ރިޕޯޓް

އަނެއްކާވެސް މާލެ ގޮނޑަކަށް ވެދާނެ!

"މަގޭ މާލޭ މާ ފަރިވެފައި ރީއްޗޭ!" އެއީވެސް ދުވަހެކެވެ. އިރެއްގައި މާލެގައި ހަމަޖެހިގެން އުޅެލެވުނަސް މިހާރު އެ ޒަމާން ފަސްދީ ހިނގައްޖެއޭ ހީވެއެވެ. މީހުން ގިނަވެ ބައިބޯވުމާއެކު ކުށްކުރާ މީހުނާއި ކުށުގެ ބާވަތްތައް އިތުރުވެ ތާހިރުކަން ވެސް ގެއްލިއްޖެ އެވެ. ގޭގެއިން ނެރޭ ކުންޏާއެކު މާލޭގެ މަގުތަކުގެ ނުތާހިރުކަން އިންތިހާއަށް ގޮސްފައި ވެއެވެ. މި ފަހަކަށް އައިސް މާލޭގެ ކޮންމެ މަގަކަށް ނުކުތަސް ފެންނަ އެއް މަންޒަރަކީ ގޭގެއިން ނެރެފައިވާ ކުނިކޮތަޅުތަކެވެ. އަދި ވަރަށް ގިނަ ފަހަރު އެ ކޮތަޅުތައް ބުޅަލާއި ހާވާތީ ކޮތަޅުތައް ފަޅައިގެން ގޮސްގެނައި ކޮވިޑުން މަގުމަތިވި މީހުން އެ ހަވާ ބަންޑުން ޖާހާލާތީ މުޅި މަގަށް ކުނިތަކާއި ދިޔަގަނޑު ލީކްވެއެވެ. ބުޅަލަށް ވުރެ ކުރީން މީހުން ކޮތަޅުތައް ހާވައިގަންނަނީ ބޭނުން ހިފޭނެ އެއްޗެއް އޮތްތޯ ބަލާލާ ވިއްކާލާށެވެ.

ކޮވިޑް-19 އާއެކު ކުރިން އަމަލު ކުރަމުން އަންނަ އުސޫލަށް ބަދަލު ގެނެސް ގޭބިސީތަކުގައި އުފެދޭ ކުނިތައް މަގުމައްޗަށް ނެރޭ ގޮތަށް ހަމަޖެއްސި ފަހުން އަދި ވަކިން ބޮޑަށް ކުނި ކޮތަޅުގެ ދުއްރާލާއި މުޑުދާރުކަން ބޮޑު ވެއްޖެ އެވެ. ބައެއް ގޯޅިތަކާއި މަގުތަކުގެ ކަންމަތީގައި ފުނިޖަހާލާފައި ހުންނަނީ އެއް ދުވަހުގެ ކުންޏެއް ނޫނެވެ. ގެއިން ނެރޭ ބާ ފަރުނީޗަރާއި ހިފާ ގެންގުޅޭ ހުރިހާ އެއްޗެއް އުކާލަން މަގަށް ނެރެފައި ވެސް ހުންނަނީ މަދަކު ބައިވަރެއް ނޫނެވެ.

ކުނީގެ މައްސަލަ ހައްލު ކުުރަން މަގުމައްޗަށް ކުނި ނެރޭ ގަޑިތަކަށް ބަދަލެއް ގެންނަން ނިންމާފައި ވެއެވެ. މިހާރު ކުނި ނެރެން އަންގާފައި އޮންނަނީ މެންދުރު 12 އިން ދޭއް ޖެހުމާއި ހަމައަށެވެ. މުޅި ދުވަހު މަގުތައް މަތީ ހުންނަ ހުރުން ނިމުމަކަށް ގެނައުމަށް ގޭގެއިން ކުނި ނެރެން ޖެހޭ ގަޑި ބަދަލު ކުރަން ނިންމާފައިވާ އިރު ކުރިއަށް އޮތްތާ ގޭގެއިން ކުނި ބޭރަށް ނެރެން ޖެހޭނީ ރޭގަނޑު 10:00 އިން ދަންވަރު 12:00 އަށެވެ.

ގަޑި ބަދަލުކޮށްގެން ހައްލުވާނެތަ؟

ރޭގަނޑު ކުނި ނެރޭނަމަ މާލެތެރެ އާއި މަގުމަތި ސާފުކުރާ ވެމްކޯ މުވައްޒަފުންނަށް އިތުރު ބުރަޔަކާއި ތަކްލީފަކަށް ނުވާނެ ހެއްޔެވެ؟ އަދި މަގުމަތި ހަމަ ހިމޭންވެފައިވާ ވަގުތު ބުޅަލާއި މީދާ ކުނިކޮތަޅު ފަޅާލައިގެން އޭތި ހޭވުން އިތުރު ނުވާނެބާ އެެވެ؟ ކުނި ކޮތަޅަކީ އޭގައި އެތައް ބާވަތެއްގެ ކުންޏެކާއި ކުޑަކުދިންގެ ނެޕީ ފަދަ ތަކެތި ހިމެނޭ އެއްޗަކަށްވާއިރު އޭގައި ހުންނަ ޖަރާސީމުން އިތުރު ބަލިތަކެއް ފެތުރުމުގެ ފުރުސަތު ވެސް އެބަ އޮވެ އެވެ.

ކުނީގެ މައްސަލައެއް ހައްލެއް އޮތީ ކުނި ގެންދަން އޮންނަ ގަޑި އެކަނި ބަދަލުކޮށްގެނެއް ނޫނެވެ. އާންމު ދިރިއުޅުމަށް ވަރަށް ބޮޑަށް "ރިޑިއުސް. ރީޔޫސް އަދި ރީސައިކަލް" މި ތިން ކަންތައް ވެސް ވައްދަަން އާދަ ކުރަން ޖެެހެ އެވެ. ކުނި މަދު ކުރުމަށް ބޭނުން ވަނީ ދާއިމީ ހައްލެކެވެ، އެއީ ވިސްނުމާއި އުޅުމަށް ބަދަލެއް ގެނައުމުން ހައްލެއް ހޯދޭން އޮތް ކަމެކެވެ.

އެއް ކަމަކަށް އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ އެއްޗެހި ހޯދުން މަދު ކުރެވިދާނެ އެވެ. އަދި އެއްފަހަރަށް ވުރެ ގިނައިން ކޮންމެ އެއްޗެއްވެސް ބޭނުން ކުރުމުގެ އާދަ ހަރުލެއްވި ދާނެ އެވެ. އަދި ކޮންމެ އެއްޗެއް ވެސް އެއްފަހަރު ބޭނުން ކޮށް އެއްލާލުމުގެ ބަދަލުގައި އާ ބޭނުންތަކެއް ހޯދައިގެން ބޭނުން ކުރެވިދާނެ އެވެ.

ގޭ ބިސީތަކުން އެންމެ އާއްމުކޮށް ނެރޭ ކުނީގެ ތެރޭގައި ހިމެނޭ އެކައްޗަކަށް ފެން ހުސްކުރި ޕްލާސްޓިކް ފުޅިވާނެ އެވެ. މާލޭގައި އެމްޑަބްލިއުއެސްސީއން ފޯރުކޮށްދޭ ފެނަކީ ބޯން ކަމުދާ ފެންވަރެއްގައި ތައްޔާރު ކޮށްފައިވާ ފެން ކަމުގައިވާ އިރު މި ފެން ބޯން ބޭނުން ނޫން ނަމަ ފިލްޓަރު ކުރުމުން ހަމަ ގައިމުވެސް ޕްލާސްޓިކް ފުޅި މަދުވާނެ އެވެ.

ކާބޯތަކެތި ތައްޔާރު ކުރުމުގައި މެދުމިނެއްގައި ހިފެހެއްޓުމަކީ ވެސް ކުނި މަދުކުރެވޭ އެއްގޮތެވެ. ރީޔޫސް ކުރުމަކީ މިސާލަކަށް ޕާސްތާ ކައްކަން ގަންނަ ސޯސް ފުޅިތައް އުކާލުމުގެ ބަދަލުގައި އެއިން އެހެން ބޭނުންތަކެެއް ހޯދުމެވެ. އޭގައި ގަސްއިންދުން، ނުވަތަ އެހެން އެއްޗެއް އެޅުމަށް ބޭނުން ކުރުން ކަހަލަ ކަންކަން ކުރުމުން ރީޔޫސްކޮށް ރީސައިކަލް ކުރެވުނީ އެވެ. މީ ގޭބިސީ ތަކުން ކުނި މަދުކުރުމަށް ކުރެވޭ ކަންކަމަށް ވާއިރު އިތުރު އެހެން ކަންކަން ވެސް އެ ގޮތުގައި ކުރެވިދާނެ އެވެ.

ކުނިވާ ޒާތުގެ ކުންޏާއި އެހެން ކުންޏާ ވަކި ކުރުން މުހިންމުވެ އެވެ. އެހެން ގައުމުތަކުގައި ކުނި މެނޭޖް ކުރުމުގައި ގެންގުޅޭ މި އުކުޅުގައި ރީސައިކަލް ކުރުމުގެ ބޭނުމުގައި ކުނި ވަކިކުރުން ކޮންމެ ގޭ ބިސީ އަކަށް ލާޒިމް ކުރެއެވެ. އަދި މިގޮތަށް ވަކިކޮށްފައި ޑަސްޓްބިންތަކަށް ކުނި އަޅަންޖެެހެ އެވެ.

މާލޭގެ މަގުތަކުގައި ގޭގެއިން ނެރެފައިވާ ކުނިތައް ފެންނަނީ ހުރިހާ އެއްޗެއް އެކައްޗަަކަށް އަޅާ އެއެއް މިއެއް ނޭޭގޭ ގޮތަކަށް ފުންޏަކަށް ޖަހާފައި ހުންނާތީ އެވެ. ބަދިގޭ ކުނި ވަކިން އަދި ފުޅި އާއި ބޯ ކަރުދާސް އަދި ޕްލާސްޓިކް ފަދަ ތަކެތި ވަކިކޮށް ނެރުމަކީ ކުރެވެން އޮތް ކަމެކެވެ. ވަކި ދުވަހެއްގައި ޕްލާސްޓިކް އާއި ކުނި ނުވާ ފަދަ ކުނި ނެރެން ކަނޑައެޅިދާނެ އެވެ. މީގެ އިތުރުން ބޮޑެތި ޑަސްޓްބިން ބަހައްޓާ ކޮންމެ ގެއެއްގެ ކޮތަޅުތައް އެއަށް ލުމަކީ ވެސް މަގުތައް ސާފުތާހިރުކޮށް އޮންނާނެ އެއްގޮތެވެ.

ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ސެކަންޑް ހޭންޑް ފިހާރަތައް އާއްމުކޮށް ގޭގައި ހިފާ ގެންގުޅޭ އެއްޗެހި ގަތުމަށް ގިނަ ބަޔަކު ހިޔާރު ކުރެ އެވެ. ރާއްޖޭގައި ނީލަން ފިހާރަ އަކުން އެއްޗެއް ގަތުމަކީ މާ ދަށް ކަމެއް ގޮތުގައި ބައެއް މީހުން ދެކެއެވެ. މި ވިސްނުން ބަދަލުކޮށް ރޯދައަށް ނުވަތަ އެހެންވެސް ސަބަބަކާއި ހެދި ބޭނުން ނުކޮށް އެއްލާލަ އެއްޗެހި ނީލަން ފިހާރައިގައި ވިއްކަން ބެހެއްޓުމުގު ފުރުސަތު ހޯދަން ޖެހެ އެވެ. އެއްލާލުމުގެ ބަދަލުގައި ނީލަން ފިހާރައިގައި ވިއްކުމަށް ބާރުއެޅިދާނެ އެވެ.

އާއްމު ސިއްހަތަށް ނުރައްކާތެރި މި ދަނޑިވަޅުގައި ކުނީގެ ސަބަބުން އިތުުރު ބައްޔެއް ނުފެތުރެނީސް މާލޭގެ ގޮނޑުވެފައިވާ މަގުތައް ތާހިރު ކުރުުމަށް އެންމެން އިސްނަގާ މަސައްކަތް ކުރަންވީ ވަގުތަކީ މިއެވެ. މީ މާ ލަސްވެފައިވާ މަސައްކަތެކެވެ.