އައްޑޫ ސިޓީގައި އުފެދޭ ކުނިން ހަކަތަ އުފެއްދުމަށް ކުރިއަށް ގެންދާ މަޝްރޫއުގައި ހިމެނޭ "ވޭސްޓް ޓު އެނާޖީ ޕްލާންޓް" ރާއްޖެ ގެނެސް އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
އައްޑޫ ސިޓީގެ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ މި ޕްލާންޓަކީ ކުނިން ހަކަތަ އުފެއްދުމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ގާއިމުކުރާ ފުރަތަމަ ޕްލާންޓެވެ.
ދެކުނު ކޮރެއާގެ ލޮޓަސް ކުންވަ ޖޮއިންޓް ވެންޗައާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މިމަޝްރޫއުގައި ބޭނުންކުރާ ޕްލާންޓް ޑިޒައިންކޮށް އުފައްދާފައިވަނީ ރާއްޖޭން ބޭރުގަ އެވެ.
މޯލްޑިވްސް ގްރީން ފަންޑުން 16 މިލިއަން ޑޮލަރު ހަރަދު ކޮށްގެން ހިންގާ މިމަޝްރޫއުގެ ދަށުން ގާއިމުކުރާ ޕްލާންޓަކީ ދުވާލަކު 50 ޓަނުގެ ކުނި އަންދައިގެން ހަކަތަ އުފެއްދުމުންގެ ގާބިލްކަން ލިބިފައިވާ ޕްލާންޓެކެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ އައްޑޫގައި ގާއިމުކުރާ ޕްލާންޓުން އުފައްދާ 1.5 މެގަ ވޮޓްގެ ކަރަންޓްގެ ތެރެއިން އެއް މެގަވޮޓްގެ ކަރަންޓް އައްޑޫ ސިޓީގެ ސެންޓްރަލް ގްރިޑާ ގުޅާލާނެ ކަމަށެވެ. އަދި ޕްލާންޓް ހިންގުމަށް 500 ކިލޯ ވޮޓްގެ ކަރަންޓް ބޭނުން ކުރާނެ ކަމަށެވެ.
މޯލްޑިވްސް ގްރީން ފަންޑުން ހަރަދު ކުރާ ގޮތަށް ކުނިން ހަކަތަ އުފެއްދުމުގެ މަސައްކަތްތަކަށް ބޭނުންވާ ވަސީލަތްތައް އަތޮޅު ތެރޭގެ ބައެއް ރަށްތަކުގައި ވެސް ގެންދަނީ ގާއިމުކުރަމުންނެވެ.
ކުނިން ހަކަތަ އުފެއްދުމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން ރާއްޖޭގެ ކުނީގެ މައްސަލަ އަށް ގިނަވެގެން ދެ އަހަރުގެ ތެރޭގައި އިންގިލާބީ ބަދަލެއް އަންނާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ކުރިން ވިދާޅުވެފައިވެ އެވެ.