފަހުން އެން އައި ޖީ ކެޕިޓަލް ޕްރައިވެޓް ލިމިޓަޑް (އެންއައިޖީ) އަދި މޯލްޑިވެސް އޯޝަން ޕްލާސްޓިކް އެލަޔަންސް (މޯޕާ) ގުޅިގެން ހަދާފައިވާ ދިރާސާ އަކުން އެގުނު ގޮތުގައި އަހަރެއްގެ މައްޗަށް ޖުމްލަ 143 މިލިއަން ޕްލާސްޓިކް ފުޅި ރާއްޖޭގައި އުފައްދާ އަދި ބޭނުންކުރެ އެވެ. މިއީ ގާތްގަޑަކަށް 3،300 ޓަނުގެ ފުޅި އެވެ.

މި ދެންނެވި ދިރާސާތެރޭގައި ހިމެނޭ ރާއްޖޭގެ ގޭބިސީތަކުގެ ސާރވޭއިން އެގުނުގޮތުގައި ބުއިމަށް ޕްލާސްޓިކް ފުޅީގައި ބަންދުކުރި މިނަރަލް ވޯޓަރ ބޭނުންކުރާ ގޭބިސީގެ ނިސްބަތަކީ 57 ޕަސެންޓް އެވެ. އާންމު ގޮތެއްގައި ގޭގެއަށް ގަންނަނީ 1.5 ލީޓަރު އަދި ފަސް ލީޓަރުގެ ފުޅި އެވެ. އަދި މަހެއްގެ މައްޗަށް 600 ރުފިޔާ އެވްރެޖްކޮށް ކޮންމެ ގޭބިސީއަކުން ވެސް ފެން ގަތުމަށް ހަރަދުކުރެއެވެ. ރާއްޖޭގެ އާބާދީގެ ގިނަ ބަޔަކު އެ މީހުންގެ އާމްދަނީގެ ހަތަރު ޕަސެންޓް ހަރަދު ކުރަންޖެހެނީ ފެނަށެވެ. އެއީ ގެއަށް ގަންނަ ފެން ފުޅީގެ އިތުރުން ފެން ބިލުގެ ހަރަދު ވެސް ހިމަނައިގެންނެވެ. މިއީ ދުނިޔޭގެ އެހެނިހެން ގިނަ ގައުމުތަކާއި އަޅާބަލާއިރު ބޮޑު އަދަދެކެވެ. ފުޅީގައި ބަންދު ކުރި ފެން ބޮވޭ މިންވަރު ލީޓަރުން މިނާއިރު އަޅުގަނޑުމެންގެ ރާއްޖޭގައި ބޮލަކަށް އަހަރަކު 226 ލީޓަރު ފެން ޖެހެ އެވެ. ޔޫރަޕުގެ ގައުމުތަކުގައި މި އަދަދު އުޅެނީ ގާތްގަޑަކަށް ބޮލަކަށް 187 ލީޓަރުގަ އެވެ. ކަން މިހެން އޮތް އިރު، ޕްލާސްޓިކް ފުޅީގައި ހުންނަ ފެނުގެ ވިޔަފާރިއަކީ މިހާރު ބޮޑު އިންޑަސްޓްރީއަކަށް މިވަނީ ވެފަ އެވެ.

މި އިންޑަސްޓްރީގެ ނަފާ ލިބެނީ ހަމައެކަނި ފެން އުފައްދާ ކުންފުނި ތަކަށް އެކަންޏެއް ނޫނެވެ. ހޯލްސޭލްކޮށް ވިއްކާ ފިހާރަތަކާއި ރީޓޭލް ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓް އަދި ރިސޯޓްތަކާއި ގެސްޓްހައުސްތަކަށް ވެސް ފެނުގެ ވިޔަފާރިން ނަފާ ލިބިގެންދެ އެވެ. ރާއްޖޭގެ ޖީޑީޕީ އަށް ބަލާއިރު ފަތުރުވެރިކަން ނަގާފައި މާގިނަ އިތުރު ސިނާއަތް ތަކެއް އިގްތިސާދުގައި އަދި ނެތްއިރު ބޯޓު ބަނުމާއި، ދަޅުގައި މަސް ބަންދުކުރުމުގެ އިތުރުން، އިންޑަސްޓްރީއަކަށް މިއޮތީ ފެނާއި އެކި ބުއިންތައް އުފައްދާ، ބެވަރެޖް އިންޑަސްޓްރީ އެވެ.

އަހަރެއްގެ މައްޗަށް މި އިންޑަސްޓްރީގެ ވިކުރާގެ މިންވަރު މަދުވެގެން 933 މިލިއަން ރުފިޔާއަށް އަރަ އެވެ. މިއީ ޖީޑީޕީގެ ދެ ޕަސެންޓް އެވެ. މި އިންޑަސްޓްރީގައި މިހާރު އިސްކޮށް ހަރަކާތްތެރިވާ މިއޮތީ މައި ތިން ކުންފުންޏެކެވެ. އެއީ ދައުލަތުގެ ހިއްސާ އެކުލެވޭ ކުންފުންޏަކާއި އަމިއްލަ ދެ ކުންފުންޏެވެ. މި ތިން ކުންފުނީގެ ފެކްޓަރީތަކުގައާއި ޑެލިވަރީގައި ޖުމްލަ 930 މުވައްޒިފުން ހަރަކާތްތެރިވެ އެވެ. މީގެ އިތުރުން 2،500 އަށްވުރެ ގިނަ ރީޓޭލް ފިހާރަތަކަށް މި އިންޑަސްޓްރީގެ ސަބަބުން މަންފާ ލިބިގެންދެ އެވެ. ޖުމްލަކޮށް މި އިންޑަސްޓްރީ އިން އަހަރަކު މަދުވެގެން 148 މިލިއަން ރުފިޔާ ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބިގެންދެ އެވެ. އެއީ އިމްޕޯޓް ޑިއުޓީއާއި، ޖީއެސްޓީ އަދި ބީޕީޓީ ހިމަނައިގެންނެވެ.

ޕްލާސްޓިކް ފުޅީގައި ބަންދުކުރި ފެން ރާއްޖޭގައި މިހާ ގިނަ އިން ބޭނުންކުރުމުގައި ވަރަށް ގިނަ ސަބަބު ތަކެއް ވެއެވެ. ކުރިއާ ހިލާފަށް، ވާރޭފެން ނެގުމަކީ މިހާރު މާލޭގައި އަދި ގިނަ ރަށްރަށުގައި ކޮށް އުޅޭ ކަމެއް ނޫނެވެ. ގިނަ ރަށްރަށުގައި ވަޅު ފެނަކީ ބުއިމަށް އެކަށޭނަ ފެނެއް ނޫނެވެ. މާލޭގައި އަދި މާލެ ފަދައިން ގޭގެއަށް ސަޕްލައި ފެން ލާފައި ހުންނަ ރަށްރަށުގައި ވެސް، ސަޕްލައި ފެނަކީ ބުއިމަށް ރައްކާތެރި ފެނެއްގެ ގޮތުގައި ގިނަ ބަޔަކު އިތުބާރެއް ނުކުރެ އެވެ. މިގޮތުން 2019 ގައި މާލޭގެ ގޭބިސީތަކުގެ މެދުގައި އަހްމަދު އައިމަން ލަތީފް ހަދާފައިވާ ސާވޭއެއްގެ ނަތީޖާގައިވާ ގޮތުން ބުއިމަށް ސަޕްލައި ފެން ބޭނުން ކުރުމަށް އިތުބާރު ކުރަނީ 29 ޕަސެންޓް މީހުންނެވެ.

އަނެއްކޮޅުން ބިއްލޫރި އަށްވުރެ ޕްލާސްޓިކް ފުޅި އަގު ހެޔޮވެފައި ގެންގުޅެން ފަސޭހަ އެވެ. ބިއްލޫރު ފުޅި އުފެއްދުމަށްވުރެ ޕްލާސްޓިކް ފުޅި އުފެއްދުމުގެ ހަރަދު ވެސް ކުޑަ އެވެ. ޕްލާސްޓިކް ފުޅި އެއް ރަށުން އަނެއް ރަށަށް އުފުލާ ހެދުމުގެ ހަރަދު ވެސް ކުޑަވެފައި ފަސޭހައެވެ. ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި ދޯނީގައި ނުވަތަ ލޯންޗުގައި ދަތުރުކުރާއިރު ދަތުރުމަތީގައި ބޭނުންކުރުމަށް ވެސް ޕްލާސްޓިކް ފުޅި ފަސޭހަ އެވެ. އެހެނަސް، ޕްލާސްޓިކް ފުޅި ބޭނުންކުރުމަށްފަހު ހުސްފުޅި ރަނގަޅު ގޮތުގައި ނައްތާ ނުލެވޭނަމަ، ނުވަތަ ރީސައިކަލް ނުކުރެވޭނަމަ، އެފަދަ ކޮންމެ ފުޅިއެއްގެ ސަބަބުން އަޅުގަޑުމެންގެ ނާޒުކު ފަރުތަކާއި، ކަނޑުގެ ދިރުމާއި، މުޅި ތިމާވެއްޓަށް އެކަމުން ގެއްލުން ލިބިގެންދެއެވެ. އުކާލާފައި ހުންނަ ހުސްފުޅިތަކުން އަޅުގަޑުމެންގެ އަތިރިމަތި އަދި ރަށުގެ ރީތިކަން އަދި ސާފުތާހިރުކަން ނަގާލައެވެ. ފަޅުތެރެ ގޮނޑުކޮށްލައެވެ.

މި އަހަރުގެ ޖޫން މަހުން ފެށިގެން ވަރަށް ގިނަ ބާވަތުގެ ޕްލާސްޓިކް އެތެރެކުރުން މަނާވާނެ އެވެ. މީގެ ތެރޭގައި 500 އެމްއެލް އަށްވުރެ ކުދި ފެނާއި ލުއި ބުއިންތަކުގެ ޕްލާސްޓިކު ފުޅި އެތެރެކުރުން ވެސް މަނާވާނެ އެވެ. އަދި ޑިސެމްބަރު 2023 އިން ފެށިގެން އެއް ލީޓަރަށް ވުރެ ކުދި ޕްލާސްޓިކް ފެން ފުޅި އެތެރެކުރުން ވެސް މަނާވެގެންދާނެ އެވެ. މިއީ ޕްލާސްޓިކު މަދުކުރުމަށް ރަނގަޅު ފެށުމެކެވެ. އެހެނަސް، މި ލިސްޓުގައި ނުހިމެނޭ ޕްލާސްޓިކުގެ ބާވަތްތަކާއި ހުސްފުޅިތައް އެދެވޭ ގޮތެއްގައި ނައްތާލުމުގެ ޕްލޭނެއް އަދި ވެސް އެބަ ބޭނުންވެ އެވެ.

އެހެނިހެން ގައުމުތަކުގެ ތަޖުރިބާ އަށް ބަލާއިރު ދެންނެވޭނީ އެންމެ ރަނގަޅު ގޮތަކީ ބުއިމަށް ބޭނުންކުރުމަށްފަހު ހުސްފުޅިތައް ވަކިކޮށް، އަލުން އެ ފުޅިތައް ރީސައިކަލް ކުރުމެވެ. މިކަން ކުރުމަށްޓަކައި ހުސްފުޅި އެހެނިހެން ކުންޏާއި އެއްނުކޮށް ވަކިކޮށް ޖަމާކުރުން މުހިއްމެވެ. އަދި ރީސައިކަލް ކުރާ ފެސިލިޓީއަކަށް ވިއްކާލުމަށްޓަކައި، ފުޅިތައް ކުދިކޮށް ކޮށައިގެން ދޮވުމަށްފަހު އެކްސްޕޯޓްކުރެވިދާނެ އެވެ. އަދި މީގެން އެކަށީގެންވާ އާމްދަނީއެއް ވެސް ހޯދިދާނެ އެވެ. މިހާރު ރާއްޖޭގައި އުފައްދާ ޕްލާސްޓިކް ފެން ފުޅީގެ ޖުމްލަ އަށް ބަލާއިރު، ހުރިހާ ހުސްފުޅި ތަކެއް އުކާލުމުގެ ބަދަލުގައި، ނުވަތަ އަންދާލުމުގެ ބަދަލުގައި އެކްސްޕޯޓް ކުރެވިއްޖެނަމަ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަހަރަކު ލިބުމުގެ ފުރުސަތު އެބައޮތެވެ.

މިކަމުގައި ބޭނުންވަނީ ކުޑަ ހިތްވަރެކެވެ. ދުނިޔޭގެ އެހެނިހެން ގައުމުތަކުގައި ސަރުކާރު ތަކުން މިކަމުގައި ޒިންމާ ކުރުވަނީ ފުޅި އުފައްދާ ފަރާތްތަކެވެ. އެކްސްޓެންޑަށް ޕްރޮޑިއުސަރ ރެސްޕޮންސިބިލިޓީ (އީޕީއާރް) ނުވަތަ އުފައްދާ ފަރާތްތަކުގެ ޒިންމާތައް އިތުރުކޮށްގެން ހެދޭ ގަވައިދުތަކުގެ ދަށުން، ހުސްފުޅިތައް އެއްކޮށްގެން ރީސައިކަލް ފެސިލިޓީއަކަށް ގެންދިއުމުގެ ޒިންމާ، ފެން އުފައްދާ ކުންފުނިތަކާއި ހަވާލުކުރެވިދާނެ އެވެ. ހުސް ފުޅިތަކުން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަ ކުރުމަށް، ނުވަތަ ގެއްލުންވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ފުޅި އުފައްދާ ކުންފުނިތަކުގެ ޒިންމާއެއްކަމުގައި ހެދިދާނެއެވެ.

ޕްލާސްޓިކް ފުޅި ބޭނުންކުރާ މިންވަރު ކުރިއަށް އޮތް ތަނުގައި މަދުކުރުމަށްޓަކައި، އެމްޑަބްލިއުއެސްސީ އަދި ފެނަކައިން ގޭގެ އަށް ފޯރުކޮށްދޭ ސަޕްލައި ފެނުގެ އިތުބާރު ބޮޑުކޮށްދީގެން، އަދި ބިލުކުރާ ބޭންޑުތަކުގެ ރޭޓުތައް ކުޑަކޮށްދީގެން، ގޭބިސީތަކުގައި ފިލްޓަރު ހަރުކޮށްގެންނަމަވެސް ސަޕްލައި ފެން ބޭނުންކުރާ މިންވަރު އިތުރުކުރެވިދާނެ އެވެ. މިގޮތުން އިންސްޓޯލްމަންޓަށް ގޭގެ އަށް ފިލްޓަރު ފޯރުކޮށްދިނުމުގައި އެމްޑަބްލިއުއެސްސީ އަދި ފެނަކައަށް އަމަލީގޮތުން ހަރަކާތްތެރިވެވިދާނެ އެވެ.

މީގެ އިތުރުން، ކުނި ނައްތާލުމުގައި ނުވަތަ ކުނި މެނޭޖްކުރުމުގައި އަޅުގަޑުމެން ގެންގުޅޭ ސިޔާސަތަކީ ވެސް ވަށާޖެހޭ ސިޔާސަތަކަށް ވާން އެބަޖެހެ އެވެ. އުފެދޭ ހުރިހާ ކުންޏެއް އެއްކޮށް އެއްތަނަކަށް ޖަމާކޮށް، ހުރިހާ އެއްޗެއް އަންދާލުމަކީ އަދި ހައްލެއް ނޫނެވެ. އެއީ ދުނިޔޭގެ އެހެނިހެން ގައުމުތަކުގައި އެކަން ކޮށްއުޅޭ ގޮތެއްވެސް ނޫނެވެ. އެއީ ކުނި މެނޭޖްކުރުމުގެ ބެސްޓް ޕްރެކްޓިސްއެއްވެސް ނޫނެވެ. މީގެ ބަދަލުގައި، އެކި ބާވަތުގެ ކުނިތަކުގެ ތެރެއިން ރީސައިކަލް ކުރެވިދާނެ ބާވަތްތައް ވަކިކޮށް، އަދި އެކްސްޕޯޓް ކުރެވިދާނެ ބައިތައް ވަކިކޮށް، އޭގެން އިތުރު މަންފާއެއް ލިބިދޭނެގޮތަށް ކުނި މެނޭޖްކުރުމުގެ ސިޔާސަތު ބައްޓަންވާންޖެހެއެވެ. ޕްލާސްޓިކް ނޫނަސް، އެލްމެނިއަމް ދަޅަކީވެސް ތިމާވެއްޓަށް ނުހަނު ގެއްލުން ބޮޑު އެއްޗެކެވެ. ފަރުތަކާއި ކަނޑުގެ ދިރުމަށް ނުރައްކަލެކެވެ. މިހެންކަމުން، ބޭނުންކޮށްފައި ހުންނަ ހުސް ދަޅުތަކަކީ ވެސް އޭގެން އަޅުގަޑުމެންނަށް އިތުރު ނަފާ ހޯދިދާނެ އެއްޗެކެވެ. ބޭރު ގައުމަކަށް އެކްސްޕޯޓް ކުރެވިއްޖެނަމަ، އިތުރު އާމްދަނީއެއް ގައުމަށް ހޯދިދާނެއެވެ.

ކޮންމެއަކަސް ހަގީގަތަކީ އަޅުގަނޑުމެންނަށް ކުއްލިއަކަށް ޕްލާސްޓިކާ ދުރުނުވެވޭނެކަމެވެ. ކުއްލިއަކަށް ޕްލާސްޓިކް ބޭނުންކުރުން ހުއްޓާނުލެވޭނެކަމެވެ. އެހެންނަމަވެސް، ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރުމަށް މަސައްކަތް ކުރެވިދާނެ އެވެ. އަދި ބޭނުންކުރެވޭ ޕްލާސްޓިކް އަލުން ބޭނުން ކުރެވޭނެފަދަ ގޮތަކަށް، ނުވަތަ ރީސައިކަލް ކުރެވޭނޭ ގޮތަކަށް ކަންކަން ރޭވިދާނެ އެވެ. އިގްތިސާދީ ގޮތުން އަދި އިޖްތިމާއީ ގޮތުން އެންމެ ފައިދާހުރި ގޮތަކީ އެއީ އެވެ.

އެޑިޓަރުގެ ނޯޓް: މި އާޓިކަލް ލިޔުއްވެވި އަހުމަދު ނަސީރަކީ އިގްތިސޯދީ، އިޖްތިމާއީ އަދި ވިޔަފާރިއާއި ގުޅޭ ގޮތުން އެކި ފަހަރުމަތިން ނޫސްތަކުގައި ލިޔުއްވާ އިގްތިސޯދީ ދާއިރާއިން ތައުލީމް ހާސިލްކޮށްފައިވާ ބޭފުޅެކެވެ. ދައުލަތުގެ އިސް މަގާމްތައް ފުރުއްވާފައިވާ، އަދި އަމިއްލަ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތެކެވެ. އެންމެ ފަހުން ނަސީރު އަދާކުރައްވާފައިވަނީ އެމްއެމްއޭގެ ގަވަރުނަރު ކަމެވެ. މީގެ އިތުރުން، ސީއެމްޑީއޭގެ ސީއީއޯ ކަމާއި، ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް އަދާ ކުރައްވާފައިވެ އެވެ.