"ރާއްޖެއަކީ ތެޔޮ އުފައްދާ ގައުމަކަށް ނުވާތީ ރާއްޖޭގައި އުފައްދާ ހަކަތަ އުފައްދަން ޖެހެނީ ރާއްޖެއިން ބޭރުން ތެޔޮ އެތެރެކޮށް އެ އަންދައިގެން. ރާއްޖޭގެ އިގްތިސާދީ އުފެއްދުންތެރިކަމުގެ ދިހަ އިންސައްތަ ރާއްޖެއިން ބޭރުން ތެޔޮ ގަނެ އެތެރެކޮށް އެއިން ކަރަންޓް އުފެއްދުމަށް ހޭދަކުރަން ޖެހޭ" މިއީ މި ސަރުކާރުގެ ފުރަތަމަ އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު މީގެ ދެ އަަހަރުކުރިން ވިދާޅުވި ވާހަކަތަކެކެވެ.
ތެޔޮ އެތެރެކުރުމަށް ކުރާ ބޮޑު ހޭދައަކީ ކޮންމެ ސަރުކާރަކަށް ވެސް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. އޭގެ ސަބަބުން ރާއްޖެއިން އެެތަކެއް ފައިސާއެއް ބޭރުވެގެންދާ އިރު ތެޔޮ އެންދުމުން ތިމާވެއްޓަށް ކުރާ އަސަރު ވެސް އިންތިހާއަށް ބޮޑެވެ. ހާއްސަކޮށް ރާއްޖެ ފަދަ މޫސުމީ ބަދަލުތަކަށް "ވަލްނަރަބަލް" ގައުމުުތަކަށް ތެޔޮ އެންދުމުން އިއާދަނުކުުރެވޭނެ ގެއްލުންތައް ލިބުމުގެ ފުރުަސަތު ބޮޑެވެ. އެހެންކަމުން މި ނޫން ގޮތެއް ހޯދަން ޖެހޭކަމަށް މާހިރުން ބުނަމުންދާތާ އެތައް އަހަރެއް ވަނީ ވެފައެވެ.
އޭގެ ހައްލެއްކަމަށް ގިނަ މާހިރުން އެއްބަސްވާ ގޮތުގައި ރާއްޖެއިން ލިބެންހުރި އިއާދަކުރަނިވި ހަތަކައިގެ ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓް އުފައްދާ ބޭނުންކުރެވިދާނެ އެވެ. ހާއްސަކޮށް ރާއްޖެއަށް އަަބަދުވެސް އިރުގެ އަލި ލިބޭއިރު އިރުގެ އަލި ބޭނުންކޮށްގެން ހަަކަތަ އުފެއްދިދާނެ ކަމަށެވެ.
އެ ބަދަލަށް ރާއްޖެއިން މިހާރު ދަނީ މަޑުމަޑުން މިސްރާބު ވެސް ޖަހަަމުން ނެވެ. އެއާއެކު ކާބަން ނިއުޓްރަލް ގައުމަކަށް ރާއްޖެ ދިއުމަށް ކަނޑައަޅާފައިވާ އަމާޒަށްވެސް ވާސިލުވުމަށް މަގުފަހިވާނެ އެވެ. އެ އަމާޒަށް ވާސިލުވަމުންދާކަމުގެ ހެކިތައް މިހާރުވެސް ދަނީ ފެންނަން ފަށައިފަ އެވެ.
އެގޮތުން ވޯލްޑް ބޭންކްގެ އެހީގައި ދިވެހި ސަރުކާރުން ކުރިއަށް ގެންދާ އެކްސަލަރޭޓިން ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަބަލް އެނާޖީ (އެސްޕަޔާ) ޕްރޮޖެކްޓް އަދި އެކްސަލަރޭޓިންގް ރިނިއުވަބަލް އެނާޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާޖީ (އެރައިސް) ޕްރޮޖެކްޓްގެ ދަށުން އިރުގެ އަލިން ހަކަތަ އުފެއްދުމުގެ މަަސައްކަތް ދަނީ ކުރަމުން ނެވެ.
މީގެ ތެރެއިން އެރައިސް ޕްރޮޖެކްޓުގެ ދަށުން ލ. އަތޮޅުގެ 10 ރަށެއް ހިމެނޭ ގޮތަށް 14 ރަށެއްގައި ސޯލާ ހަކަތައިގެ ނިޒާމު ގާއިމުކުރުމަށް ވަނީ ނިންމައިފަ އެވެ. މި ރަށްތަކުގެ ތެރޭގައި ގއ. ވިލިނގިލި, ދ. ކުޑަހުވަދޫ, ށ. ފުނަދޫ, ޅ. ނައިފަރު އަދި ލ. އަތޮޅުގެ ފޮނަދޫއާއި ގަން ފަދަ ބޮޑެތި ރަށްތައް ވެސް ހިމެނެ އެވެ. މި މަސައްކަތް އަންނަ އަހަރު ކޮންޓްރެކްޓަރުންނާ ހަވާލުކުރަން ނިންމަފައިވާ އިރު މި ރަށްތަކުން ޖުމްލަ 36 މެގަވޯޓުގެ ކަރަންޓު އުފެއްދޭނެ އެވެ.
އޭގެ އިތުރުން އެސްޕަޔާ ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ ހަ ސަަރަހައްދެއްގައި ވެސް 11 މަގަވޯޓުގެ ސޯލާ ހަކަތައިގެ ނިޒާމްވެސް ގާއިމުކުރާނެ އެވެ، މި މަޝްރޫއުގެ ދަށުން އެ ނިޒާމް ގާއިމުކުރާ ރަށްތަކުގެ ތެރޭގައި ކުޅުދުއްފުށި ސިޓީ، ބ. އޭދަފުށި، ގދ. ތިނަދޫ އަދި އައްޑޫ ސިޓީ ހިމެނެއެވެ. މަ މަޝްރޫއު ވެސް އަންނަ އަހަރު ކޮންޓްރެކްޓަރުންނާ ހަވާލުކުރާނެ އެވެ.
އޭގެ އިތުރުން ފެނަކަ ފަދަ ސަރުކާރުގެ ކުންފުނިތަކުން ވެސް މިހާރު ދަނީ ސޯލާ ޕަވާ ސިސްޓަމްތައް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން ނެވެ.
ތިމާވެއްޓާ ގުޅޭ ތަފާސް ހިސާބުތަކުން ފެންނަގޮތުގައި އިރުގެ އަލިން ހަކަތަ އުފެއްދުމަށް މިހާރު ރާއްޖޭގައި 32 މެގަވޯޓުގެ ސޯލާ ޕެނަލް ވަނީ ހަރުކޮށްފަ އެވެ. އެއާއެކު ރައްޖޭގައި ކަރަންޓުގެ އެންމެ ލޯޑު ބޮޑުވާއިރު ބޭނުންކުރާ ކަރަންޓުގެ 11.25 ޕަސެންޓް ކަރަންޓު އިރުގެ އަލީގެ ހަކަތައިން އުފެއްދެ އެވެ. އަދި އޭގެ ސަބަބުން 14.7 މިލިއަން ލީޓަރުގެ ތެޔޮ ސަލާމަތްވެ ޖައްވަށް ދޫކުރާ ކާބަންޑައި އޮކްސައިޑް 36،786 ޓަނުން ސަލާމަތްވެއެވެ.
މިއީ އަދި ފެށުމެއް ނަަމަވެސް މިހާރުވެސް އިތުރު ސޯލާ ޕެނަލްތައް ހަރުކުރުމުގެ މަސައްކަތް ކުރިއަށްދެ އެވެ. އަދި އަނެއްބައި ސޯލާ ޕެނަލްތައް ހަރުކުރުމަށް ބިޑް މަރުހަލާގައި އަދި ޕްލޭނިން މަރުހަލާގައިވެސް އެބައޮތެވެ. ސަރުކާރުން އަންދާޒާކުރާ ގޮތުން މުޅި މަޝްރޫއު ނިމުމުން 119 މެވަ ވޯޓުގެ ސޯލާ ޕެނަލް ހަރުކުރެވި އަހަރަކު 195،425 މެގަވޯޓުގެ ކަރަންޓު އުފެއްދޭނެ އެވެ. އަދި 55.8 މިލިއަން ލީޓަރުގެ ތެޔޮ ސަލާމަތް ކުރެވި ޖައްވަށް ދޫކުރާ ކާބަންޑައި އޮކްސައިޑް 138،947 ޓަނުން ސަލާމަތްވެއެވެ.
ކޮވިޑާއެކު ރާއްޖެއަށް ކުރިމަތިވި އިގްތިސާދީ ދަތިކަމާއެކު އިއާދަކުރަނިވި ހަކަތައަށް ބަދަލުވާން އިިތުރަށް ވަނީ ބޭނުންވެފަ އެވެ. އެކަން ވޯލްޑު ބޭންކުން މިދިޔަ އަހަރު އާންމުކުރި "ވޯލްޑް ބޭންކް މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް: އިން ސްޓޯމީ ސީޒް" ރިޕޯޓުގައި ވެސް ބުނެފަ އެވެ. ރިޕޯޓުގައި ބުނެފައިވާ ފަދައިން އަބަދު ކަރަންޓުން ސަބްސިޑީ ދީގެން ފަރެއް ނުޖެއްސޭނެ އެވެ. އެހެންކަމުން އިއާދަކުރަނިވި ހަކަތައަށް ވީހާވެސް އަވަހަަކަށް ބަދަލުވުން ނޫން ގޮތެއް ނެތެވެ.