ތިމާވެށި

އިންސާނުން ނެތި ދުނިޔެ އޮންނާނެ ގޮތަކީ ކޮބާ؟

ހިނދުކޮޅެއްގެ ތެރޭގައި ދިމާވި ކުއްލި ހާދިސާއަކުން ދުނިޔޭގައި ދިރިއުޅެމުންދިޔަ ހުރިހާ އިންސާނުން އެކުއެކީ ނެތިގޮސްފިނަމަ މިދުނިޔެއަށް ވާނީ ކިހިނެތް ހެއްޔެވެ؟ މިސުވާލު ހިތުތެރޭގައި އުފެދުމުން ފަހަތަށް ލެނގިލާ ލޯމަރާލެވި، ފިކުރުގެ ތެރެއަށް ގެނބިލައިފި އެވެ. ގިނައިރުތަކެއް ނުވެ، އިންސާނުން ނެތި ދުނިޔެ އޮންނާނެ ގޮތް ތަސައްވުރު ކުރެވެން ފަށައިފި އެވެ.

ރަށްތަކާއި ސިޓީތަކުން ހުއްޓުމެއްނެތި އިވެމުންދިޔަ އެކިކަހަލަ އަދި އެކި ބާރުމިނުގެ އަޑުތައް އެކުއެކީ ކެނޑި، މުޅި ދުނިޔެ ހަމަހިމޭންވެއްޖެ އެވެ. ގުދުރަތުގެ ތެރޭ ހިނގަމުންދާ ކަންކަމަށް ހުރަސްއަޅާނެ އިންސާނަކު ނެތުމުން، އަވަސްމިނެއްގައި ތިމާވެށްޓަށް ހެޔޮ ބަދަލުތައް އަންނަން ފަށައިފި އެވެ. މަދު ހަފުތާތަކެއް ތެރޭގައި އުސް އިމާރާތްތަކަށް ވެޔޮގަސްތައް އަރާ ފަތަހަކޮށްފި އެވެ. މަގުތާރުތަކުގައި ރެނދުލައި ފަޅައިގެންގޮސް ވިނަ ހެދިއްޖެ އެވެ. އެއްއިރެއްގައި އިންސާނުން ވެރިންގެ ގޮތުގައި އުޅެމުންދިޔަ މަގުތަކާއި، އިމަރާތްތަކާއި، ގެތަކުގައި އެކިވަރުގެ ޖަނަވާރުތައް މިނިވަންކަމާއެކު އުޅެން ފަށައިފި އެވެ.

އިންސާނުން ނެތި ދުނިޔެއަށް އަންނަ ބަދަލުތަކަކީ، ހިތްގައިމުކަމާއި އެކު ބިރުވެރިކަންވެސް އެކުލެވިފައިވާ ބަދަލުތަކެކެވެ. ހައިވޭތަކާއި އަދި ބުރިޖުތައް ފެހިކަންގިނަ ގަސްތަކުން ފުރިފައިވާ 'ފެންޑާ' ތަކަކަށް ވެއްޖެ އެވެ. މީހުން ދިރިއުޅެމުންދިޔަ މަގުތަކުގައި ފުއްލާތައް ދުވަމުންދާއިރު، ބާޒުތައް އުސް އިމާރަތްތަކުގެ މަތީ ބުރުޖަހަމުން ދެއެވެ. ކޮންމެ މަގެއްގެ މަތިން އިވެމުންދަނީ ދޫނިތަކުގެ ގޮވުމާއި ގަސްތަކުގެ ފަތްތައް ހެލޭ އަޑުތަކެވެ. ދުއްވާ އުޅަނދުތަކުގެ ބަރުގަނޑުގެ ބަދަލުގައި އިވެމުންދަނީ ޖަނަވާރާއި އެކި ސޫފިތަކުގެ އަޑުތަކެވެ.

އަހަރެންނަށް މިކުރެވުނު ތަސައްވުރަކީ ހަގީގަތެއްތޯ ދެނެގަތުމަށް އިލްމުވެރިންގެ ބަސް ހޯދާލަންޖެހެ އެވެ. ދުނިޔެއިން އިންސާނުން ކުއްލި ގޮތަކަށް ނެތި ގޮސްފިނަމަ ވާނޭ ގޮތް ދިރާސާކުރުމަކީ ތިމާވެށީގެ ސައިންސްވެރިން އަބަދުމެ ކުރަމުންދާ މަސައްކަތެކެވެ. މިގޮތުން އެންމެ ފަހުގެ ދިރާސާތަކަށް ނަޒަރު ހިންގާލާއިރު، ފާހަގަކޮށްލެވުނު ބައެއް ކަންކަން ހިއްސާކޮށްލާނަމެވެ.

އަހަރެއްގެ ތެރޭގައި ޖައްވުގެ ނުސާފުކަން އެއްކޮށް ނެތިގެންދާނެ އެވެ. ކާރުހަނާތަކުން ޖައްވުގެ ތެރެއަށް ދޫވަމުންދާ ދުންތައް ހުއްޓުމުން، ޖައްވުގައި މިހާރު އެވާ ނުސާފުކަން ނެތިގެންދާނެ އެވެ. އެތައްސަތޭކަ އަހަރެއް ކުރިން ފެނުނު ތަރިތަކުގެ ހިތްގައިމު މަންޒަރު ރޭގަނޑުގެ އުޑުމަތިން އަލުން ފެންނާން ފަށާނެ އެވެ.
ކޯރުތަކާއި ކަނޑުތައް އެތައްސަތޭކަ އަހަރު ކުރިން އޮތްގޮތަށް ސާފުވާނެ އެވެ. އެތަންތާވާ ދިރުންތައް އަލުން އޭގެ މާހައުލުގައި މިނިވަންކަމާއެކު އުޅެން ފަށާނެ އެވެ. އައު ދިރުންތައް ވުޖޫދުވުމަކީވެސް ގާތް ކަމެކެވެ. ހަލާކުވެފައި ހުރި ފަރުތައް އަލުން އުފެދެން ފަށާނެ އެވެ.
އެންމެ ދިގު މުއްދަތަކުން އިއާދަކުރެވޭނެ ކަމަކީ ނިއުކުލިއަ ކާރުހާނާތަކުން ތިމާވެއްޓަށް ވެފައި ހުރި އަދި ވާންހުރި ގެއްލުންތަކެވެ. މިތަންތަން ފަނާވެދާއިރު އެތައް ކެމިކަލެއް ބިމަށް ފެތުރިގެންދާނެ އެވެ. މި ކެމިކަލްތަކުގެ އަސަރު އެތައް އަހަރަކަށް ދެމިގެންދާނެ އެވެ. ނަމަވެސް ގުދުރަތީ ނިޒާމު އެ ކެމިކަލްތަކުގެ މައްޗަށް ބާރުވެރިވެ ބިމާއި ކަނޑުތަކާއި ކޯރުތައް ސާފުކޮށްދޭނެ އެވެ.

ނޭނގި ނަމަވެސް އަޅުގަނޑުމެން މިދަނީ މިދުނިޔެ ހަލާކުކުރަމުންނެވެ. ދުނިޔޭގެ ގުދުރަތާއި ނުބައްދަލު އެތައް އަމަލުތަކެއް ހިންގައި، ދުނިޔެއަކީ އިންސާނުންނަށް ނޫޅެވޭނެ ތަނަކަށް ހަދަމުންނެވެ. ތިމާވެށި ދިރާސާކުރާ އިލްމުވެރިންގެ ދިރާސާތަކަކީ، އެއިގެން އެތައް ފިލާވަޅުތަކެއް ލިބޭ ހޯދުންތަކެކެވެ. ނަމަވެސް ހިތާމައަކީ، މިފިލާވަޅުތަކާ އެކުވެސް އިންސާނުންގެ އަމަލުތަކަށް އެދެވޭ ބަދަލެއް ނާންނަކަމެވެ.