ރިޕޯޓް

އިގްތިސާދުގައި ހަކަތައިގެ ދައުރު މުހިންމުވަނީ ކިހާ ވަރަކަށް؟

Sep 7, 2022
2

ލިޔުނީ: އިބްރާހިމް ޒާދީ

އިގްތިސާދުގައި ހަކަތައިގެ މައުލޫއަކީ، އިލްމީ ގޮތުން ނުހަނު ފުޅާކޮށް ބަލައި، ވާހަކަ ދެކެވެން އޮތް ދާއިރާ އެކެވެ. އިޖުތިމާއީ ދުޅަހެޔޮ ކަމާއި ދެމެހެއްޓެނިވި އިގްތިސާދީ ތަރައްގީއަށް އަތްފޯރާ ފަށުގައި، އިތުބާރާއެކު ހަކަތަ ކަށަވަރު ކުރުމަކީ ދުނިޔޭގެ ކޮންމެ ގައުމަކުންވެސް އެންމެ ހާއްސަ އިސްކަންދޭ މައްސަލަ އެވެ. ރާއްޖޭގައި 188 ރަށުގައި މީހުން އާބާދު ވެފައިވާއިރު ރާއްޖޭގައިވެސް ވަކި ތަފާތެއް ނެތެވެ. ހަކަތަ އާއި ނުލައި އިގްތިސާދެއް ނުހިންގޭނެ އެވެ. އަދި ދިރިއުޅުމުގެ އަސާސްތައްވެސް ފުރިހަމަ ނުކުރެވޭނެ އެވެ.

ރައްޖެ އަކީ ދުނިޔޭގެ ނިސްބަތުގައިވެސް ހަކަތަ އުފެއްދުމައް ކުރަންޖެހޭ ހޭދަ އެންމެ ބޮޑު އެއް ގައުމަށް ވާނެ އެވެ. ހަކަތައަށް ކުރާ ހޭދަ ރާއްޖޭގައި ބޮޑުވެފައިވަނީ ކުދި ކުދި އާބާދީ ހިމެނޭ ކޮންމެ ރަށެއްގައި ޑީސެލް އަންދާއިގެން ހަކަތަ އުފައްދަން ޖެހޭތީ އެވެ. ސަރުކާރުން ފޯރުކޮށްދޭ އިޖުތިމާއީ ހިދުމަތުގެ ހަމަހަމަކަން ދެމެހެއްޓުމާއި ތެލުގެ ބާޒާރުގެ އަގުން އަންނަ ބަދަލު ރައްޔިތުންނަށް އިހުސާސް ވިޔަ ނުދިނުމަށްޓަކައި ސަބްސިޑައިޒް ކުރަން ޖެހުމެވެ.

މަސްދަރު ތަކުގެ ހާމަކުރުން ތަކުން އެނގޭ ގޮތުގައި، އަހަރަކު 5.3 ބިލިއަން ރުފިޔާގެ ޑީސަލް ރާއްޖެ އެތެރެ ކުރެ އެވެ. ރާއްޖޭގެ އާބާދުވެފައިވާ ރަށްރަށުގެ އިންޖީނުގެ ތަކުގައި ޖުމްލަ 319 މެގަވޮޓްގެ ޑީސެލް ޖެނެރޭޓަރު އެބަހުއްޓެވެ. ރިޒޯޓް ތަކުގައި ގާއިމު ވެފައި ހުރި 210 މެގަވޮޓް އާއިއެކު މުޅި ރާއްޖޭގެ ޖުމްލަ އަކީ 530 މެގަވޮޓް އެވެ. މި ޖެންސެޓް ތަކުން އުފައްދާ 750 ގިގަވޮޓް ހަކަތަ އުފެއްދުމަށް އަހަރަކު 214 މިލިއަން ލީޓަރު ޑީސަލް އަންދަ އެވެ.

ހިދުމަތުގެ އަގުގައި ހުރި ތަފާތު

ހިދުމަތަށް އަގު ނަގާ އުސޫލުން، ސަރުކާރުން ފޯރުކޮށްދޭ ހަކަތަ، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އިން އޮންނަނީ، ގޭބިސީ ތަކަށާއި ވިޔަފާރިތަކަށް ތަފާތު ދެ އަގެއް ކަނޑައަޅާފަ އެވެ. މިގޮތުން ވިޔަފާރި ތަކަށް ފޯރުކޮށްދޭ ކަރަންޓްގެ އަގު ބަހާލާފައި ވަނީ ތިން ގިންތި އަކަށެވެ. އެގޮތުން ވިޔަފާރި ރޭޓްތައް ހުރީ އަންނަނިވި ގޮތަށެވެ.

  • 1- ގްރޭޓާ މާލެ (400+ ޔުނިޓް 3.65 ރުފިޔާ)
  • 2- އައްޑޫ އާއި ފުވައްމުލައް (400+ ޔުނިޓް 6.00 ރުފިޔާ)
  • 3- ބާކީ ހުރި އެންމެހާ ސަރަހައްދު (400+ ޔުނިޓް 7.50 ރުފިޔާ)

މި ތަފާތުތައް މިގޮތަށް ހުރުމުން ސަރުކާރުން ދޭ ސަބްސިޑީގެ މަފްހޫމް ގެއްލުމުގެ އިތުރުން ފިހާރާ، ރެސްޓޯރަންޓް، ގެސްޓް ހައުސް، ކްލިނިކް، ލެބޯޓަރީ، ގަރާޖް، ވޯކްޝޮޕް އަދި މިނޫނަސް މިފަދަ ތަންތަން ހިންގުމުގެ ހަރަދުގައި ތަފާތު ތަކެއް ހުރުމުން، ނެރެވޭ އިގްތިސާދީ މަންފާ އާއި ހަކަތައިގެ ދައުރު ގުޅޭ ހިސާބު ވަޒަން ކުރަން ކިޔުންތެރިންނަށް ދޫކޮށްލާނަމެވެ.

ދުނިޔޭގައި ހަކަތަ އުފެއްދުމުގައި އަދިވެސް އެންމެ ގިނައިން ބޭނުންކުރަނީ ޑީސެލް އެވެ. އެއީ ޖުމްލަ 34.30 ޕަސަންޓެވެ. މީގެ އިތުރުން 29.20 ޕަސަންޓް ކޯލް އަދި 22.80 ޕަސަންޓް ގޭހާ އެކު މުޅި ދުނިޔޭގައި ބޭނުން ކުރާ ހަކަތައިގެ 86.20 ޕަސަންޓަކީ އިއާދަނުކުރެވޭ ހަކަތަ އެވެ. އަނެއް 13.80 ޕަސްންޓަކީ އިއާދަކުރަނިވި ހަކަތައިގެ ބާވަތްތަކެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ހުޅަނގުގެ ގައުމުތަކުގެ މިސްރާބު ބަދަލުކޮށް، އަމާޒު ހިފަނީ އިއާދަކުރަނިވި ހަކަތައިގެ ދެމެހެއްޓެނިވި މަންޒިލަށެވެ. ދުޅަހެޔޮ އިގްތިސާދަކަށެވެ. މިސާލަކަށް އައިސްލޭންޑް، ނޯވޭ، ސްވީޑްން، ސްވިޒަލޭންޑް، އަދި ފްރާންސް ފަދަ ގައުމު ތަކުގައި ބޭނުން ކުރާ ހަކަތައިގެ މައިގަޑު ބާވަތަކީ، ހައިޑްރޯޕަވާ އެވެ. ހިއްސާ ކުރާ ނިސްބަތުގެ އެވްރެޖް އަންދާޒާ އަކީ 80 ޕަސަންޓްގެ މިންވަރެކެވެ.

އިއާދަ ކުރަނިވި ހަކަތަ

ދުނިޔޭގެ އެހެން ގައުމު ތަކެކޭ އެއްފަދައިން ރާއްޖޭގައިވެސް އިއާދަކުރަނިވި ހަކަތައިގެ މަގުބޫލުކަން އިންތިހާއަށް އެބައޮތެވެ. ހައިޑްރޯ ޕަވާ، ވިންޑް ޓާބައިން، ސޯލާ ފޮޓޯވޮލްޓޭކް އަކީ ތިމާވެއްޓާއި ރަށްޓެހި ހަކަތަ އުފައްދާ ވަސީލަތްތަކުގެ ތެރެއިން ރާއްޖޭގެ ތަބީއަތާއި ގުޅޭ ނިޒާމު ތަކެވެ. ހާއްސަކޮށް ސޯލާ ނިޒާމެވެ. އަގު ހެޔޮވެފައި އަދި އާންމު ފަރުދުންގެ ބައިވެރިވުމާ އެކު ވިޔަފާރި އުސޫލުން މިދާއިރާ ފުޅާކުރުމުގެ ފުރުސަތު އޮތީ ސޯލާ ނިޒާމުގައި ކަމަށް ވާތީ އެވެ.

ޕަވާ ހައުސް ތަކުގެ ބޮޑުބައި ސޯލާ ނިޒާމަށް ބަދަލު ކުރެވޭނީ އާންމު ހޭލުންތެރިކަން އިތުރުކޮށް ރައްޔިތުން އަހުލުވެރި ކުރެވިގެންނެވެ. އެކަށީގެންވާ މައުލޫމާތު ފޯރުކޮށްދީ، އިއާދަކުރަނިވި ހަކަތައަށް ރައްޔިތުން އަހުލުވެރި ކުރުވުމަކީ މިކަމުގައި އޮތް އެންމެ ބޮޑު ގޮން ޖެހުމެވެ. ނަތީޖާއަކަށް ވެގެން ދާނީ ޑީސެލްގެ އިމްޕޯޓް ދަށްކުރެވި، އެކަމަށް ހޭދަކުރާ ބޭރު ފައިސާ އިގްތިސާދުގައި ހަރުލާ، އަދި ދައުރު ވުމެވެ. ގޭބިސީ ތަކުގެ ކަރަންޓް ބިލު ޒީރޯ އަށް ވުމުން ފަހަށް ރައްކާ ކުރެވޭ މިންވަރު އިތުރުވެ އެއިން ދިރިއުޅުން އާރާސްތު ކުރުމުގެ ފުރުސަތު ފަހިވާނެ އެވެ. ވިޔަފާރީގެ ކަރަންޓް ބިލު ޒީރޯއަށް ވުމުން ހިންގުމުގެ ހަރަދު ކުޑަވެ މުދަލާއި ހިދުމަތުގެ އަގު ހެޔޮވެ، ވާދަވެރި ވިޔަފާރީގެ މާހައުލުގައި ފައިތިލަ ސާބިތުކުރުމާ އެކު ދެމިހުރުމުގެ އިތުބާރު ބޮޑުވާނެ އެވެ.

ފެހި ހަކަތަ، ސޯލާ ޕީވީ

ސޯލާ ޕަވާ ސިސްޓަމް އަމިއްލަ ފަރާތް ތަކަށް ބޭނުންވާ ގޮތަށް ފަރުމާކޮށް، ހަރުކޮށްދޭ ފަރާތްތައް މަދުން ނަމަވެސް ރާއްޖޭގައި އެބައުޅެ އެވެ. މުއްދަތަކަށް ބަހާލައިގެން އަގު އަދާ ކުރާގޮތަށް، ވިއްސަކަށް އަހަރުގެ ދިގު ވޮރަންޓީ އަކާއެކު މިހިދުމަތް މާލެ އާއި އައްޑޫ އިން މިހާރުވެސް ލިބެ އެވެ. ފެނަކަ އިން ވެސް މި ހިދުމަތް ފޯރުކޮށް ދެއެވެ. އެކަމަކު އެއީ އެކަނި ގޭބިސީ ތަކަށެވެ. މިދާއިރާ އަށް، ބޭންކް ތަކުގައި އޮންނަ، އާއްމު އުސޫލުން ލޯނުވެސް ލިބެއެވެ. އެއްފަހަރާ އަގު ދީފައި ގަނެވޭ ފަރާތްތަކަށް ޗައިނާ، ތައިލޭންޑް ނުވަތަ އެހެން ގައުމަކުން ވިޔަސް އިމްޕޯޓް ކުރުމުން ޖެހޭ އަގު ހެޔޮވާނެ އެވެ. ކަމާ ގުޅޭ ގޮތުން ސާފު މައުލޫމާތު ފޯރުކޮށް ދިނުމާއި، އުޖޫރަ އަށް ސޯލާ ސިސްޓަމް ހަރުކޮށް އަދި ބަލަހައްޓައިދޭ އިންޖިނިއަރުން ވެސް މިއަދު ރާއްޖޭގައި އެބަތިއްބެވެ.

އާންމު ގޮތެއްގައި މި ދާއިރާއަށް ކުރާ އިންވެސްޓްމެންޓްތަކުގެ ރިޓާން ތިން ހަތަރު އަހަރުގެ ތެރޭގައި ކަވަރު ކުރެވޭނެ އެވެ. އަވި ލިބޭ މިންވަރެއްގެ ނިސްބަތުންނެވެ. ވޮރަންޓީގެ ބާކީ މުއްދަތުގައި އޮންނާނީ ޒީރޯގެ ކަރަންޓް ބިލެކެވެ. ކަމާ ގުުޅޭ ގާނޫނު ތަކާއި ގަވައިދުތައް މިއަދު ވަނީ ފައްކާ ކުރެވިފަ އެވެ. ގޮންޖެހުން ތަކާއެކުވެސް 24 ގިގަވޮޓްގެ އިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ ގާބިލްކަން ލިބިފައިވާ، ޖުމްލަ 16.50 މެގަވޮޓްގެ ސޯލާޕީވީ ވަނީ ރާއްޖޭގެ އެކި ކަން ކޮޅުތަކުގައި ހަރުކޮށްފަ އެވެ. އަދި 45 ޕަސަންޓާއި 55 ޕަސަންޓާ ދެމެދުގެ ދިރުމަކާއެކު މިދާއިރާ ތަރައްގީވަމުން އަންނަކަން ފާހަގަކުރެވެ އެވެ.

ދިވެހި ސަރުކާރުގެ ގެޒެޓްގައި ޖޫން 22، 2020 ގައި ނެޓް މީޓަރިން ގަވާއިދު ވަނީ ޝާއިއުކޮށްފަ އެވެ. އިރުގެ އަލިން އިއާދަ ކުރަނިވި ހަކަތަ އަމިއްލައަ ށް އުފައްދައި، އެ ކަރަންޓް ބޭނުން ކޮށްފައި، އިތުރުވާ ކަރަންޓް، ތަންފީޒީ އިދާރާއިން ހުއްދަ ދޫކޮށްފައިވާ ހިދުމަތްދޭ ފަރާތަކުން ފޯރުކޮށްދޭ ކަރަންޓްގެ ވިއުގަޔަށް ފޮނުވުމާއި ބެހޭ ހަމަތަކާއި އުސޫލުތައް މިގަވައިދުގައި ވަނީ ކަޑައަޅާފައެވެ. މީގެ އިތުރުން، ޕަވަ ޕާޗޭސިން އެގްރީމެންޓެއްގެ ދަށުން އަމިއްލަ ފަރާތްތަކުން އުފައްދާ ހަކަތަ، ތަންފީޒީ އިދާރާއިން ހުއްދަ ދޫކޮށްފައިވާ ހިދުމަތްދޭ ފަރާތަކުން ކަނޑައަޅާ އަގަކަށް ގަތުމުގެ އުސޫލެއްވެސް އެބައޮތެވެ.