ކުރިނބި

އިރުގެ އަލިން އުފެއްދި ކަރަންޓް މުޅި ރަށަށް ދިން ފުރަތަމަ ރަށަކަށް ކުރިނބީ

Mar 13, 2022
5

އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓްގެ ހިދުމަތް ފޯރުކޮށްދިން، މީހުން ދިރިއުޅޭ ފުރަތަމަ ރަށަކަށް ހދ. ކުރިނބީ ވެއްޖެ އެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ބައެއް ރަށްތަކުގައި ސޯލާ ޕެނަލްތައް ހަރުކޮށްގެން އިރުގެ އަލިން ކަރަންޓް އުފެއްދުމަށް އަމާޒުކޮށްގެން އޭޑީބީ އާއި ދިވެހި ސަރުކާރު ގުޅިގެން ގެންދަނީ "ޕްރިޕެއަރިން އައުޓާ އައިލެންޑްސް ފޯ ސަސްޓެއިނެބަލް އެނާޖީ ޑިވެލޮޕްމެންޓް (ޕޮއިސްޑް)"ގެ ނަމުގައި މަޝްރޫއެއް ހިންގަމުންނެވެ.

މިމަޝްރޫއުގެ ދަށުން ކުރިނބީގައި ހަދާފައިވާ ހަ ހަޓެއްގައި ސޯލާ ޕެނަލްތައް ހަރުކޮށް ނިންމާލީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. ކުރިނބީގެ ސޯލާ ސިސްޓަމް ޓެސްޓް ކުރުމުގެ ގޮތުން އެރަށުގެ އިންޖީނުތައް ނިއްވާލުމަށްފަހު ސޯލާ ތަކުން އުފައްދާފައިވާ ކަރަންޓްގެ ހިދުމަތް މިދިޔަ ބުރާސްފަތި ދުވަހު ވަނީ މުޅި ރަށަށް ދީފަ އެވެ. އެކަމަކު އެއީ ތަޖުރިބާކޮށްލުމުގެ ގޮތުން 30 މިނެޓަށް ދިން ހިދުމަތެކެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން ކުރިނބީ ކައުންސިލްގެ ރައީސް އަބްދުﷲ އަސްލަމް ވިދާޅުވީ ރަށުގައި ފެނަކަ އިން ބޭނުންކުރާ ތިން އިންޖީނު ނިއްވާލުމަށްފަހު ސޯލާތަކުން އުފައްދާފައިވާ ކަރަންޓްގެ ހިދުމަތް ދިން ނަމަވެސް އެއްވެސް ކަހަލަ ތަފާތެއް ފާހަގަކުރެވިފައި ނުވާ ކަމަށެވެ. އަދި ރަށެއްގެ މުޅި އާބާދީއަށް އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އުފައްދާފައިވާ ކަރަންޓް ދިން ފުރަތަމަ ރަށަކަށް ކުރިނބީ ވެގެންދިއުމަކީ އުފަލެއް ކަމުގައި ވިދާޅުވި އެވެ.

"މިހާ ހިސާބުން ބައެއް ރައްޔިތުން އުފައްދާ ސުވާލެއް ވެސް އެބައޮތް. އިރުގެ އަލިން އުފައްދާ ކަރަންޓަށް ފީއެއް ނަގާނެތޯ؟ ނުވަތަ މިހާރު ތެޔޮ އަންދައިގެން މިދޭ ކަރަންޓުގެ ހިދުމަތުގެ އަގު ކުޑަވެދާނެތޯ؟ މިސުވާލުތަކަށް ސަރުކާރުން ކޮންމެވެސް ޖަވާބެއް ދެއްވާނެ ކަމަށް އަޅުގަނޑުމެން މިބަލަނީ ސަރުކާރުން ކުރިއަށް ގެންދާ ސޯލާ ސިސްޓަމް ހަރުކުރުމުގެ މަޝްރޫއު ނިމުމުން. މިމަޝްރޫއާ އެކު ސަރުކާރުން ތެލަށް ކުރާ ހަރަދު ވަރަށް ބޮޑަށްވެސް ކުޑަވާނެ،" އަސްލަމް ވިދާޅުވި އެވެ.

ކުރިނބީ އަކީ 763 މީހުންގެ އާބާދީއެއް އޮތް ރަށެކެވެ. އެރަށުގައި 130 ގެ ހުއްޓަސް މީހުން ދިރިއުޅެނީ 100 ގޭގަ އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީގެ ދަށުން ހިންގަމުން ގެންދާ އެނާޖީ ޑިޕާޓްމަންޓްގެ އޮފިޝަލަކު މިއަދު އަވަސް ވިދާޅުވީ ކުރިނބީއާ އެކު ހދ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށުގައި ސޯލާ ޕެނަލް ހަރުކޮށް މިދިޔަ ބުރާސްފަތި ދުވަހު ޓެސްޓް ހިދުމަތެއްގެ ގޮތުގައި ހިދުމަތް ދީފައިވާ ކަމަށެވެ. ހދ. އަތޮޅުގައި ކުރިއަށްދާ މަޝްރޫއު މިމަހުގެ ނިޔަލަށް އެއްކޮށް ނިންމާލުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވި އެވެ.

ސޯލާ ޕެނަލްތައް ހަރުކޮށް ހިދުމަތް ދޭން ފެށުމުން ކަރަންޓްގެ އަގުތައް ހެޔޮވެދާނެތޯ އެހުމުން އޭނާ ވިދާޅުވީ އެއީ ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުގެ މެދުގައި މަޝްވަރާ ކުރުމަށްފަހު ގޮތް ނިންމަންޖެހޭ ކަމަކަށްވާތީ މިވަގުތު އެކަމަށް އެއްޗެއް ދަންނަވަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

"ހަމަގައިމުގެ ވެސް މިމަޝްރޫއު އެއްކޮށް ނިމުމުން ތެލަށް ކުރާ ހަރަދު ކުޑަވާނެ. އެހެންކަމަށްވާނަމަ އަގަށް ބަދަލެއް އައުމަކީ ވެދާނެ ކަމަށް. އެކަމަކު ސީދާ އެއްޗެއް އެކަމުގައި ދަންނަވަން ދަތި،" އޭނާ ވިދާޅުވި އެވެ.