އިއާދަކުރަނިވި ހަކަތަ ރާއްޖޭގެ ރަށްތަކަށް ފުޅާ ކުރަން ރަށްރަށުގެ ބިން ހިއްކަން ޖެހޭ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ސައީދު މިހެން ވިދާޅުވީ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމުތައް ރާއްޖޭގައި އިތުރަށް ފުޅާކުރުމުގެ ގޮތުން ހޯމް ސޯލާ ޕްރޮގްރާމް ހިންގުން ފެނަކައާ ހަވާލު ކުރުމަށް މިއަދު ހެނދުނު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނެވެ.
ސައީދު ވިދާޅުވީ ފެނަކައިގެ އަމާޒަކީ 2023 ވަނަ އަހަރުގެ ކުރިން އެ ކުންފުނިން ހިދުމަތްދޭ 154 ރަށުގައި އިއާދަ ކުރަނިވި ހަކަތައިން 70 ޕަސެންޓް ކަރަންޓު ފޯރުކޮށް ދިނުމަށް ވަސީލަތްތައް ގާއިމްކުރުން ކަމަށެވެ.
އިއާދަކުރަނިވި ހަކަތައަށް ދިއުމުގައި ރަށްރަށުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ވެސް ސައީދު މިއަދު ފާހަގަކުރެއްވި އެވެ. އެގޮތުން އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ފާހަގަކުރެއްވީ ބައެއް ރަށްރަށުގެ ބިމުގެ ދަތި ކަމެވެ. އަދި ރައްޔިތުންނަށް ލުއި ފަސޭހަ ގޮތަކަށް އެކަން ކުރުމުގެ ނިޒާމެއް ގާއިމްކުރެވިފައި ވެސް ނެތުމެވެ.
"ބިން ނެތް ރަށް ރަށުގައި އަޅުގަނޑު އެދެން ރަށްރަށުގެ ބިން ހިއްކައިގެން ވެސް މިކަން ކުރަން. އިއާދަކުރަނިވި ހަކަތަ ނުވަތަ ހައިބްރިޑް ސިސްޓަމަށް ދިވެހި ރާއްޖެ ދިއުމަށް ހައި ބްރިޑް މި ނިޒާމްއަށް ބަދަލު ކުރުމަށް ބިން ނެތް ރަށްރަށުގައި ކުޑަ މިންވަރަކަށް ބިން ހިއްކައިގެން ވެސް މިކަން އެބަ ކުރަން ޖެހޭ. ސަބަބަކީ ތެލަށް ބަރޯސާ މިންވަރު ކުޑަކޮށް ދުނިޔޭގެ ބާޒާރުތައި ތެލަށް އަންނަ ކޮންމެ ލޮޅުމެއް އަޅުގަނޑުމެންގެ ސިނާއަތަށް އަންނަމުން ދިއުމަކީ އަޅުގަނޑުމެންގެ ރައްޔިތުންގެ އެތައް ގުނައަކުން ތަކުލީފު ތަހައްމަލުކުރަން ޖެހޭނެ ކަމެއް" ސައީދު ވިދާޅުވި އެވެ.
އެެހެންކަމުން ސަރުކާރުން މިކަމާމެދު ފުންކޮށް ވިސްނައި ބިން ނެތް ރަށްރަށުގައި ކޮންމެވެސް ވަރަަކަށް ބިން ހިއްކައިގެން އިއާދަކުރަނިވި ނިޒާމް ގާއިމްކުރުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.
މިއަދު އިފްތިތާހުކުރި މަޝްރޫއާއެކު ފަރުދުންގެ ގޭގޭގައި ސޯލާ ސިސްޓަމް ހަރުކޮށް، އެގެއަކަށް އެކަށީގެންވާ ކަރަންޓު އުފެއްދުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ. އަދި ގޭބިސީތަކުން ބޭނުންވާ ޖުމްލަ ކަަރަންޓް ނުވަތަ ކަރަންޓުން ބައެއް އިރުގެ އަލީގެ ހަކަތައިން އުފެއްދޭނެ އެވެ. މިކަމުގެ ސަބަބުން އާންމު ފަރުދުން ކަރަންޓަށް ކުރަންޖެހޭ ހޭދަ ބޮޑުތަނުން ކުޑަވެގެންދާނެ އެވެ.
ސައީދު މިއަދު ވިދާޅުވީ ހޯމް ސޯލާ ޕްރޮގްރާމާއެކު ރައްޔިތު މީހާގެ ޖީބަށް ލުއިވެގެންދާނެ ކަމަށާއި އަދި އެންމެ މަދުވެގެން ވެސް 1000 އާއިލާއަށް ޔަގީނުން ވެސް ލުއި ފަސޭހަވެގެންދާނެ ކަމަށެވެ. އަދި މިއީ ފެށުމެއް ކަމަށާއި، ފަހުން މިކަން ފުޅާކުރާނެ ކަމަށާއި އަދި އޭގެ ހިތްވަރު ވެސް އެބަހުރި ކަމަށެވެ.